އާޖެންޓީނާގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލަޔޮނަލް މެސީގެ ކެރިއަރުގައި 800 ވަނަ ލަނޑު ޖަހައިފި އެވެ.
އޭނާ މި އަދަދަށް ލަނޑު ހަމަކުރީ ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދުމަށްފަހު ކުޅުނު ފުރަތަމަ މެޗުގައި ރޭ ޕެނަމާ އަތުން 2-0އިން މޮޅުވި މެޗުގަ އެވެ.
އާޖެންޓީނާގެ ބޮއިނަސް އައިރެސްގައި ކުޅުނު މެޗު ފެށުމުގެ ކުރިން ދުނިޔޭގެ ތަށި ހޯދި ކުޅުންތެރިންނަށް ސަޕޯޓަރުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
މެޗުގައި އާޖެންޓީނާގެ ފުރަތަމަ ލަނޑު ޖެހީ ތިއާގޯ އަލްމަޑާ އެވެ. މެސީ ލަނޑު ޖެހީ މެޗު ނިމެން އުޅެނިކޮށް ލިބުނު ހިލޭ ޖެހުމަކުންނެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން 99 ވަނަ ގޯލެވެ. ގައުމީ ޓީމަށް 100 ގޯލު ހަމަކުރުމަކީ މެސީގެ ވަރަށްބޮޑު ހުވަފެނަކަށްވާއިރު މި ޓާގެޓް ހާސިލްކުރަން އޭނާ އަށް އަންނަ އަންގާރަ ދުވަހު ފުރުސަތު ލިބިގެންދާނެ އެވެ.
ކެރިއަރުގައި މެސީ ޖަހާފައިވާ 800 ގޯލުގެ ތެރެއިން 672 ގޯލު ޖަހައިދީފައިވަނީ އޭނާގެ ކުރީގެ ކުލަބު ބާސެލޯނާ އަށް 17 ސީޒަނެއްގަ އެވެ. މިހާރުގެ ކުލަބު ޕީއެސްޖީ އަށް ޖަހައިދީފައިވަނީ 29 ގޯލެވެ.
ރޭގެ މެޗަށް ފަހު މެސީ ބުނީ ވޯލްޑްކަޕް ތަށި ހިފައިގެން ސަޕޯޓަރުންނާއެކު އުފާފާޅު ކުރުމަކީ އޭނާ އަބަދުވެސް ކުރަމުން އައި އުއްމީދެއް ކަމަށާއި އެކަން ހަގީގަތަކަށްވުމުން ވަރަށް އުފާވާ ކަމަށެވެ.
ރޭގެ މެޗުގެ ކުރިން އާޖެންޓީނާގެ ކޮންމެ ކުޅުންތެރިއަކަށް ހަދިޔާއެއްގެ ގޮތުން ވޯލްޑްކަޕްގެ ތައްޓެއް ދީފައިވެ އެވެ. އަދި މެޗުގެ ކުރިންނާއި ފަހުން ވެސް ވޯލްޑްކަޕްގެ ކާމިޔާބީ ފާހަގަކުރުން ދަނޑުގައި ބޭއްވި އެވެ.