ޢިރާޤުގެ ދެކުނުގެ ސަރަޙައްދުގައި ދެމެމުންދާ ކޯރު ތެރޭގައި ބަންޑުންޖަހާލާ، ދަބަރަށް ވެފައި އޮތް ޔޮޓަކީ، ޢިރާޤުގައި ޚުދުމުޚުތާރު ވެރިކަމެއް ކުރި ލީޑަރެއްގެ ގޮތުގައި އެ ޤައުމުގެ ތާރީޚު ލިޔެފައި ވާ ސައްދާމް ޙުސައިންގެ ޔޮޓެކެވެ. މިއަދު ދަބަރަށް ވެ، ވީރާނާފައި ވާ އެ ޔޮޓަކީ، މީގެ 20 އަކަށް އަހަރު ދުވަސް ކުރިން، އެމެރިކާ ސިފައިން ޢިރާޤަށް އަރާ، އެ ވެރިކަމެއްގެ ނިމުން ގެނައި ސައްދާމުގެ "ގޮށްމުށުގެ ބާރުން" ކުރި ވެރިކަމުގެ ރަމްޒެކޭވެސް ބައެއް މީހުން ބުނެއުޅެއެވެ.
121 މީޓަރު ނުވަތަ 396 ފޫޓުގެ "އަލް-މަންސޫރު" ޔޮޓު ބަނދެފައި ވަނީ 1980ގެ އަހަރުތަކުގެ ތެރޭގައެވެ. ޔޮޓު ބަނދެފައި ވަނީ، އޭރު ސައްދާމުގެ ކިބާގައި ވާ މުއްސަނދި، ތަނަވަސްކަމާއި، ބާރުވެރިކަން ރަމްޒުކޮށްދޭ ފަޚްރެއްގެ ގޮތުގައެވެ. ނަމަވެސް، މިއަދު "އަލް-މަންސޫރު"ގެ ޙާލަތު މުޅިން ތަފާތެވެ. މިއަދު އެއީ ޢިރާޤުގެ މަސްވެރިން، ހުސްވަގުތު ހޭދަކޮށް، ސައި ތައްޓެއް ބޯލާ ހަދާލަން މަޑުކޮށްލާ މައިޒާނެކެވެ. ނޫނީ ތާރީޚާ ގުޅިފައިވާ މަންޒަރު ދުށުމަށް ލޯބިކުރާ މީހުން ދަތުރު ގޮސްލާ އުޅޭ މަންޒިލެކެވެ.
މީ ސައްދާމުގެ މިލްކިއްޔާތުގަ އޮތް ޔޮޓެއް ކަމަކަށް އަހްނަނަށް ޤަބޫލެއް ނުކުރެވޭ... މިއަދު މި ޔޮޓު ތެރޭގަ މިއުޅޭނީ ހަމަ އަހަންނޭވެސް ޤަބޫލެއް ނުކުރެވޭޙުސައިން ޞަބާހީ؛ ޢިރާޤުގެ މަސްވެރިއެއް
ދުވާލުގެ ވަޤުތުތައް، ކޯރުން މަސް ބޭނުމުގައި ބުރަކޮށް ހޭދަ ކުރުމަށްފަހު، ހަވީރު ފިންޏަށް ޔޮޓުގައި ސައިބޯލަން ލޯބިކުރާ މަސްވެރިއެއް ކަމަށް ޙުސައިން ޞަބާހީ ކިޔައިދިން ގޮތުގައި، ޢިރާޤުގެ ކުރީގެ ރައީސް ސައްދާމުގެ މިލްކިއްޔާތުގައި އެ ޔޮޓް އޮތް އިރު، އެއްވެސް މީހަކު، އެ ޔޮޓަކާ ގާތެއް ނުވާނެއެވެ.
ސައްދާމުގެ ބާރުގެ ދަށުގަ މި ޔޮޓް އޮތް އިރު، މިއާ ކައިރިއަށްވެސް މީހަކަށް ނާދެވޭނެ. އަހަރަމެން އޭރު ހުވަފެންތައް ދެކެމުން ދިޔައީ މި ޔޮޓް ބަލާލަން. މިހާރު އެ ޒަމާން މާޒީ ވެއްޖެ. ދުނިޔެ ބަދަލުވެއްޖެ. ޔޮޓު މިއޮތީ ބަންޑުން ޖަހާލާފަ.ޙުސައިން ޞަބާހީ؛ ޢިރާޤުގެ މަސްވެރިއެއް
ބުނެވޭ ގޮތުގައި "އަލް މަންސޫރު"އަކީ އެއްވެސް އިރެއްގައި ސައްދާމް ބޭނުން ކުރެއްވި ޔޮޓެއް ނޫނެވެ. ނަމަވެސް މަރޗް 20، 2003 ވަނަ ދުވަހު އެމެރިކާ ސިފައިން ޢިރާޤަށް އަރާ، ހަނގުރާމަ ފެށިތާ ދުވަސްކޮޅެއްގެ ތެރޭގައި، ޢުއްމު ޤަސްރާއިން ބަޞަރާއަށް ވާ ގޮތަށް، ޔޮޓުގެ ނަގިލި ދޫކޮށް، ރައްކާތެރި ކަމާއެކު އެ ޔޮޓު ބޭއްވުމަށް ސައްދާމު ޢަމުރެއް ނެރުއްވިއެވެ.
ކަން އެހެން އޮތް ނަމަވެސް، އެމެރިކާގެ އަސްކަރީ ފައުޖުތައް އިސްވެ އޮވެ، ޢިރާޤުގައި ކުރަމުންދިޔަ ވަރުގަދަ ހަނގުރާމައިގެ ތެރޭގައި، "އަލް-މަންސޫރު"އަށް ވަރުގަދަ ހަމަލާތަކެއް އަމާޒުވެ، އެންމެ ފަހުން ޝައްތު އަލް-ޢަރަބް އޮޅިއަށް ޔޮޓު ބަންޑުން ޖަހާލާ، ހަލާކުވީއެވެ.
އަހަރަމެން މި ޔޮޓު ބޭނުން ކުރަނީ ވަރުބަލި ފިލުވާ މައިޒާނަކަށް. ޔޮޓުގަ އެއްޗިހިތައް އަޅުވާލައިގެން މި ތިބެނީ. ބައެއް ފަހަރު، މި ޔޮޓު ކައިރިއަށް، އަހަރަމެން ދާވެސް ދޫކުރަން، މާސް ބާނަން. އަނެއް ބަޔަކު، މީގެ މައްޗަށް އަރާ ތިބެގެންވެސް މަސްބާނާނެ. ފޮޓޯ ނަގަންވެސް މީހުން އާދޭ މިތަނަށް. ދާރުލްއާޘާރެއް ކަހަލަ ގޮތަކަށް މިތަން ހަދާލީމަ މާ ރަނގަޅުވާނެ ހެން ހީވަނީ. ނޫނީ މިތަނުން މި ނަގާފަ، ދަޢުލަތުގެ މުދަލެއްގެ ގޮތުގަ މި ބޭއްވިއްޔާވެސް މާ ރަނގަޅުވާނެ ހެން ހީ ވަނީ.ޙުސައިން ޞަބާހީ؛ ޢިރާޤުގެ މަސްވެރިއެއް
ސައްދާމުގެ ވެރިކަން ވައްޓާލުމާއެކު، ގިނަ ބައެއްގެ ލޯ އެ ޔޮޓަށް އަމާޒުވިއެވެ. އަދި ޔޮޓު ލޫޓުވަން ފެށިއެވެ. ޔޮޓުގައި އެލުވާފައި ހުރި ބޮޑެތި ޗާންދަލިޔާތަކާ، ފަރުނީޗަރުތައް ނަގާ، ލޫޓުވިއެވެ. ޔޮޓު ބަނުމަށް ބޭނުންކޮށްފައިވާ ބައެއް ދަގަނޑުތައްވެސް ގެންދިޔަ ކަމަށްވެއެވެ.
ދަންޖައްސާ އަވަހަރާކޮށްލާފައި ވާ ސައްދާމުގެ މިލްކިއްޔާތުގައި 3 ޔޮޓެއް އޮތް އިރު، "އަލް-މަންސޫރު"އަކީ 200 މީހުންގެ ޖާގައިގެ ޔޮޓެކެވެ. ޔޮޓު ބަންދެފައި ވަނީ، ޔޮޓު ތެރެއަށް ހެލިކޮޕްޓަރުވެސް ޖެއްސޭ ގޮތަށް، ހެލިޕޭޑަކާ އެކީގައެވެ.
ސައްދާމުގެ މިލްކިއްޔާތުގައި އޮތް އިތުރު ޔޮޓެއް ވަނީ، ބަޞަރާގެ ހޮޓަލަކަށް ބަދަލުކޮށްފައެވެ.
ޢިރާޤުގެ ބައެއް މީހުން ބުނާ ގޮތުގައި "އަލް-މަންސޫރު"އަކީ ތާރީޚަށްޓަކާ ރައްކާ ކުރަންޖެހޭ އެއްޗެކެވެ. ނަމަވެސް، މިދިޔަ ދުވަސްތަކުގައި ޢިރާޤުގެ ވެރިކަމާ ޙަވާލުވި އެއްވެސް ސަރުކާރަކުން، އެކަމަށް އެއްވެސް ވަރެއްގެ ފައިސާއެއް ބަޖެޓްކޮށްފައެއް ނުވެއެވެ.
މި ޔޮޓަކީ އަގުހުރި ޖަވާހިރެއް ކަހަލަ އެއްޗެއް. ގޭގަ ބާއްވަންޖެހޭ ކަހަލަ، މަދުންނޫނީ ނުފެންނާނެ ކަހަލަ އެއްޗެއް މީ. މި ގޮތަށް މި ޔޮޓް އޮތީމަ އަހަރަމެން ވަރަށް ދެރަވޭ.ކެޕްޓަން ޒާހީ މޫސާ؛ ޢިރާޤުގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ކެޕްޓަނެއް
2003 ވަނަ އަހަރު އެމެރިކާގެ އޮފިޝަލުން އަންދާޒާ ކުރައްވާފައި ވާ ގޮތުގައި، ސައްދާމްއާއި އޭނާގެ ޢާއިލާއިން ނަހަމަ ގޮތުގައި ހޯދާފައި ވާ ފަންޑުގެ އަގު 40 ބިލިއަން ޑޮލަރަށް އަރައެވެ.