ކ. މާލެ
|
12 މާރޗް 2023 | އާދީއްތަ 12:58
މޯލްޑިވިއަންގެ ފްލައިޓެއް
މޯލްޑިވިއަންގެ ފްލައިޓެއް
ޓްވިޓަރ
މޯލްޑިވިއަންގެ ފްލައިޓަކަށް މައްސަލައެއް ދިމާވުން
ޓެކްނިކަލް މައްސަލައެއް ދިމާވެ މޯލްޑިވިއަންގެ ފްލައިޓެއް އެމަޖެންސީގައި ވީއައިއޭއަށް ޖައްސައިފި
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ

މޯލްޑިވިއަންގެ މަތިންދާ ބޯޓަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެމަޖެންސީގައި އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ޖައްސައިފިއެވެ.

މޯލްޑިވިއަންގެ މީޑިއާ އޮފިސަރު އަހުމަދު މުޝިލް ސޮބާހް އޮންލައިން ނޫހެއްކަމަށްވާ "ވަން" އަށް މިއަދު ވިދާޅުވީ، މިއަދު ހެނދުނު މާލެއިން ފުރައިގެން ލ. ކައްދުއަށް ފުރި އެ ބޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވިކަން ޕައިލަޓަށް ފާހަގަވީ ފުރިތާ މާގިނައިރު ނުވަނީސް ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށާއި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މޯލްޑިވިއަންގެ އިންޖިނިއަރުން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ސީދާ ދިމާވި މައްސަލަ ހާމަކުރެވޭކަށް ނެތްކަމަށާއި އިންޖިނިއަރިން ޓިމުން ދަނީ ދިމާވި މައްސަލަ ހައްލުކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންޖިނިއަރުން ހުއްދަ ދިންހާ އަވަހަކަށް ފުރޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބޯޓަށް ދިމާވީ ސީރިއަސް މައްސަލައެއް ނޫން ކަމަށާއި އެހެންކަމުން އެ ފްލައިޓުން ދަތުރުކުރުމަށް ހަމަޖެހިފައިވާ ފަސިންޖަރުން އެހެން ފްލައިޓަކަށް ބަދަލުކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް