ކ. މާލެ
|
17 މާރޗް 2023 | ހުކުރު 16:40
ފިޔޯރީ ސްކޫލް ގައި ރޯވެފައި
ފިޔޯރީ ސްކޫލް ގައި ރޯވެފައި
ގދ. ފިޔޯރީ
ބާ އިމާރާތް އެނދި ފަހުން ފިޔޯރީ ސްކޫލް ދަތީގައި؛ ހައްލަކަށް ބޭނުންވެފައި!
ބޭނުން ވަނީ އަވަސް ހައްލެއް
އިވެންޓެއް ބާއްވާނެ ތަނެއް ނެތް
ސްކޫލްގައި ކިޔަވައިދެނީ ދެ ދަންފަޅިއަށް

މި އަހަރުގެ ޖަނަވަރީ އަށްވަނަ ދުވަހުގެ ހަވީރު މުޅި ގދ. ފިޔޯރީ ހަލަބޮލިވީ އެ ރަށު ސްކޫލުގެ ބާ އިމާރާތުގައި ރޯވުމުންނެވެ. ރައްޔިތު އެންމެން އެ ތަނަށް ގޮސް އަލިފާނުން ސްކޫލް ސަލާމަތްކުރަން މަސައްކަތް ކުރި ނަމަވެސް، އަލިފާންގަނޑު ފެތުރުންލެއް މާ އަވަހެވެ. އަލިފާންގަނޑު ފުރަތަމަ ފެތުރިގަތް ވަގުތު އެ ތަނާ ކައިރިވާކަށް ވެސް ފުރުސަތެއް ނުލިބުނެވެ. އެހެންކަމުން، ފިޔޯރީގެ އެތައް ދަރިއެއްގެ ތައުލީމީ ހަޔާތުގެ ބިންގާ އެޅި އެ އިމާރާތް އަނދާ އަޅިއަށްވެގެން ދާ މަންޒަރު ބަލަހައްޓައިގެން އެ ރަށުގެ ރައްޔިތުންނަށް ޖެހުނީ ތިބޭށެވެ.

1984ގައި ހުޅުވި އެ އިމާރާތުގައި އޭރު ވެސް ހަތަރު ވަރަކަށް ކްލާސް ނަގަމުން ދިޔައެވެ. ސްކޫލްގެ އެކި ހަފްލާތައް ބާއްވަން ވެސް ބޭނުންކުރަމުންދިޔަ މާލަމަކީ އެއީއެވެ. އެހެންކަމުން، ކިތަންމެ ބައު ވިޔަސް އަނދައިގެން ދިޔައީ ފިޔޯރީއަަށް އަގުބޮޑު އިމާރާތެކެވެ.

އެ ދުވަސް މާޒީވެ ހިނގައްޖެއެވެ. އެކަމަކު، އެ އިމާރާތް އަނދާ ހުލިވުމުގެ ސަބަބުން ފިޔޯރީގެ ރައްޔިތުންނަށް އުފުލަން ޖެހިފައިވާ ތަކުލީފު މިއަދު ބޮޑެވެ. އެ ރަށުގެ ދަރިވަރުންނާއި ޓީޗަރުންނަށް ލިބިފައިވާ ހިތްދަތިކަން ވެސް ބޮޑެވެ. ބެެލެނިވެރިންނަށް ވެސް ދަތިތައް އެބަހުއްޓެވެ. އެކަން އެހެން ނުވާންވީ ސަބަބެއް ނެތެވެ. މީގެ ކުރިން އެއްދަންފަޅިއަށް ކިޔަވައިދިން ސްކޫލެއް ކުއްލި ގޮތަަކަށް ދެ ދަންފަޅިއަށް ބަދަލުކުރަން ޖެހުމުން އުނދަގޫތަކެއް ހުންނާނެއެވެ. ޝަކުވާތަކެއް ވެސް ހުންނާނެއެވެެ.

ފިޔޯރީ ސްކޫލްގައި ހުންނަވާ އެ ރަށު ކައުންސިލްގެ ރައީސް ފައިޒަރު ވިދާޅުވީ ސްކޫލްގެ ބާ އިމާރާތް އަނދާ ހުލިވުމާއެކު އެ ސްކޫލްގެ އިތުރު ހަރަކާތްތައް މުޅިންހެން ހުއްޓިގެން ދިޔަ ކަމަށެވެ. އެ ގޮތުން، އެ އަނދައިގެން ދިޔަ އިމާރާތުގައި ހުރި ހޯލަކީ ސްކޫލުން ބާއްވާ ކޮންމެ އިވެންޓެއްގައި ވެސް ބޭނުންކުރާ ހޯލު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރަށުގެ އެހެން މުއައްސަަސާއަކުން އިވެންޓެއް ބާއްވަން ބޭނުންވިޔަސް ބާއްވަނީ ކުރިން އެ ތަނުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވީމަ ސްކޫލްގައި ކިޔަވައިދިނުން އެކަނި މިހާރު މި ކުރިއަށް ދެވެނީ. އިތުރު އެއްވެސް ހަރަކާތެއް، އެކްޓިވިޓީއެއް އެއްޗެއް ނުއެއް ހިނގާ. ދެން ސްކޫލްގައި ކިޔަވައިދިނުން ވެސް ވަރަށް ދަތިކޮށް މި ދަނީ، އެއް ދަންފަޅިއަކަށް ކިޔަވައިދެމުން ގޮސް ކުއްލިއަކަށް މި ބަދަލު އައީމަ ވަރަށް ދަތިތަކެއް އެބަ ދިމާވޭ
ފައިޒަރު ރަޝީދު / ގދ. ފިޔޯރީ ކައުންސިލްގެ ރައީސް

އޭނާ ވިދާޅުވީ މެންދުރުގެ ގަދަ ހޫނުގައި ކުޑަކުދިން ސްކޫލަށް ގެންދަން ޖެހުމަކީ ވެސް ދައްޗެއް ކަމަށާއި، ވަޒީފާތަކުގައި އުޅޭ ބެލެނިވެރިންނަށް ވެސް ދެ ދަންފަޅިއަށް ކިޔަވައިދޭތީ ދަތިތަކެއް އެބަހުރި ކަމަށެވެ.

ފައިޒަރު ވިދާޅުވީ އެ ހާދިސާއަށް ފަހު ސްކޫލުން ވަނީ ހުރިހާ މައުލޫމާތެއް އެޑިއުކޭޝަން މިނިސްޓްރީއާ ހިއްސާކޮށްފައި ކަމަށެވެެ. އަދި އެ ހާދިސާ ހިނގި ދުވަހު ނައިބު ރައީސް ފައިސަލް ނަސީމް ވެސް ގުޅުއްވައި އެ ސްކޫލްގެ ހާލަތު ބެއްލެވި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް، މި ކަމުގެ ކަންބޮޑުވުންތައް ހާމަކުރުމަށް މިނިސްޓަރާ ބައްދަލުކުރުމަށް ދެ ހަފްތާކުރިން އެޕޮއިންޓްމަންޓަކަށް އެދުނު ކަމަށާއި ނަމަވެސް އެ ފުރުސަތު ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ނައިބު ރައީސް ފައިސަލްއާ ބައްދަލުކުރައްވައި އެ ކަމުގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެ ފަހުން ދެ ހަފްތާ ވެގެން މި ދިޔައީ، ރަސްމީ ސިފައެއްގައި އިތުރު އެއްވެސް ކަމެއް މި ސްކޫލްގެ މެނޭޖްމަންޓާ ހަމައަށް ސަރުކާރުގެ މިނިސްޓްރީ ލެވެލުގައި ނުވަތަ އެހެން ލެވެލެއްގައި ވެސް އައި ކަމެއް ކައުންސިލާ ހަމައަކަށް ނެތް މައުލޫމާތު ލިިބިފައެއް
ފައިޒަރު ރަޝީދު / ގދ. ފިޔޯރީ ކައުންސިލްގެ ރައީސް

އޭނާ ވިދާޅުވީ މި ކަމަށް ހައްލެއް ނުލިބި ލަސްވެގެންދާ ލަސްވުމަކީ އެ ރަށުގެ ހުރިހާ ރައްޔިތުންނެއްގެ ވެސް ކަންބޮޑުވުމެއް ކަމަށެވެ. އަދި އެ ކަމަށް އަވަސް ހައްލަކަށް ބޭނުންވެފައިވާ ކަމަށް ވިދާޅުވިއެވެ.

ކަރަންޓު ސޯޓެއް ވެގެން ހިނގި އަލިފާނުގެ ހާދިސާއާއެކު ފިޔޯރީ ސްކޫލަށް ބައްދަލުކޮށްފައި މި ވަނީ ދަތި ދުވަސްތަކަކާއެވެ. ދަރިވަރުންނަށް އިތުރު ހަރަކާތެއް ބާއްވާލާނެ ތަނެއް ނެތެވެ. ސްކޫލްގެ ޕްރައިޒްޑޭ ބާއްވާލާނެ ހޯލެއް ނެތެވެ. މުނާސަބަތެއް ފާހަގަކުރާނެ ތަނެއް ވެސް ނެތެވެ. ކަންބޮޑުވުމުގެ ވާހަކަ ދެއްކިދާނެއެވެ. އެކަމަކު، ބޭނުން ވަނީ އަވަސް ހައްލެކެވެ. ފިޔޯރީ އެ އޮތީ އެ ދުވަހެއްގެ އިންތިޒާރުގައެވެ.

- ކޮމެންޓް
17 މާރޗް 2023 | ހުކުރު 16:55
ޢަހުމަދު
އިމާރާތް އެނދި ފަހުން މަދަހަ މުބާރާތާއި ޤުރުއާން މުބާރަތް ވެސް ބާއްވައިފި. އިތުރު ހަރަކާތެއް ނުހިންގައޭ ދެންނެވުމަކި އިތުރުފުޅެއް.