މިފްކޯގެ މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިތުރު ބޯޓެއް އަންނަ މަހުގެ ތެރޭގައި ގެނެވޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
މަސްވެރިކަން ރަނގަޅު ދުވަސްވަރު މިފްކޯގެ ކެޕޭސިޓީ ފުރި މަސްވެރިންނަށް މަސް ކިރުވުމަށް އަދިވެސް ދަނީ ދަތިތަކާއި ކުރިމަތިވަމުންނެވެ. އަދި މި މައްސަލަ ހައްލު ކުރުމަށް މިފްކޯއިން ދަނީ އެކި ލެވަލްގައި މަސައްކަތް ކުރަމުންނެވެ.
މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ރާއްޖެއެމްވީއަށް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލެއް މިފްކޯ އިން އަލަށް ގަނެފައިވާ ބޯޓު، ޖަޒީރާ 103 އިން ގެނެސްދޭނެ ކަމަށާއި، މިފްކޯގެ ކެޕޭސިިޓީ އިތުރުވެގެންދާ ކަމަށެވެ. އޭޕްރީލް މަހުގެ ތެރޭގައި ބޯޓު ގެނެވޭނެކަން ފާހަގަކުރައްވައި ފައުޒީ ވިދާޅުވީ މަސްވެރިންނަށް މަސް ކިރުވުމަށް ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ.
ފައުޒީ ވިދާޅުވީ މިފަހަރު މިގެނެވޭ ބޯޓުން ވެސް މަސް ގަނެ ގަނޑުކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށެވެ.
މިފްކޯގެ ފްލީޓުގައި މިހާރުވެސް މިފަދަ ދެ ބޯޓު އޮވެއެވެ. އެއީ ޖަޒީރާ 102 އާއި މަހާ ކަލަމިންޖާއެވެ. ޖަޒީރާ 102 އަކީ 100 ޓަނުގެ މަސް ރައްކާކުރުމުގެ ޤާބިލްކަން ހުރި ބޯޓެކެވެ. އަދި މަހާ ކަލަމިންޖާއަކީ 90 ޓަނާއި ހަމައަށް މަސް ގަތުމުގެ ގާބިލްކަން ހުރި ބޯޓެކެވެ.
ރާއްޖޭގައި މަސްވެރިކަން ރަނގަޅު ދުވަސްވަރު މިފްކޯގެ ކެޕޭސިޓީއަށްވުރެ ގިނައިން މަސް ބާނާ ދުވަސްތައް ވެސް އާދެއެވެ. މީގެ ސަބަބުން މިފްކޯއިން ލިމިޓެއް ކަނޑައަޅައެވެ. ނަމަވެސް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ކެޕޭސިޓީ އިތުރުކޮށް މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.