ކ. މާލެ
|
10 މާރޗް 2023 | ހުކުރު 07:12
ނާއިބު ރައީސް ފައިސަލް ނަސީމް
ނާއިބު ރައީސް ފައިސަލް ނަސީމް
އެޑިޔުކޭޝަން މިނިސްޓްރީ
މާސްޓަރސް އޮފް އެޑިޔުކޭޝަނަލް މެނޭޖްމަންޓް
ޕްރިންސިޕަލުން ޒިންމާ އަދާކުރުމުގައި ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކޮށްދެއްވުމަށް ނާއިބު ރައީސް އެދިވަޑައިގެންފި
ޤައުމަށް އެންމެ ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދޭ

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް، މެލޭޝިއާގެ ޔުނިވަރސިޓީ މަލާޔާއިން "މާސްޓަރސް އޮފް އެޑިޔުކޭޝަނަލް މެނޭޖްމަންޓް" ކޯސްފުރިހަމަކޮށް ސްކޫލުތަކާ ގުޅިވަޑައިގަންނަވާ ޕްރިންސިޕަލުންނަށް އެ ބޭފުޅުންގެ މަޤާމުގެ މަސްއޫލިއްޔަތުގެ ލިޔުން ހަވާލުކޮށްދެއްވައިފިއެވެ.

ޕްރިންސިޕަލުން ތަމްރީނުކުރުމަށް ކުރިޔަށްގެންދިޔަ ސްކޮލަރޝިޕް ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި، "މާސްޓަރސް އޮފް އެޑިޔުކޭޝަނަލް މެނޭޖްމަންޓް" ކޯސް ފުރިހަމަކޮށް ސްކޫލުތަކާ ގުޅިވަޑައިގަންނަވާ 17 ބައިވެރިންނަށް އެ ބޭފުޅުންގެ މަޤާމުގެ މަސްއޫލިއްޔަތުގެ ލިޔުން ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތު އޮތީ ޗަމްޕާ ސެންޓްރަލް ހޮޓެލުގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި ޤައުމަށް އެންމެ ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ގިނަ ދާއިރާތަކަކަށް އަމާޒުކޮށް މީހުން ތަމްރީނުކުރުމަށް ސަރުކާރުން މިހާރުވެސް ޕްރޮގްރާމުތަކެއް ފަށައިގެން ކުރިޔަށްގެންދާކަން ފާހަގަކުރައްވައި އޭގެ ބައެއް ތަފުޞީލުތަކަށް އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން ރަސްމިއްޔާތުގައި މަޤާމުގެ ލިޔުމާ ހަވާލުވެވަޑައިގެންނެވި ޕްރިންސިޕަލުން އެބޭފުޅުންގެ ޒިންމާ އަދާކުރެއްވުމުގައި ކަމާގުޅޭ ހުރިހާ ފަރާތްތަކާ ގުޅިގެން، އެއް އަމާޒަކަށް ވާޞިލުކުރުމަށް މަސައްކަތްކޮށްދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އެދިވަޑައިގެންނެވިއެވެ.

ޕްރިންސިޕަލުންނަށް ހިންގި މި ސްކޮލަރޝިޕް ޕްރޮގްރާމަކީ ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޕްރިންސިޕަލުން ތަމްރީނުކުރުމުގެ މަޤްޞަދުގައި 2022 ވަނަ އަހަރު ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން މެލޭޝިއާގެ މަލާޔާ ޔުނިވަރސިޓީގައި ކުރިޔަށްގެންދިޔަ "މާސްޓަރސް އޮފް އެޑިޔުކޭޝަނަލް މެނޭޖްމަންޓް" ކޯސް ފުރިހަމަކޮށް މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 17 ފަރާތަކުން ވަނީ ސެޓްފިކެޓް ޙާޞިލުކޮށްފައެވެ.

ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ހިންގާ ސްކޮލަރޝިޕް ޕްރޮގްރާމަކީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ސްކޮލަރޝިޕް ޕްރޮގްރާމުގެ 2 ވަނަ ބުރު މިއަހަރު ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު މުޅި މި ޕްރޮގްރާމް ނިމޭއިރު ސަރުކާރުން ހިންގާ ހުރިހާ ސްކޫލަކަށް ތަމްރީނު ލިބިފައިވާ ދިވެހި ޕްރިންސިޕަލުން ތިބޭނެއެވެ.

- ކޮމެންޓް