އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ކަމަކަށް އިގުރާރުވާނީ ލައްކަ ވިސްނުން ވިސްނައި ފިކުރުކުރުމަށްފަހު ކަމަށް، އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައިވެސް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރަން ނިންމި ނިންމުން ދިފާއުކޮށް، އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އިސްލާމް ދީނާއި ރާއްްޖޭގެ މިނިވަންކަމާއި ސަލާމަތަށް އެންމެ ފަހިގޮތަށް ނޫނީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީސް އިގުރާރު ނުވާނެކަމަށާއި، މީގެކުރިންވެސް ވެފައިނުވާނެކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެކުގައި ނުކުތުމަށް އެދިވަޑައިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ފަރާތްޕުޅުން، ވެރިކަންކުރާ ކޯލިޝަންގެ ލީޑަރުންނަށް މިމަހުގެ 19 ވަނަ ދުވަހު ވަނީ ސިޓީއެއް ފޮނުއްވާފައެވެ. ކޯލިޝަންގައި މިހާރުވެސް ތިބި ހަތަރު ޕާޓީގެ ތެރެއިން ރައީސަށް ދެވަނަ ދައުރެއް ދިނުމަށް އެންމެ ފުރަތަމަ ނިންމީ އަދާލަތު ޕާޓީންނެވެ. އެއާއެކު، އެ ޕާޓީއަށް ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
ރައީސަށް ތާއީދުކުރަން ނިންމައި އެ ޕާޓީގެ މަޝްވަރާ މަޖިލީހުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ގަރާރުގައި ވަނީ; އެ ގޮތަށް ނިންމީ އިސްލާމް ދީނުގެ ސައްހަ އަގީދާ ކުރިއަރުވައި ދެމެހެއްޓުމަށާއި ރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ހަރުދަނާކޮށް، ދިވެހިންގެ ދީނީ އެއްބައިވަންތަކަން ނެގެހެއްޓުމަށް ކަމަށެވެ.
ގަރާރުގައި ބުނެފައިވާގޮތުން، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ތާއީދުކުރަން އަދާލަތު ޕާޓީން ނިންމި އެއް ސަބަބަކީ، މެނިފެސްޓޯ އެކުލަވައިލާއިރު، އިސްލާމީ އުސޫލުތަކާއި ހަމަތަކާއި، ދެފުށް ފެންނަ ލާމަރުކަޒީ އުސޫލުތަކަށާއި އާއިލާތަކުގެ ދުޅަހެޔޮކަމާއި އިޖުތިމާއީ އަދާލަތު ގާއިމްކުރުމަށް އިސްކަން ދިނުމަށާއި، މެނިފެސްޓޯ އެކުލަވައިލުމުގައި އެ ޕާޓީގެ ބައިވެރިވުން ފުރިހަމައަށް ހޯދުމަށް އެއްބަސްވެފައިވާތީއެވެ.