ކ. މާލެ
|
24 މާރޗް 2023 | ހުކުރު 22:51
ޭރަންތާޖު ޤުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި އެ މުބާރާތުގެ ބައިވެރިން  --
ޭރަންތާޖު ޤުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި އެ މުބާރާތުގެ ބައިވެރިން --
ރަންތާޖު ޤުރުއާން މުބާރާތް
ރަންތާޖު ޤުރުއާން މުބާރާތް ފަށައިފި
މި މުބާރާތް ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 9:30ގައި ރާއްޖެ ޓީވީން ގެނެސްދޭނެ

ރަންތާޖު ޤުރުއާން މުބާރާތް ފަށައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ރަންތާޖު ޤުރުއާން މުބާރާތް ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު އަލީ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތަށްފަހު މުބާރާތުގެ ފުރަތަމަ ކިޔެވުން ހުކުރު ދުވަހުގެ ރޭ ވަނީ ފަށައިފައެވެ. ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 9:30ގައި ރާއްޖެ ޓީވީން ރަންތާޖު ޤުރުއާން މުބާރާތް ގެނެސްދޭނެއެވެ.

މި މުބަރާތުގެ އޮޑިޝަންގައި 111 މީހުން ވަނީ ބައިވެރިވެފައެވެ. ރާއްޖޭގެ 6 ސަރަހައްދެއްގައި މި މުބާރާތުގެ އޮޑިޝަންތައް ވަނީ ބާއްވާފައެވެ. މުބާރާތުގެ ފައިނަލަށް 20 ބައިވެރިން ހޮވާފައި ވަނީ އެއަށްފަހުގައެވެ.

މި މުބާރާތުގެ އޮޑިޝަންގައި ފަނޑިޔާރުންގެގޮތުގައި ރާއްޖޭގެ ފުންނާބު އުސް 10 ޤާރީން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. 3 ލައްކަ ރުފިޔާގެ އިނާމަކާއެކު ކުރިއަށްގެންދާ މި މުބާރާތުގެ ފަނޑިޔާރުންނަކީ އަލްޤާރީ އިބްރާހިމް ޝިފާއުއާއި އަލްޤާރީ މުހައްމަދު ތައުފީގާއި އަލްޤާރީ އަބްދުލް ވާހިދު އަބްދުﷲ، އަދި އައްޝައިޚް ނަސްރުﷲ އަލީއެވެ.

16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތަކީ ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

- ކޮމެންޓް