މެޗު ހަމަކުރިއިރު އާސެނަލްއިން އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނާގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
މިސީޒަންގެ ލީގުގައި އާސެނަލް ކުޅުނު 25 ވަނަ މެޗުގައި ބުދަ ދުވަހުގެރޭ އެވަޓަން އަތުން މޮޅުވެ ހޯދި ތިން ޕޮއިންޓާއެކު އެއްވަނާގައި އޮތީ 60 ޕޮއިންޓާއެކުއެވެ. ހަމަ އެއަދަދަށް މެޗު ކުޅެގެން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ދެވަނާގައި އޮތީ 55 ޕޮއިންޓާއެކުއެވެ. ތިންވަނާގައި އޮތީ 49 ޕޮއިންޓާއެކު މެންޗެސްޓަރ ޔުނައިޓެޑެވެ. އެއީ 24 މެޗުންނެވެ.
އެވަޓަން އަތުން އާސެނަލް ހޯދީވެސް ބޮޑު މޮޅެކެވެ. އާސެނަލްގެ ދަނޑުގައި ކުޅުނު މެޗު ކާމިޔާބުކުރީ 4-0 ނެވެ. މެޗުގައި ގަބްރިއެލް މާޓިނެލީ ދެ ގޯލް ޖެހިއެވެ. ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ފުރަތަމަ ލަނޑުޖަހާ ކުރި ހޯދައިދިނީ ސަކާއެވެ. މެޗުގައި އާސެނަލްއަށް ދެން ލަނޑު ޖަހައިދިނީ ކެޕްޓަން އޮޑެގާޑެވެ.