ބެޑްމިންޓަން އެސޯސިއޭޝަންގެ ޚާއްޞަ ސަމާލުކަމެއް މިއަހަރުވެސް އަތޮޅުތަކަށް އޮންނާނެކަމަށް އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރު އެންމެ ރަނގަޅަށް ހިންގި އެސޯސިއޭޝަންގެ ގޮތުގައި މޯލްޑިވްސް ސްޕޯރޓްސް އެވޯޑްސްގައި ފާހަގަކުރި އެސޯސިއޭޝަންގެ ރައީސް ވިދާޅުވީ އެޝަރަފް ލިބުނީވެސް އަތޮޅުތަކަށް ބޮޑު ސަމާލުކަމެއް ދީގެންކަމަށެވެ. މިދިޔަ އަހަރުވެސް ރަށްރަށުގެ ކައުންސިލްތަކާ ވަރަށް ގާތުން މަސައްކަތްކޮށް އަތޮޅުތަކުގައި މުބާރާތްތައް ބާއްވާ, އެމުބާރާތްތަކުގައި ރަށްރަށުގެ ބައިވެރިވުން އިތުރުކުރަން މަސައްކަތްކުރެއްވި ކަމަށެވެ. އެތަޖުރިބާގެ އަލީގައި މިއަހަރުވެސް އަތޮޅުތަކަށް ޚާއްޞަ ސަމާލުކަމެއް ދޭނެކަމަށް މޫސަ ވިދާޅުވިއެވެ.
އަތޮޅު ލީގު އަތޮޅުތެރޭގައި ބޭއްވުމުގެ ވިސްނުމެއް އަނެއްކާވެސް އޮތީ. މާލެ ނޫސް ހިސާބެއްގައި ބޭއްވުމުގެ މަޝްވަރާތައް މިދަނީ ކުރަމުން. އިންޓަރ ސްކޫލް ހަތަރު ޒޯނެއްގައި ބޭއްވޭނެ.މޫސާ ނާޝިދު/ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް
އަތޮޅުތަކުގައި މުބާރާތްތައް ބޭއްވުމުގެ މަޝްވަރާތައް ގުޅުންހުރި ފަރާތްތަކާއެކު ކުރަމުންދާކަމަށް މޫސަ ވިދާޅުވިއެވެ. އަތޮޅުތަކުގައި ބޭއްވޭ މުބާރާތްތަކުގެ އިތުރުން އެސޯސިއޭޝަންގެ ބޮޑަތި މުބަރާތްތައް ކަމަށްވާ ޤައުމީ މުބާރާތާއި, އެސޯސިއޭޝަން ޗެމްޕިއަންޝިޕް އޮންނާނެއެވެ. ރާއްޖެއިން ބޭރުގައި އޮންނަ ތިން ގޭމްސްއެއްގައި ޤައުމީ ޓީމް ވާދަކުރާނެއެވެ. އަދި ރާއްޖޭގައިވެސް އިންޓަރނޭޝަނަލް ދެ މުބާރާތެއް ބާއްވަން ދަނީ މަސައްކަތްކުރަމުންނެވެ.