ވާދަވެރި ސްޕޭނުގެ ބާސެލޯނާ ކަޓުވާލައި ޔޫރޮޕާ ލީގުގެ ގަދަ 16 އަށް އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑް ދަތުރުކޮށްފި އެވެ.
ޔުނައިޓެޑުން ބާސެލޯނާ ކަޓުވާލީ ބުރާސްފަތި ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު 2-1އިން ކާމިޔާބުކޮށް ދެ މެޗުގެ އެގްރިގޭޓުން 4-3އިންނެވެ. މި ދެ ޓީމު ބާސެލޯނާގެ ދަނޑުގައި މީގެ ހަފުތާއެއްގެ ކުރިން ކުޅުނު މެޗު ނިމުނީ 2-2އިން އެއްވަރުވެގެންނެވެ.
މިހެންވެ ކޮންމެހެން ވެސް ނަތީޖާ ނެރެންޖެހުނު ރޭގެ މެޗުގައި ލީޑް ނެގީ ފުރަތަމަ ހާފުގައި ބާސެލޯނާއިންނެވެ. ލިބުނު ޕެނަލްޓީއަކުން މި ގޯލު ޖެހީ ޕޮލެންޑްގެ ފޯވަޑް ރޮބަޓް ލެވޮންޑޯސްކީ އެވެ. ޔުނައިޓެޑުން ހަމަހަމަކުރީ ފަހު ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް އެވެ.
މުހިންމު އެޓޭކިން ދެ މިޑްފީލްޑަރުން ކަމަށްވާ ޕެޑްރީ އާއި ގަވީ ނެތި ކުޅުނު ބާސެލޯނާ އަށް މި ހިސާބުން އެޓޭކް ނުކުރެވި ގިނަ މައްސަލަތަކެއް ދިމާވާން ފެށި އެވެ. އަދި ޔުނައިޓެޑުން ފުލުފުލުގައި އުފެއްދި ހަމަލާތަކުގެ ތެރެއިން ކާމިޔާބުވީ 73 ވަނަ މިނެޓުގައި ބްރެޒިލްގެ އެންތަނީ ޖެހި ގޯލެވެ. މިއީ ބާސެލޯނާގެ ބްރެޒިލް މިޑްފީލްޑަރު ރަފީނިއާ ހެދި މިސްޓޭކަކުން ޖެހި ގޯލެކެވެ.
މިއީ މި ސީޒަނުގައި ތަފާތު ބޮޑުކޮށް ސްޕެނިޝް ލީގުގެ ކުރީގައި އޮތް ބާސެލޯނާ ޔޫރޮޕާ ލީގުން ޖެހިޖެހިގެން ކެޓި ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރު ކެޓީ ކުއާޓާ ފައިނަލުންނެވެ.
މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގާއި އޭނާގެ ޓީމުގެ އޮފިޝަލުން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ. އަދި މިއީ އާދީއްތަ ދުވަހުގެ ރޭ ނިއުކާސަލްއާ ދެކޮޅަށް ކުޅޭ ކާލިންކަޕް ފައިނަލުގެ ކުރިން ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްވި އެވެ. މެޗުގެ ކުރިން ވެސް އޭނާ ބުނަމުން އައީ ބާސެލޯނާ ބަލިކުރެވޭނީ މި ސީޒަނުގައި ކުޅޭނެ އެންމެ މޮޅު މެޗު ކުޅެގެން ކަމަށެވެ. މިއާއެކު މެޗު ފެށުނީއްސުރެ ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ބައިކޮޅަށް ވަތް ދެ ވަނަ ލަނޑާއެކު ބާސެލޯނާގެ ގިނަ ކުޅުންތެރިން އެކަކު އަނެކަކަށް އަތްއުކާހެދި ތަން ފެނިގެންދިޔަ އެވެ. މިކަން ޔުނައިޓެޑްގެ ކުރީގެ އެއްވަނަ ކީޕަރު ޑެންމާކްގެ ޕީޓަރ ޝުމައިކަލް ފާހަގަކުރި އެވެ.
މެޗަށް ފަހު މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ޕޯލް ސްކޯލްސް ބުނީ މި މެޗުގައި ޔުނައިޓެޑްގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ފާއިތުވެދިޔަ ހައެއްކަ އަހަރު ނުފެންނަ ފަދަ ޖޯޝެއް ކަމަށެވެ.
މިއީ މުހިންމު މޮޅެއްކަން ކުޅުންތެރިންގެ ފަރާތުން ފެނިގެން ހިނގައްޖެ. މިފަދަ ޖޯޝެއް މިދިޔަ އަހަރުތަކުގައި ނުފެންނަތާ ވަރަށް ގިނަ ދުވަސްތަކެއްވެއްޖެ. މިރޭ ޔުނައިޓެޑްގެ ކުޅުން ވަރަށް މޮޅު. ޔުނައިޓެޑް މޮޅުކޮށްދޭން ކުޅުންތެރިން ދެއްކި ޖޯޝާއި އަޒުމް ފެނިގެން ހިނގައްޖެ. މިކަމާ ދެބަސް ނުވެވޭނެ. ސަޕޯޓަރުން ފެނުނީ އެފަދަ ދެވަނައެއްނެތް ބައެއްގެ ގޮތުގައިޕޯލް ސްކޯލްސް
ޔޫރޮޕާ ލީގުގެ ގަދަ 16އިން ޖާގަ ހޯދި އެހެން ޓީމުތަކަކީ މިދިޔަ ސީޒަނުގެ ކޮންފަރެންސް ލީގު ކާމިޔާބުކުރި އިޓަލީގެ ރޯމާ އާއި ޔުވެންޓަސް އަދި ޖަރުމަނުގެ ޔޫނިއަން ބާލިން އާއި ނެދަލޭންސްގެ ޕީއެސްވީ އާއި ޖަރުމަނުގެ ބަޔާން ލެވަކޫސަން ހިމެނެ އެވެ.