ހުކުރު ދުވަސް ފާހަގަކޮށްފައިވަނީ "ވަރލްޑް ސްލީޕް ޑޭ" ނުވަތަ ނިދީގެ މުހިންމުކަން އަންގާދިނުމުގެ ގޮތުން ފާހަގަކުރާ ދުވަހުގެ ގޮތުގައެވެ. މިއީ ހަމަނިދި ލިބުމުން މީހާއަށް ދުޅަހެޔޮ ސިއްހައްތެއް ލިބުމަށް އެހީވެދޭ މިންވަރު އަންގައިދީ އެކަމަށް ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ދުނިޔޭގެ ފެންވަރުގައި ކޮންމެ އަހަރަކު ވެސް ފާހަކަގަކުރާ ދުވަހެކެވެ. އަދި ހަމަނިދި ނުލިބުމުން ދިމާވާ އެކިއެކި ޑިސްއޯޑަރތަކުގެ މައުލޫމާތު އާންމު ކުރުން ވެސް މިދުވަސް ފާހަގަކުރުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
އިންޑިޔާގެ ބެންގަލޫރުގެ އޮފީހަކުން މި ދުވަސް ފާހަގަކުރުމުގެ ގޮތުން އެތަނުގެ މުވައްޒަފުން ބޭނުންނަމަ ނިދާލުމަށްޓަކައި ހުކުރު ދުވަސް އިތުރު ޗުއްޓީ ދުވަހެއްގެ ގޮތުން ދީފައިވާ ކަމަށް ވެއެވެ. ހުރިހާ މުވައްޒަފުންނަށް ފޮނުވި އީމެއިލެއްގައި "ސަޕްރައިޒް" އެއްގޮތަށް އެންމެންނަށް "ނިދީގެ ހަދިޔާ އެއް" ދޭކަމަށް ބުނެފައިވެއެވެ. އެންމެންނަކީ ވެސް އިތުރު ވަގުތު ނިދާލަން ބޭނުންވާ ބައެއްކަން ދެނެތިބެ، "ސްލީޕް ޑޭ" އަކީ ފެސްޓިވަލް ނުވަތަ އީދެއްގެ ގޮތަށް ފާހަގަކޮށްލަން ނިންމީ ކަމަށް "ވޭކް-ފިޓް ސޮލިއުޝަންސް" ކިޔާ އޮފީހުގެ ވެރިން ބުނެފައިވެއެވެ.
އެ ފަރާތުން ހަދާފައިވާ ދިރާސާއަކަށް ނިސްބަތްކޮށް ބުނެފައިވާ ގޮތުގައި 2022ވަނަ އަހަރުން ފެށިގެން މަސައްކަތު ގަޑީގައި ނިދިއަންނަ މީހުންގެ ނިސްބަތް 21 އިންސައްތަ އިތުރުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި ހެނދުނު ހޭލާއިރު ވެސް ވަރުބަލިވެފަ ހުންނަކަމަށް ބުނާ މީހުންގެ ނިސްބަތް ވެސް ވަނީ 11 އިންސައްތަ އިތުރުވެފައިކަމަށް ބުނެފައިވެއެވެ.
އެ ކުންފުނިން މީގެ ކުރިން ވަނީ އޮފީހުގައި "ނެޕް" ކުރުން ނުވަތަ ކުޑަ ވަގުތު ކޮޅަކަށް ނިދާލުމުގެ ހުއްދަ ވެސް މުވައްޒަފުންނަށް ދީފައެވެ. މިގޮތުން 30 މިނެޓު ނިދާލުމުގެ ހުއްދަ ދީފައިވެއެވެ.
މެންދުރުފަހު ކުޑަވަގުތު ކޮޅަކު ނިދާލުމަކީ މީހާ ތާޒާވެ ކުރަން އުޅޭ މަސައްކަތަށް ފޯކަސް ކުރެވޭ މިންވަރު އިތުރުކޮށްދޭ ކަމެއް ކަމަށް އެ ކުންފުނިން ވެސް ފާހަގަކޮށްފައިވެއެވެ. އަދި މެންދުރު ފަހު "ނެޕް" އެއް ނެގުމުގެ މުހިންމުކަމުގެ ވާހަކަ ބޮޑަށް ދެކެވެން ފެށުނީ "ވަރކް ފްރޮމް ހޯމް"، ނުވަތަ ގޭގައި ތިބެގެން މަސައްކަތް ކުރުން އާންމު ވި ހަމައިންކަން ފާހަގަކުރަމުން އެ ފަރާތުން ބުނެފައިވަނީ މުވައްޒަފުންގެ ނިންޖަށް އިސްކަން ދިނުމުގެ ހަރަކާތެއް އެ އޮފީހުން ފެށީ އެކަމުން މިސާލު ނަގައި، އެހެން ކުންފުނިތަކުން ވެސް އެގޮތަށް ކަންތައް ކުރާނެ ކަމުގެ އުންމީދުގައި ކަމަށެވެ.
މައުލޫމާތު : ވިއޯން ޗެނަލް