ކ. މާލެ
|
25 ފެބްރުއަރީ 2023 | ހޮނިހިރު 19:11
ހޭރިޔާ ޕްރޮގްރާމް ފެށުމުގެގޮތުން އަދާލަތު ޕާޓީގެ ނައިބު ރައީސް އިއާދު ހަމީދު ވާހަކަފުޅުދައްކަވަނީ
ހޭރިޔާ ޕްރޮގްރާމް ފެށުމުގެގޮތުން އަދާލަތު ޕާޓީގެ ނައިބު ރައީސް އިއާދު ހަމީދު ވާހަކަފުޅުދައްކަވަނީ
އަދާލަތު ޕާޓީ
އަދާލަތު ޕާޓީގެ ހޭރިޔާ ޕްރޮގްރާމް
ރާއްޖެއަށް ސުލްހަ މަސަލަސްކަމާއި އަމާންކަމާއި ތަރައްގީ ގެނެވެން އޮތީ ރައީސް ސާލިހާއެކު: އިއާދު
ފާއިތުވި 20 އަހަރުދުވަހުގެ ތެރޭގައި ރާއްޖެ ދުށް އެންމެ އަމާން، ސުލްހަވެރި ދުވަސްތައް ދެކެމުން މި އަންނަނީ މިއަދުކަމަށް ވިދާޅުވި
ފެހި ގާނޫނު އަސާސީ ވުޖޫދުވިފަހުން ބޭއްވުނު ހުރިހާ ރިޔާސީ އިންތިޚާބެއްވެސް ކާމިޔާބުވެފައިވަނީ އަދާލަތު ޕާޓީގެ ތާއީދާއެކު ކަމަށް ވިދާޅުވި

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީން ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރަން ނިންމި ސަބަބުތައް އެޕާޓީގެ ނައިބު ރައީސް އިއާދު ހަމީދު ވިދާޅުވެދެއްވައިފިއެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރުންނަށް ހިންގާ ހޭރިޔާ 23 ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިއާދު ވިދާޅުވީ، ފެހި ގާނޫނު އަސާސީ ވުޖޫދުވިފަހުން ބޭއްވުނު ހުރިހާ ރިޔާސީ އިންތިޚާބެއްވެސް ކާމިޔާބުވެފައިވަނީ އަދާލަތު ޕާޓީގެ ތާއީދާއެކު ކަމަށެވެ. އެހެންކަމުން މިއަހަރު ބާއްވާ އިންތިޚާބުވެސް އަދާލަތުން ތާއީދުކުރާ ކެންޑިޑޭޓާއެކު ކާމިޔާބުކުރާނެކަމަށް އިއާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އަދާލަތު ޕާޓީގެ މުޅި ޓީމުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވަރަށް ފޯރިއާ ޖޯޝާއެކު ކުރަމުންގެންދާނެކަމަށެވެ. އިއާދު ވިދާޅުވީ އަދާލަތު ޕާޓީން ރައީސް ސާލިހަށް ތާއީދުކުރުމަށް ނިންމި ނިންމުމުގެ ފަހަތުގައި ވަރަށް ގިނަ ސަބަބުތައް އެބަހުރިކަމަށެވެ. އެ ސަބަބުތައް ވިދާޅުވެދެއްވަމުން އިއާދު ވިދާޅުވީ، ފާއިތުވި 20 އަހަރުދުވަހުގެ ތެރޭގައި ރާއްޖެ ދުށް އެންމެ އަމާން ސުލްހަވެރި ދުވަސްތައް ދެކެމުން މި އަންނަނީ މިއަދުކަމަށެވެ. އެތަކެއް އަހަރުތަކަށްފަހު ގައުމާއި ރައްޔިތުންނަށް ހަމަޖެހުމުގެ ނޭވާއެއް ލުމުގެ ފުރުސަތު ލިބިފައިވަނީ މިއަދު ކަމަށް އިއާދު ވިދާޅުވިއެވެ.

އެތަކެއް އަހަރަކަށްފަހު ގައުމާ، ރައްޔިތުންނަށް ހަމަޖެހުމުގެ ނޭވާއެއް ލުމުގެ ފުރުސަތު މިއަދު ލިބިފަ މިވަނީ. މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރީގަ އޮތް ބިރުވެރި ނާމާން ކަމުން އަރައިގަނެ، ގާނޫނީ ވެރިކަމެއްގެ ތެރޭން ދައުލަތެއްގެ ސިފައިގަ މިއަދު ވެރިކަން ހިނގަމުން މިދަނީ. މިއީ ރައީސަށް ތާއީދުކުރަން ނިންމި އެންމެ މުހިންމު އެއް ސަބަބަކީ.
އިއާދު ހަމީދު / އަދާލަތު ޕާޓީގެ ނައިބު ރައީސް

މީގެއިތުރުން ރިޔާސީ ދައުރެއްގެ ތެރޭގައި އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވަނީ މި ސަރުކާރުންކަމަށާއި، އެއީ ފެންނަން އޮތް ހަގީގަތެއްކަމަށް އިއާދު ވިދާޅުވިއެވެ. މިސަރުކާރު ވެރިކަމަށް އައިއިރު އާބާދީގެ 70 އިންސައްތަ ރަށުގައި ފެނާއި ނަރުދަމާ ގާއިމުވެފައި ނުވާކަމަށާއި، ނަމަވެސް މިއަދު ފެނާއި ނަރުދަމާގެ 140ށްވުރެ ގިނަ މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާކަމަށް އިއާދު ވިދާޅުވިއެވެ.

މީގެއިތުުރުން 16000ށްވުރެ ގިނަ ދަރިވަރުންނަށް ހިލޭ ޑިގްރީގެ ފުުރުސަތު ފަހިކޮށްދީފައިވާއިރު، 16،000ށްވުރެ ގިނަ ހައުސިންގ މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާކަމަށް އިއާދު ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމާލުމުގެ ގޮތުން އިއާދު ވަނީ، އެހެން ސިޔާސީ ޕާޓީތަކުން ރައީސް ސާލިހުގެ ކޯލިޝަނާ ގުޅުމަށް އެދިވަޑައިގަންނަވާފައެވެ.

ނިންމާލުމުގެ ކުރިން، އަޅުގަނޑުމެންނާއެކު މަސައްކަތްކުރާ ސިޔާސީ ޕާޓީތަކަށްވެސް ދަންނަވަން އޮތީ ރާއްޖޭގެ ސުލްހަ މަސަލަސްކަމާ އަމާންކަމާ ތަރައްގީ އޮތީ ރައީސާއެކު ގޮސްގެންނޭ. އެހެންވީމަ އެ ހުރިހާ ސިޔާސީ ޕާޓީތަކަށް ދަންނަވަން، ކޯލިޝަނާ ގުޅުމަށް ވަޑައިގަންނަވާށޭ. އަދި ކުރިއަށް އޮތް 5 އަހަރަކީވެސް ދިވެހި ރައްޔިތުންނާ، ގައުމަށް ތަރައްގީއާ ފާގަތިކަން ގެނުވާނެ ފަސް އަހަރަށް ހަދައިދޭށޭ.
އިއާދު ހަމީދު / އަދާލަތު ޕާޓީގެ ނައިބު ރައީސް

ހޭރިޔާ ޕްރޮގްރާމަކީ ޢަދާލަތު ޕާޓީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، ޕާޓީގެ ފަންނީ، ގާބިލުކަން އިތުރުކޮށް އެކުގައި މަސައްކަތްކުރުމުގެ ރޫހު އިތުރުކުރުމަށްޓަކައި މަޝްވަރާ މަޖިލީހުގެ މެންބަރުންނަށް ހިންގާ ޕްރޮގްރާމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް