ރާއްޖެއަށް ކުރިއަށް އޮތީ ހޫނުގަދަ ދުވަސްތަކެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑުގެ ސަރަހައްދުކަމުގައި ވުމުން ފިނިހޫނުމިނަށް ދުވަހުގެ ތެރޭގެ އަންނަނީ ކުޑަ ބަދަލުތަކެއް ކަމަށެވެ. އާންމު ގޮތެއްގައި ދުވަހުގެ ފިނިހޫނުމިން އުޅެނީ 25 ޑިގްރީ ސެލްސިއަސް އާއި 32 ޑިގްރީ ސެލްސިއަސް ދެމެދުގައެވެ.
އަހަރުގެ ދުވަސްތަކަށް ބަލާއިރު މާރިޗު، އެޕްރީލް އަދި މޭ (އިރުވައި މޫސުން) މަހުގެ ދުވަސްތަކުގައި އެހެން މަސްތަކާ އަޅާބަލާއިރު ހޫނުގަދަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އަދި މާރިޗު މަހުގެ އިތުރުން ކުރިއަށް އޮތް ދެމަހުގެ ތެރޭގައި ވެސް ހޫނު ގަދަ ދުވަސްތައް ގިނަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
ރާއްޖޭގައި އެންމެ މަތިން ފިނިހޫނުމިން ރެކޯޑު ކުރެވިފައި ވަނީ 19 މެއި 1991 ގައި ކައްދޫ މީޓިއޮރޮލޮޖިކަލް އޮފީހުގައެވެ. އެއީ 36.0 ޑިގްރީ ސެލްސިއަސް އެވެ. ރާއްޖޭގެ ފިނިހޫނުމިން އެންމެ ދަށަށް ދިޔަކަމަށް ރެކޯޑުކުރެވުނީ 18.2 ޑިގްރީ ސެލްސިއަސްއަށް 23 ޑިސެމްބަރު 2002 ގައި ހދ.ހަނިމާދޫ މެޓް އޮފީހުގައެވެ.
މަރޗް މަހުގެ އިތުރުން ކުރިއަށް އޮތް ދެމަހު ވެސް ރާއްޖެއަށް ހޫނުގަދަ ދުވަސްތައް ގިނަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވާއިރު، އަންގާރަ ދުވަހުގެ މެންދުރު 12:00ން ހަވީރު 5:00ށް ވ އަތޮޅުން ފެށިގެން ދ އަތޮޅަށް ވައިޓް އެލާޓް ވަނީ ނެރިފައެވެ. އަދި ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަދަވާނެ ކަމަށް ބުނެފައިވެއެވެ.