ކ. މާލެ
|
3 ޖުލައި 2017 | ހޯމަ 16:17
މަޖިލީހުގެ މެޖޯރިޓީ މެންބަރުގެ ސޮޔާ އެކު މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހަޅަނީ
މަޖިލީހުގެ މެޖޯރިޓީ މެންބަރުގެ ސޮޔާ އެކު މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހަޅަނީ
ރާއްޖެ އެމްވީ
މަޖިލީހުގެ މެޖޯރިޓީ ގެއްލުން
މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!
މިނިވަން މުއައްސަސާތަކަށް ބަދަލު އަންނާނެ
ޝަރުއީ ދާއިރާ އިސްލާހްކުރުމަކީ އިދިކޮޅު ފަރާތްތަކުގެ އެޖެންޑާގެ ކުރީގައިވާ ކަމެއް
ގިނަ ގާނޫނުތަކަކަށް ބަދަލު ގެނައުމަކީ ލިސްޓްގައިވާ ކަމެއް

ރާއްޖޭގައި ރިޔާސީ މަސްހުނި ނިޒާމެއް އޮތް ނަމަވެސް ކަންކަން ބައްޓަން ވެފައި ވަނީ ބަރުލަމާނީ ނިޒާމަކަށެވެ. އެހެންކަމުން ބާރުތައް ވަކިވެފައި ވިޔަސް އެންމެ ބޮޑު ބާރަކަށް ވެފައި އޮންނަނީ ރައްޔިތުންގެ މަޖިލީހެވެ. މަޖިލީހުގެ މެޖޯރިޓީ އޮތް ނަމަ ނުކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އަދި މެޖޯރިޓީ ނެތް ނަމަ ކަންކަން ކުރުމުގެ މަގު ވެސް ބަންދުވީއެވެ. މީގެ ކުރިން އެމްޑީޕީގެ ވެރިކަމުގައި މި މައްސަލަ ކުރިމަތިވިއެވެ. ނަތީޖާއެއްގެ ގޮތުން އެތައް ކަމެއް ހުއްޓިފައި ހުއްޓެވެ. މިހާރު އަނެއްކާ ވެސް މިވަނީ އެފަދަ ހާލަތެއް މެދުވެރިވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތްކަން ފާސްކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުގައި މަޖިލީހުގެ މެޖޯރިޓީ ވަނީ އިދިކޮޅު ފަރާތްތަކުގެ ކޮޅަށް އަނބުރާލާފައެވެ. ހޯމަ ދުވަހު އެ މައްސަލަ މަޖިލީހަށް ވެއްދީ 45 މެންބަރުންގެ ސޮޔާ އެކުގައެވެ. އޭގެ ތެރެއިން މިހާތަނަށް ސޮއިނުކުރައްވާ ކަމަށް ވިދާޅުވެފައި ވަނީ އެންމެ މެންބަރެކެވެ. އެހެންކަމުން މި މައްސަލައިގައި މެޖޯރިޓީ މި ވަނީ ސަރުކާރާ ދެކޮޅަށް އެނބުރިފައެވެ. ދެން އޮތް ސުވާލަކީ ކުރިއަށް އޮތް ދުވަސްތަކުގައި އެ މެޖޯރިޓީ ސަރުކާރާ ދެކޮޅަށް އެގޮތުގައި އޮވެދާނެބާއެވެ؟

އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މެޖޯރިޓީ އެގޮތުގައި ދެމެހެއްޓޭނެ ކަމަށެވެ. ސޮއިނުކުރައްވާ ބޭފުޅުންގެ ތެރޭގައި ވެސް ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ގިނަ ބޭފުޅުންތަކެއް އެބަ ތިއްބެވި ކަމަށެވެ. އެހެންކަމުން މެޖޯރިޓީއަކީ ޔަގީން ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިދިކޮޅު ފަރާތްތަކަށް މެޖޯރިޓީ ލިބިއްޖެ ނަމަ ސަރުކާރު ބަދަލުކޮށްލުމަށް ނުވަތަ ސަރުކާރުން ހިންގުމަށް ބޮޑު ހުރަހެއް ކުރިމަތިކުރެވިދާނެ އެވެ. ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ދުރުކުރުމަށް ބޭނުން ވަނީ 64 މެންބަރުންގެ ތާއީދެވެ. ފަހަރުގައި އެއީ ވެދާނެ ކަމެއް ކަމަށް ގިނަ ބަޔަކަށް ގަބޫލުނުކުރެވިދާނެއެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން އެއީ ނުވާނެ ކަމެކޭ ވެސް ބުނެވޭކަށް ނެތެވެ. ސަރުކާރުން މީގެ ކުރިން ވަނީ އެ އަދަދު ހަމަކޮށްފައެވެ. ގާނޫނުއަސާސީ އަށް ބަދަލު ގެނައީ އިދިކޮޅު ފަރާތްތަކުގެ ވޯޓު ސަރުކާރުކޮޅަށް އަނބުރާލައިގެންނެވެ. އެހެންކަމުން 64 ހަމަކުރުމަކީ ނުވާނެ ކަމެއް ނޫނެވެ.

އިދިކޮޅަށް މެޖޯރިޓީ އެނބުރެމުން އެތައް ކަމެއް ބަދަލުވެގެން ހިނގައިދާނެއެވެ. މިނިވަން މުއައްސަސާތަކުގެ މެންބަރުން ހޮވުމުގެ ބާރު އޮތީ މަޖިލީހަށެވެ. މަޖިލީހުގެ ރައީސްގެ ވޯޓު ފާސްވެއްޖެ ނަމަ މި ވަގުތު ސަރުކާރުގެ އަޅުވެތިކަމެއްގައި ތިބި މިނިވަން މުއައްސަސާތަކުގެ މެންބަރުން ޖެހިލުން ވާނެއެވެ. ސަރުކާރުން ހިތް ރުހޭހާ ގޮތަކަށް އަމަލުކުރަމުން ދާ މިނިވަން މުއައްސަސާތަކުގެ މެންބަރުން އެތަންތަނުން ބޭރުކުރުމުގެ ބާރު އޮތީ މަޖިލީހަށެވެ. އެހެން ކަމުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި އެ ނޫން ވެސް މިނިވަން މުއައްސަސާތަކަށް ބަދަލުތަކެއް އައުމަކީ ދުރުކަމެއް ނޫނެވެ. މިހާރު ތިއްބެވި ބައެއް ބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ޔަގީނުން ވެސް މަޖިލީހަށް ވަންނާނެއެވެ. އެހެން ކަމުން ދެން އަލުން ރައީސް ހުށަހަޅުއްވާ ނަންފުޅަކަށް ތާއީދު ލިބޭނީ އެ ބޭފުޅެއްގެ ކްރެޑިބިލިޓީ އަށް ބެލުމަށް ފަހުގައެވެ. އެހެންކަމުން ކުރިމަތިލައްވާ ނުވަތަ ރައީސް ހުށަހަޅުއްވާ ބޭފުޅުން ވެސް އެކަންކަމާ މެދު ވިސްނާނެއެވެ.

ސަރުކާރެއް ހިންގުމަށް އެންމެ މުހިންމު ކަމަކީ ސަރުކާރުން ބޭނުންވާ ގޮތަށް ގާނޫނުތައް ބައްޓަންކުރުމެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލިސް އިދިކޮޅު ފަރާތްކުގެ އަތް ދަށަށް ދިއުމުން އެކަމަށް ހުރަސް އެޅިގެންދާނެއެވެ. އަދި ކުރިން ފާސްކޮށްފައި ހުރި ގިނަ ގާނޫނުތަކަކަށް ބަދަލު ގެނައުމަކީ ވެސް އިދިކޮޅު ފަރާތްތަކުގެ ވިސްނުމެކެވެ. އެގޮތުން އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ނަމުގައި ފާސްކޮށްފައިވާ ގާނޫނަކީ މި ލިސްޓްގެ ކުރީގައި އުޅޭ ގާނޫނެކެވެ. މީގެ އިތުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް އޮތް އޮތުމާއި ލާމަރުކާޒީ ގާނޫނަށް ގެނެސްފައިވާ ބަދަލުތަކާއި އެނޫން ވެސް ގިނަ ގާނޫނުތަކެއް އިސްލާހު ވެގެން ދާނެ ކަމަށް ބެލެވެއެވެ. ނަތީޖާއެއްގެ ގޮތުގައި ފާއިތުވި ތިން އަހަރެއްހާ ދުވަހު ސަރުކާރުން ގެނައި ބަދަލުތައް އެފުށް މިފުށަށް ޖެހިގެންދާނެއެވެ.

ދެން އޮތީ ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއުތަކެވެ. އެކަމުގައި ވެސް ހުރަސްތައް ކުރިމަތިވާނެއެވެ. މަޝްރޫއުތަކަށް ބޭނުންވާ ބަޖެޓަށް ހުރަސްތައް ކުރިމަތިވާނެއެވެ. ބޭރުން ލޯނު ހޯދުމުގައި މަޖިލީހުގެ ރުހުން ހޯދުމަކީ ވެސް ފަސޭހަ ކަމަށް ނުވާނެއެވެ. ކޮމިޝަންތަކަށް ގެނެވޭ ބަދަލުތަކާ އެކު ސަރުކާރުގެ މައްސަލަތައް ބަލަން ފަށައިފި ނަމަ އެއީ ވެސް ސަރުކާރަށް ކުރިމަތިވާނެ ހުރަހެކެވެ. މަޝްރޫއުތައް ހުއްޓިދާނެ ކަމެކެވެ.

ޝަރުއީ ދާއިރާ ވެސް ބައްޓަންކުރުމުގެ ބާރު އޮތީ މަޖިލީހަށެވެ. އެހެންކަމުން މަޖިލީހު ތިލަފަތަށް އަންނަ ކޮންމެ ބަދަލަކީ ޝަރުއީ ދާއިރާގެ ތިލަފަތަށް ވެސް ބަދަލު އަންނާނެ ކަމެކެވެ. ޝަރުއީ ދާއިރާ އިސްލާހްކުރުމަކީ އިދިކޮޅު ފަރާތްތަކުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތް ކަމެކެވެ. އެހެންކަމުން މިވަގުތު ފަނޑިޔާރުގެތަކުގައި ތިއްބެވި ބޭފުޅުން ވެސް އެކަމާ މެދު ވިސްނާވާނެއެވެ.

ވެރިކަން ކުރުމުގެ ބާރުގެ ބާރުވެރިކަން ބިނާވެފައި ވަނީ މަޖިލީހުގެ މައްޗަށެވެ. އެހެންކަމުން މަޖިލީހުގެ މެޖޯރިޓީ އިދިކޮޅަށް ބުރަވެއްޖެ ނަމަ ވެރިކަން ކުރާ ބާރުގެ ބަލިކަށިވެގެން ދާނެއެވެ. އަދި ސަރުކާރުން ކުރަން ބޭނުންވާ ކަންކަމުގައި މަރުތަޅު އެޅި ސަރުކާރު ހިންގުމަށް ދަތިތައް ކުރިމަތިވާނެއެވެ. އާޚިރު ނަތީޖާއަކީ އިސްތިއުފާކަމުގައި ނުވަތަ އާ ސަރުކާރެއް އެކުލަވައިލުން ކަމުގައި ވެދާނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް