ލޯކަލް މާުރުކޭޓު ހުރި ތަނުގައި ހަތަރު ބުރީގެ އިމާރާތެއް އަޅާނެ ކަމަށް މާލޭސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގެ މީހުންނާ ބައްދަލުކުރެއްވުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުކުރެއްވުމުގައި މުއިއްޒު ވިދާޅުވީ މިހާރު ހުރި ލޯކަލް މާރުކޭޓް އީދަށްފަހު ބަންދުކޮށް އެ ހިދުމަތް އެހެން ތަނަކަށް ވަގުތީ ގޮތުން ބަދަލުކުރެވޭނެ ކަމަށެވެ. އެ ކަން ކުރަނީ އެ ތަނުގައި ހަތަރުބުރީގެ އެންމެ ޒަމާނީ އިމާރާތެއް ބިނާކުރުމަށްޓަކައިކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ތަނުގައި އަޅާ އިމާރާތުގެ ޖާގަ ތަނަވަސްވާނެ ކަމަށާއި ހިދުމަތް ފަސޭހަވެފައި އަވަސްވާނެ ކަމަށް ވެސް ވިދާޅުވިއެވެެ.
މުއިއްޒު ވިދާޅުވީ އެ އިމާރާތުގައި ތިން މާރުކޭޓެއް ހުންނާނެ ކަމަށެވެ. އެއީ އެންމެ ޒަމާނީ މަސް މާރުކޭޓަކާއި ލޯކަލް މާރުކޭޓަކާއި ދަތުރުވެރިންގެ މާރުކޭޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރުން ހުރަސް ނާޅައިފިނަމަ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މި މާރުކޭޓް ނިންމައި ހުޅުވާނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.