މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި ހޮވާ ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ތިން ކުޅުންތެރިން މިއަދު އިއުލާނުކޮށްފި އެވެ.
ކުޅިވަރާ ބެހޭ މިނިސްޓްރީން އިއުލާނުކޮށްފައިވާ ތިން ކުޅުންތެރިންނަކީ ގައުމީ ކެޕްޓަން އަލީ ހުޒާމް އާއި އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އަދި އާދަމް ނަސީމް (އެޑަމް) އެވެ. މީގެ ތެރެއިން މިދިޔަ އަހަރު މި މަގާމު ހޯދީ އެޑަމް އެވެ.
މޮޅު ވޮލީ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ތިން ކުޅުންތެރިންގެ ތެރެއިން ކާއްޓޭ އާއި އެޑަމް މިހާރު ބޮޑަށް ފެނިގެންދަނީ ބީޗް ވޮލީގައި ކާމިޔާބު ދެ ކުޅުންތެރިންގެ ގޮތުގަ އެވެ. ނަމަވެސް ހުޒާމް ވަނީ މިދިޔަ މަހު ނިމުނު ފޯ ނޭޝަންސް ވޮލީބޯޅަ މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އެންމެ މޮޅު ދުވުންތެރިޔާގެ މަގާމަށް ވާދަކުރަނީ މިދިޔަ އަހަރު އެ މަގާމު ހާސިލްކުރި ހަސަން ސާއިދާއި ޔޫސުފް އިބްރާހީމް އަދި ހުސައިން ފަޒީލް ހާރޫނެވެ. އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީ އާއި ފާތިމަތު ޖުމާނާ ނިމާލެ އެވެ. މީގެ ތެރެއިން މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިއަކީ ދީމާ އެވެ.
އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އިއުލާނުކުރާނީ ބުރާސްފަތު ދުވަހުގެ ރޭ ބާއްވާ ސްޕޯޓްސް އެވޯޑްސް ހަފުލާގަ އެވެ. މި ހަފުލާގައި ކުޅިވަރުގެ ބައިނަލް އަގްވާމީ ތަރިން ބައިވެރިވާނެ ކަމަށް ކުޅިވަރާ ބެހޭ މިނިސްޓްރީން ބުނެ އެވެ.