ސައުދީ އަރަބިއްޔާ އާއި އިރާނުގައި އަލުން ދެ ގައުމުގެ އެމްބަސީ ހުޅުވުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށް ދެ ގައުމުގެ ފޮރިން މިނިސްޓަރުން ވީ އެންމެ އަވަހަކަށް ބައްދަލުކުރެއްވުމަށް އެއްބަސްވެފައިވާކަމަށް ސައުދީގެ ސްޓޭޓް ނިއުސް އެޖެންސީ ކަމުގައިވާ ސައުދީ ޕްރެސް އެޖެންސީ(އެސްޕީއޭ)ން ބުނެފިއެވެ.
މިމަހުގެ ކުރީކޮޅު ހަތް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު އިރާނާއި ސައުދީގެ ގުޅުން އަލުން ގާއިމުކޮށް ދެ ގައުމުގައި އަލުން އެމްބަސީ ހުޅުވުމަށް ވަނީ އެއްބަސްވެފައެވެ. އެސްޕީއޭން ރިޕޯޓްކޮށްފައިވާ ގޮތުގައި ސައުދީގެ ފޮރިން މިނިސްޓަރ ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައުދު އާއި އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އާމިރުއަބްދުﷲހިއަން ވަނީ ރަމަޟާން މަސް ފެށުމާއި ގުޅިގެން ފޯނުން ގުޅުއްވާ ވާހަކަދައްކަވާފައެވެ.
އިރާނުގެ ނިއުސް އެޖެންސީ އައި.އާރު.އެން.އޭން ރިޕޯޓްކޮށްފައިވާ ގޮތުގައި އިރާނުގެ ފޮރިން މިނިސްޓަރު ވަނީ މި ފޯނުކޯލުގައި ސައުދީ އާއެކު އިރާނުން ގުޅުން ބަދަހިކުރަން ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ. އައި.އާރު.އެން.އޭން އިތުރަށް ރިޕޯޓްކޮށްފައިވާ ގޮތުގައި ދެގައުމުގެ ފޮރިން މިނިސްޓަރުންވެސް ވަނީ ވީއެންމެ އަވަހަކަށް ބައްދަލުވުން ބާއްވަވާ އެމްބަސީތައް ހުޅުވުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް އެއްބަސްވެވަޑައިގަންނަވާފައެވެ.
އިރާނާއި ސައުދީއާ ދެމެދު އަލުން ގުޅުން ގާއިމުކުރުމަށް އެއްބަސްވުމަކާ ހަމައަށް އައިސްފައިވަނީ ޗައިނާގައި ދެ ގައުމުގެ މަތީ ފަންތީގެ އޮފިޝަލުން ކުރިޔަށްގެންދިޔަ މަޝްވަރާތަކަށްފަހުއެވެ.
ކަމާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި ދެގައުމުގެ ގުޅުން އަލުން އިއާދަކުރުމުން ދެ ގައުމަށްވެސް އޭގެން ފައިދާތަކެއްވެއެވެ. އެގޮތުން އެމެރިކާއިން އިރާނު އެކަހެރި ކުރަން ކުރާ މަސައްކަތް ދެގައުމުގެ ގުޅުމުގެ ސަބަބުން ނާކާމިޔާބުވުމުގެ ފުރުސަތު ބޮޑުވެގެންދާއިރު ސައުދީ އަރަބިއްޔާއަށް އެގައުމުގެ ތަރައްގީގެ މަޝްރޫޢުތަކަށް މިހާރަށްވުރެ ބޮޑަށް މަސައްކަތްކުރެވޭނެއެވެ.
ސައުދީ އަރަބިއްޔާއިން އިރާނާ އޮތް ގުޅުން ކަނޑާލީ 2016 ވަނަ އަހަރުއެވެ.