އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ނެޓްވޯރކް ތެރޭގައި ހިމެނޭ ހުރިހާ ޑިވައިސްތަކުން ޓިކްޓޮކް ބްލޮކްކުރާނެކަމަށް ބުނެފިއެވެ.
އިނގިރޭސި ގާނޫނު ހަދާ މަޖިލީހުން މިގޮތަށް ނިންމާފައިމިވަނީ ސަރުކާރުގެ ހުރިހާ ޑިވައިސްތަކުން ޓިކްޓޮކް މަނާކޮށްފައިވަނިކޮށެވެ. މިއާއެކު އިނގިރޭސިވިލާތް ވެގެންގޮސްފައިވަނީ ހުޅަނގު ގައުމުތަކުގެ ތެރެއިން އެންމެފަހުން ޓިކްޓޮކް ބޭނުންކުރުން މަނާކުރި ގައުމަށެވެ.
އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މިނިންމުމާއެކު ޓިކްޓޮކްގެ ސްޕޯކްސްޕާސަން ވަނީ މިއީ އެކުންފުންޏާމެދު ގެންގުޅޭ ޞައްހަ ނޫން މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއްކަމަށް ވިދާޅުވެފައެވެ.
އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ ސްޕޯކްސްޕާސަން ވިދާޅުވީ ސަރުކާރުން ޓިކްޓޮކް ބޭނުންކުރުން މަނާކުރަން ނިންމި ނިންމުމާއެކު ހައުސް އޮފް ކޮމަންސް އަދި ލޯރޑްސްގެ ހުރިހާ ޑިވައިސްތަކުން ޓިކްޓޮކް ބްލޮކްވާނެކަމަށެވެ.
އެންމެ އިސްކަމެއްދޭ ކަމަކީ ސައިބަރ ސެކިޔުރިޓީ ކަމަށް ސްޕޯކްސްޕާސަން ވިދާޅުވިއެވެ.
އެމެރިކާ، ކެނެޑާ، ބެލްޖިއަމް އަދި ޔޫރަޕިއަން ކޮމިޝަނުން ވަނީ އެގައުމުތަކުގެ ރަސްމީ ޑިވައިސްތަކުން ޓިކްޓޮކް ބޭނުންނުކުރެވޭ ގޮތް ހަދާފައެވެ.
ޓިކްޓޮކްގެ ސްޕޯކްސްޕާސަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެތައް ފަހަރަކު އެދުމުންވެސް ސަލާމަތީ ކަންކަމާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް އެކުންފުންޏަށް ޖަވާބުދާރީވެ އެކަންކަން ސާފުކޮށްދިނުމުގެ ފުރުސަތު ދީފައިނުވާތީ އެކަމާ ހިތާމަކުރައްވާކަމަށެވެ.
މީގެއިތުރުން ޔޫރަޕްގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ ޑާޓާތައް މިހާރަށްވުރެ ބޮޑަށް ރައްކާތެރިކުރުމުގެ ޕްލޭނެއް މިހާރު ތަންފީޒުކުރަން ފަށާފައިވާކަމަށްވެސް ބަޔާނުގައިވެއެވެ. އޭގެތެރޭގައި އިނގިރޭސިވިލާތުގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތު އެކުންފުނީގެ ޔޫރަޕިއަން ޑާޓާ ސެންޓަރުގައި ބެހެއްޓުމަށާއި އެޑާޓާތަކާ ހަމައަށް ވާސިލުވުމުގައި ވަކި އިމެއް ކަނޑައެޅުމަށް ނިންމާފައިވާކަމަށް ބުނެފައިވެއެވެ.
ޗައިނާގެ ބައިޓްޑާންސް ކުންފުނީގެ އުފެއްދުމެއްކަމުގައިވާ ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތާމެދު ކަންބޮޑުވުން އުފެދިފައިވަނީ އެ ކުންފުނި ޗައިނާ ސަރުކާރުގެ ބާރުގެ ދަށަށް ގޮސްދާނެކަމަށް ހީވުމާއެކުއެވެ. އެއާއެކު ހުޅަނގުގެ ގައުމުތަކުން ވަނީ ޓިކްޓޮކް ބޭނުންކުރުމަކީ އެގައުމުތަކަށް ސަލާމަތީ ގޮތުން ކިހާ ރައްކާތެރިކަމެއްތޯ ސުވާލުއުފައްދަން ފަށާފައެވެ.
އަނެއްކޮޅުން ޓިކްޓޮކްގެ ޗީފް އެގްޒެކެޓިވް އާއި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އަންނަނީ އެޕްލިކޭޝަން ބޭނުންކުރުމުގައި ގައުމީ ސަލާމަތަށް ހުރި ނުރައްކަލާ ގުޅޭގޮތުން ސުވާލުކުރަމުންނެވެ.