ކ. މާލެ
|
10 މާރޗް 2023 | ހުކުރު 23:37
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ހާރިޖީ ވުޒާރާ
އިރާނާއެކު ރާއްޖެއިން ސިޔާސީ ގުޅުން ގާއިމުކުރުން
ދިވެހި ސަރުކާރުން އިރާނާއެކު އަލުން ސިޔާސީ ގުޅުން ގާއިމުކުރަނީ
ރާއްޖެއިން އިރާނާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލީ 2016 ވަނަ އަހަރު
އަލުން ސިޔާސީ ގުޅުން ގާއިމުކުރުމަށް ނިންމާފައިމިވަނީ އިރާނާއި ސައުދީން އަލުން ސިޔާސީ ގުޅުން ގާއިމުކުރުމަށް ނިންމުމާއި ގުޅިގެން
ރާއްޖެއިން ވަނީ ގުޅިފައިވާ ބަޔާނަށް މަރުޚަބާ ކިޔާފައި

ދިވެހި ސަރުކާރުން އީރާނާއެކު އަލުން ސިޔާސީ ގުޅުން ޤާއިމުކުރުމަށް ނިންމައިފިއެވެ.

އެކަމާއި ގުޅިގެން ދިވެހި ސަރުކާރުން ބުނީ ސަޢޫދީ ޢަރަބިއްޔާ އާއި އީރާނުން ދެޤައުމުގެ މެދުގައި އަލުން ސިޔާސީ ގުޅުން ޤާއިމުކޮށް ދެޤައުމުގެ އެމްބަސީތައް އަލުން ހުޅުވުމަށާއި ޤައުމުތަކުގެ ސިޔާދަތަށް ޙުރުމަތްތެރިކޮށް ހިތުމާއި، ޤައުމުތަކުގެ ދާޚިލީ ކަންކަމާ ނުބެހުމާ ގުޅޭ އަސާސް އަލުން ކަށަވަރުކޮށް ސަޢޫދީ ޢަރަބިއްޔާ އާއި އީރާނާއި ޗައިނާއިން ނެރެފައިވާ ގުޅިފައިވާ ބަޔާނަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔާކަމަށެވެ.

މީގެއިތުރުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް ވަނީ ރާއްޖެއިން އަލުން އިރާނާއެކު ސިޔާސީ ގުޅުން ގާއިމުކުރަން ނިންމާފައިވާކަން ހާމަކުރައްވާ ޓްވީޓްކުރައްވާފައެވެ.

ރާއްޖެއިން އިރާނާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އިރާނާއި ގުޅުން ކަނޑާލިކަން ހާމަކޮށް އޭރު ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ "އަރަބި ގަލްފު ސަރަޙައްދުގެ ހަމަޖެހުމާއި ސުލްހަ ދެމެހެއްޓުމަކީ، ރާއްޖޭގެ ސަލާމަތާއި ހަމަޖެހުމާވެސް ގުޅިފައިވާ ކަމަކަށްވާތީ އާއި ނަމަވެސް، އެސަރަހައްދުގެ ސުލްހައަށް އިރާނުން ހުރަސް އަޅަމުންގެންދާ ދިއުމަކީ ރާއްޖެއިން އެކަން ކުށްވެރިކުރާ ކަމެއްކަމަށްވާތީ" ކަމަށެވެ.

ގަލްފުގައި ފިތުނަތައް އިތުރުވެ، ޔަމަނުން ފެށިގެން ސީރިއާއާ ދެމެދުގެ ހަމަނުޖެހުންތައް ފުންވެފައިވާ ހަތް އަހަރުގެ ޑިޕްލޮމެޓިކް ގުޅުން ކެނޑުމަށް ފަހު އީރާނާއި ސައުދީ އަރަބިއްޔާއާ ދެމެދު ގުޅުން އަލުން ގާއިމް ކުރުމަށް ހުކުރު ދުވަހު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. މި އެއްބަސްވުމުގައި އާދެވުނީ މެދުއިރުމަތީގެ ވާދަވެރި ދެ ބާރުގެ ސަލާމަތީ އިސް އޮފިޝަލުންގެ މެދުގައި ބެއިޖިންގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު އެވެ.

މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން އީރާނާއި ސައުދީ އަރަބިއްޔާއިން އެއްބަސްވީ ޑިޕްލޮމެޓިކް ގުޅުންތައް އަލުން ފެށުމަށާއި އެމްބަސީތައް ދެ މަސް ދުވަހުގެ ތެރޭގައި އަލުން ހުޅުވުމަށް ކަމަށް އީރާނުގެ ނޫސް އެޖެންސީ އިރްނާ އިން ރިޕޯޓްކޮށްފައިވެއެވެ.

އީރާނާއި ސައުދީ މީޑިއާއިން ބުނެފައިވަނީ ދެގައުމުގެ ބަޔާނުގައި އިސްތިގުލާލަށް އިހުތިރާމްކުރުމާއި އެއް ގައުމު އަނެއްގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް ބާރުއަޅާފައިވާ ކަމަށެވެ.

ސައުދީ އަރަބިއްޔާއިން އީރާނާ ގުޅުން ކަނޑާލީ 2016 ވަނަ އަހަރު ތެހެރާނުގައި ހުންނަ އެގައުމުގެ އެމްބަސީއަށް ތޫފާނެއް އަރައި ރިޔާދުން ޝިޔައީ ދީނީ އިލްމުވެރިއަކު މަރާލުމާ ގުޅިގެން ދެގައުމުގެ ދެމެދުގައި ހިނގި މައްސަލައަކާ ގުޅިގެންނެވެ.

- ކޮމެންޓް