ޔޫރޮޕާ ލީގުން ކެޓިޔަސް, ޕްރިމިއަރ ލީގު ހޯދުމުގައި އާސެނަލް އޮތީ ރަނގަޅު ރޫހުގައިކަން އެކްލަބުން ސާބިތުކޮށްދީފިއެވެ.
ޔޫރޮޕާ ލީގުގެ ދެވަނަ ބުރުން ކެޓި މެޗަށްފަހު އެނބުރި އައިސް, އިނގިރޭސި ޕްރިމިއަރ ލީގުގައި ކްރިސްޓަލް ޕެލަސް ބަލިކޮށް އެއްވަނާގައި އަށް ޕޮއިންޓްގެ ލީޑެއް ވަނީ ނަގާފައެވެ. އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް ބަލިކުރީ 4-1 ނެވެ. މެޗުގައި އާސެނަލްގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ސަކާއެވެ. ފުރަތަމަ ލަނޑުޖަހާ ލީޑް ހޯދައިދިނީ ޔޫރޮޕާ ލީގުން ކެޓި މެޗުގައި ޕެނަލްޓީ ނާކާމިޔާބުވި މާޓިނެލީއެވެ. އާސެނަލްއަށް ދެން ލަނޑުޖަހައިދިނީ ޒަހާއެވެ.
އާސެނަލް އަށް ޕޮއިންޓްގެ ލީޑަކާއެކު އެއްވަނާގައި އޮތްއިރު ލީގުގައިއި އެޓީމަށް ބާކީ އޮތީ 10 މެޗެވެ. އޭގެ ތެރޭގައި ދެވަނާގައި އޮތް ޗެމްޕިއަން މެންޗެސްޓަރ ސިޓީއާ ވާދަކުރަން ޖެހޭ މެޗު އެބައޮތެވެ. އަދި ލިވަޕޫލާ ވާދަކުރަން ޖެހޭ މެޗުވެސް އެބައޮތެވެ. ޗެލްސީގެ އިތުރުން ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ ނިއުކާސަލް ޔުނައިޓެޑާ ވާދަކުރަންޖެހޭ މެޗުވެސް އެބައޮތެވެ. ލީގުގައި އާސެނަލްއަށް ކުރިއަށް އޮތީ އޭޕްރީލް އެއްވަނަ ދުވަހު ލީޑްސް ޔުނައިޓެޑާ ވާދަކުރާ މެޗެވެ.
އާސެނަލް ވަނީ ލީގުގައި ވިދިވިދިގެން ހަ މެޗުން މޮޅުވެފައެވެ. ކޯޗު އާޓެޓާ ބުނީ އެއީ ވަރަށް ރަނގަޅު ނަތީޖާތަކެއް ކަމަށާއި, އެމީހުންނަށް ކޮންޓްރޯލް ދެމެހެއްޓޭނެ ކަމަށެވެ. މިވަގުތަށް މުހިއްމީ އިންޓަރނޭޝަނަލް ބްރޭކަށްފަހުވެސް މިހާރު ކުޅުންތެރިން ތިބި ވިސްނުމާއި, ރޫހުގައި އެނބުރި އައުންކަމަށް އާޓެޓާ ބުންޏެވެ.