އިގްތިސާދީ ބޮޑެތި މައްސަލަތަކެއް ތަހައްމަލު ކުރަމުންދާ ސްރީލަންކާއަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން 3 ބިލިއަން ޑޮލަރުގެ ބެއިލް އައުޓް ޕެކެޖެއް ހަމަޖައްސާދީފިއެވެ.
އެގައުމުގެ ރައްޔިތުން މިވަގުތު ގެންދަނީ މިނިވަންކަން ލިބުނީއްސުރެ ކުރިމަތިވި އެންމެ ތަދު ދުވަސްތައް ތަހައްމަލު ކުރަމުންނެވެ. ކައްކާ ގޭހާ ބޭސްފަދަ މުހިންމު ތަކެތީގެ އިތުރުން އެންމެ ޒަރޫރީ ކާބޯތަކެތި ވެސް ލިބުން ދަތިވެ އަގުތައް އިންތިހާއަށް ވަނީ އުފުލިފައެވެ.
އައިއެމްއެފްގެ އެހީގެ ޕެކޭޖު ހޯދުމަށް ސްރީލަންކާއިން މަސައްކަތް ކުރަމުންގެންދާތާ އަހަރެއްހާ ދުވަސްވަނީ ވެފައެވެ. މިހާރު ވެސް އެ ގައުމުން ވަނީ އެތައް ބިލިއަން ޑޮލަރުގެ ލޯނުތައް ވެސް ނަގާފައެވެ.
މީޑިއާއަށް މައުލޫމާތު ދެއްވަމުން ސްރީލަންކާގެ ޚާރިޖީ ވަޒީރު އަލީ ސަބްރީ ވިދާޅުވިގޮތުގައި ދައުލަތަށް އާމްދަނީ އިތުރު ކުރުމަށް ސްޓޭޓް އޯންޑް އެންޓަރ ޕްރައިޒްތައް ރީސްޓްރަކްޗަރކޮށް ނެޝަނަލް އެއާލައިން ޕްރައިވަޓައިޒް ކުރަން ވަނީ ނިންމާފަ އެވެ. މިއާއެކު ވެސް އެނަލިސްޓުން ބުނާ ގޮތުގައި ސްރީލަންކާއަށް ކުރިއަށް އޮތް ދުވަސްތައް އަދިވެސް އެހާ ފަސޭހައެއް ނުވާނެއެވެ.
ސްރީލަންކާގެ އިގްތިސާދަށް ވެސް ކޮވިޑް ޕެންޑަމިކްގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާއިރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއި، ބައެއް ޓެކްސްތައް ކަނޑާލުމުގެ ސަބަބުން އައި ލޮޅުންތަކާއި އަދި 50 އިންސައްތައިގެ އިންފްލޭޝަނަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
ބޭހާއި ފިއުލް އަދި އެހެނިހެން ޒަރޫރީ ތަކެތި ލިބުން އިންތިހާއަށް ދަތިވެ ދިރިއުޅުމުގެ ޚަރަދުތައް އަތްނުފޯރާ ފަށަށް އެރުމުން އާންމުންގެ ނަފްރަތު ސަރުކާރަށް އަމާޒުވެ، އާންމުންގެ މުޒާހަރާތަކުގެ ސަބަބުން މިދިޔަ އަހަރުވަނީ އޭރު އޮތް ސަރުކާރު ވެސް ވެއްޓިފައެވެ. އަދި މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ވަނީ އެގައުމުގެ ދަރަނި ޑީފޯލްޓް ވެސް ވެފައެވެ.
ސަރުކާރުން މިއަހަރު ކުރީ ކޮޅު ވަނީ ޕްރޮފެޝަނަލް ގިންތިން 12.5 އިންސައްތައިން ފެށިގެން 36 އިންސައްތައިގެ އިންކަމް ޓެކްސްއެއް ނަގަން ވެސް ފަށާފައެވެ. އަދި ފިއުލް އާއި ކާބޯތަކެތި އެތެރެކުރުމަށް ފައިސާ ހޯދުމުގެ ގޮތުން ވަނީ އެހެން ބައެއް ޓެކްސްތައް ވެސް އިތުރުކޮށްފައެވެ.
2019 ވަނަ އަހަރު ގޮތަބަޔާ ރާޖަޕަކްސަގެ ސަރުކާރުން މުހިންމު ޓެކްސްތަކެއް ކަނޑާލުމުގެ ސަބަބުން ސަރުކާރުގެ އާމްދަނީ އިން 1.4 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް އުނިވެގެން ދިޔައެވެ.