ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެ ގެންނަން ހަވާލުކުރި ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަން މައްސަލައިގައި ދައުވާކުރުމާމެދު މި ހަފުތާގައި ގޮތެއް ނިންމަވައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށް، ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
އާދީއްތަ ދުވަހު ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ، އެ މައްސަލަ ޕީޖީ އޮފީހުގައި އެބައޮތް ކަމަށާއި އެ މައްސަލަ އޮތީވެސް ލަސްވެފައި ކަމަށެވެ. ނަމަވެސް މި ހަފުތާގައި އެ މައްސަލައާމެދު ގޮތެއް ނިންމަވާނެކަމަށް ވިދާޅުވިއެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދައުވާކުރުން އެކި ސަބަބުތަކާހެދި އޮތީ ލަސްވެފައެވެ. ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ އިސްވެރިންތަކެއްގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕީޖީ އޮފީހަށް ފޮނުވިނަމަވެސް ހެކި ނެތުމުން އޭރު ޕީޖީން ނިންމީ އެ މައްސަލާގައި ދައުވާ ނުކުރުމަށެވެ.
އެ ކަންކަން އިސްލާހުކުރުމަށްފަހު، ނިމިދިޔަ ޑިސެމްބަރު މަހު އޭސީސީން ވަނީ އެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އަނެއްކާވެސް ޕީޖީ އޮފީހަށް ފޮނުވާފައެވެ. ދައުވާކުރަން ފޮނުވީ މިނިސްޓަރ އޮފް ހެލްތުގެ ނައިބުކަމުގައި ކުރިން ހުންނެވި، ސ. ފޭދޫ ޕިންކް ހައުސް ޝިޔާމާ މުހައްމަދާއި، ހެލްތު މިނިސްޓްރީގެ ޑިރެކްޓަރުކަމުގެ މަގާމުގައި ކުރިން ހުންނެވި، ތ. ކިނބިދޫ ބޯގަންވިލާ، އަހުމަދު އަސްލަމްގެ އިތުރުން، އެމިނިސްޓްރީގެ ލީގަލް އޮފިސަރުގެ މަގާމުގައި ކުރިން ހުރި، ލ. ގަން، ފެއަރީގާރޑެން ޢަލީ ޝިހާމްގެ މައްޗަށެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެގެންދާނެކަމުގެ ބިރު އޮތް ވަގުތެއްގައި ދުބާއީގެ އެގްޒެކިއުޓަރސް ކުންފުންޏާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. އެކަމަށް އެދުނު މުއްދަތު ހަމަވިތާ އެތައް ދުވަހެއް ފަހުން އެ ކުންފުނިން ރާއްޖެއަށް ފޮނުވީ 15 ވެންޓިލޭޓަރެވެ.
ބާކީ 60 ވެންޓިލޭޓަރު މި އަދާހަމައަށް އައިއިރުވެސް ލިބިފައެއް ނެތެވެ. އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވުމަށް 34 މިލިއަން ރުފިޔާގެ ބިޑެއް ހުށަހެޅުމުން މާލިއްޔަތު ގަވައިދާ ހިލާފަށް، އެއްބަސްވުމުގައި ސޮއިކުރުމަކާ ނުލައި 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް ވަނީ ދޫކޮށްފައެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހެލްތު މިނިސްޓްރީއިން ބުނިނަމަވެސް ޑަބްލިއުއެޗްއޯއިން އެކަން ދޮގުކުރެއެވެ.