އަންނަ ސީޒަނުން ފެށިގެން ޓޮޓެންހަމުގެ ކޯޗަކަށް ފުލަމްގެ މިހާރުގެ ކޯޗު މާކޯ ސިލްވާ ހަމަޖެއްސުމަށް އެކުލަބުން މަސައްކަތް ފަށައިފި އެވެ.
އިނގިރޭސި ނޫސްތަކުން ބުނާ ގޮތުގައި ޓޮޓެންހަމުން އާ ކޯޗަކު ހޯދަން ފެށީ މިހާރުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އޭނާގެ ކޮންޓްރެކްޓް އައުނުކުރާނެކަން ގާތްގަނޑަކަށް ޔަގީންވުމުންނެވެ. ކޮންޓޭއާއެކު ޓޮޓެންހަމުން ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ.
ކޮންޓޭ ވަނީ ޓޮޓެންހަމުން ތަށި ލިބޭ ވަރުގެ ޓީމެއް ބިނާނުކުރާ ކަމަށް ބުނެ ހިތްހަމަނުޖެހިފަ އެވެ. އަދި ފަހަކަށް އައިސް އޭނާ އަށް ދިމާވި ސިއްހީ މައްސަލަތަކުގެ ސަބަބުން ޓީމާ ދުރުގައި ދެ މަހެއްހާ ދުވަހު ރުމަށްފަހު އަލުން ގުޅުނީ މިދިޔަ މަހު އެވެ.
ޗެލްސީ އާއި އިޓަލީގެ އިންޓަމިލާން އަދި ޔުވެންޓަސް އަށް ތަށި ތަކެއް ހޯދައިދިން ނަމަވެސް ޓޮޓެންހަމުގައި ކޮންޓޭ އަށް ތައްޓަކާ ހަމައަށް ދެވޭވަރެއްނުވި އެވެ. އަދި އެ ޓީމަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދުމަށް ވަނީ ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފަ އެވެ.
ސިލްވާ އަކީ ޓޮޓެންހަމުން މިންގަނޑުތަކަށް ފެތޭ ކޯޗެކެވެ. އެއީ މުސާރަ އާއި އޭނާގެ ޓްރެކް ރެކޯޑަށް ބަލައިގެންނެވެ. އަދި އޭނާ ވަނީ ފުލަމް ގޮވައިގެން މި ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެ ރެލިގޭޓް ނުވާނެކަން ވެސް ކަށަވަރުކޮށްފަ އެވެ. އޭނާގެ ކޯޗުކަމުގައި ފުލަމް އޮތީ އިނގިރޭސ ލީގުގެ އަށްވަނާގަ އެވެ. އެއީ ޓޮޓެންހަމަށްވުރެ ނުވަ ޕޮއިންޓް މަދު އަދަދެކެވެ. ފުލަމްއާއެކު ސިލްވާ ހަދާފައިވާ ކޮންޓްރެކްޓް ބާކީ އަދި އެއް އަހަރު އެބައޮތެވެ.