ކ. މާލެ
|
23 ފެބްރުއަރީ 2023 | ބުރާސްފަތި 18:52
ބިންހެލުމުގައި ހިތް ކުދިކުދިވި މައުސޫމު ކުދިންގެ ޙައްޤުގައި ހީވަގި ވޮލަންޓިއަރުން އަވަދިނެތި
ތުރުކީ-ސީރިއާ ބިންހެލުން
ބިންހެލުމުގައި ހިތް ކުދިކުދިވި މައުސޫމު ކުދިންގެ ޙައްޤުގައި ހީވަގި ވޮލަންޓިއަރުން އަވަދިނެތި!
 
ހިލޭ ސާބަހަށް މަސައްކަތް ކުރާ އެކި ފަރާތްތަކުން ދަނީ، ވީ ކޮންމެ ގޮތަކުން ވިއަސް އެކުދިންގެ ކެކުޅުންތަކަށް ލުޔެއް ހޯދާ ދެވޭތޯ މަސައްކަތް ކުރަމުން
 
ވަރުގަދަ ބިންހެލުމުގެ ކާރިޘާ އަމަލީ ގޮތުން ތަޖުރިބާ ކުރި އެތައް ކުދިންނެއް މިއަދު ދިރިއުޅެމުންދަނީ ވަގުތި ހިޔާތަކުގައި

ދިމާވާ ކާރިޘާއަކާ ގުޅިގެން ތަހައްމަލު ކުރަން ޖެހޭ ހިތްދަތި ކަމާއި، މާޔޫސްކަމާއި ނުތަނަވަސްކަން އެންމެ ފުރިހަމައަށް އިޙުސާސް ކުރެވޭނީ އެކަމެއް ތަޖުރިބާ ކޮށްފައިވާ މީހަކަށެވެ. އެފަދަ އެކަކީ މިއުޒިކް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މަޙްމޫދު ސާހީންއެވެ. ފެބުރުއަރީ 6 ވަނަ ދުވަހުގެ ބާރުގަދަ ބިންހެލުމުގައި އެންމެ ބޮޑު އަސަރެއް ކުރި އެއް ސަރަޙައްދު ކަމަށް ވާ ތުރުކީވިލާތުގެ ހަތޭ ޕްރޮވިންސްގެ ޓެންޓެއްގެ ތެރޭގައި، ހަލާކުވެފައި އޮތް ގިޓައެއް ހިފައިގެން އިނދެ، ރާގުތައް ކުޅެމުން އެ ދަނީ، ބިންހެލުމުގައި ފުރާނަ ސަލާމަތްވި ކުޑަކުޑަ ކުދިންތަކެއްގެ ޙައްޤުގައެވެ.

ސާހީން ހިފައިގެން އިން ގިޓައަކީ، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅުމުގެ ތެރޭގައި އޭނާއަށް ފެނުނު ގިޓައެކެވެ. އަވަށްޓެރިންގެ އެހީއާއެކު ގިޓާގެ ވެރިފަރާތް ހޯދުމުން ސާހީންއަށް ލިބުނު މެސެޖަކީ، ގިޓާގެ ވެރިފަރާތަށް މިހާރު އެ ގިޓާގެ ބޭނުމެއް ނެތް ކަމެވެ.

ބިމާ ހަމަވި އިމާރާތެއްގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގަ 5 ދުވަސް ވަންދެން އަހަރެން އުޅުނިން. ވަރަށް ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރެވުނު. ހަމަ އެހާ ގިނަ ޢަދަދަކަށް، މަރުވި މީހުންގެ ހަށިތައްވެސް ނެގިން. އެގޮތަށް އުޅުމުގެ ތެރޭގަ، ކޮންމެވެސް އެއް އެޕަރޓްމަނެއްގެ ތެރެއިން މި ގިޓާ ފެނުނީ. އެކަމަކު ވެރި ފަރާތެއް ނުފެނުނު. އޭގެ ފަހުން، އަވަށްޓެރިންގެ އެހީއާ އެކީ ވެރިފަރާތް ހޯދުނީ. އެމީހުން ބުނީ، އެޕަރޓްމަންޓްގަ ހުރި އެއްވެސް އެއްޗެއް ވެރިފަރާތުން ބޭނުން ނުވާ ވާހަކަ. އެކަމަކު، ކުދިންނަށް ކަމެއް ކޮށްދެންޏާ، އެ މަސައްކަތުގަ އެ ސާމާނުތައް ބޭނުން ކުރަން އެދުނު. ކުދިންނަށް އުފާ ލިބޭ މަސްދަރަކަށް މި ހަދާ ދޭން އެދުނީ.
މަޙްމޫދު ސާހީން؛ ވޮލަންޓިއަރ މިއުޒިކް ޓީޗަރެއް

އެ މަންޒަރު ފެނުނު ކޮންމެ މީހެއްގެ ލޮލުން ކަރުނަ ފާއްދާލި ވަރުގަދަ ބިންހެލުމުގެ ކާރިޘާ އަމަލީ ގޮތުން ތަޖުރިބާ ކުރި އެތައް ކުދިންނެއް މިއަދު ދިރިއުޅެމުންދަނީ ވަގުތި ހިޔާތަކުގައެވެ.

އަހަރަމެންގެ އަސާސީ އަމާޒަކީ އެއްބައިވަންތަކަން ދެމެހެއްޓުން. މި ކުދިންނަކީ ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ހިތްދަތިކަމާއި ބިރުވެރިކަން ތަހައްމަލު ކޮށްފައިވާ ކުދިންތަކެއް. ބޮޑެތި ގެއްލުންތަކެއް ތަހައްމަލު ކޮށްފައިވާ ބައެއް. މި ދަރަޖައަށް އަނިޔާއާއި ގެއްލުން ތަޙައްމަލު ކުރީމަ، އެފަދަ ބަޔަކަށް އެންމެ ފުރަތަމަ ބޭނުންވާ ނަފްސާނީ އެހީއަކީ، އެއްބައެއްގެ ގޮތުގައި ދެމިތިބުމަށް ކިޔައިދިނުން. ލިބުނު އަނިޔާގައި، އަނެކާވެސް ހިއްސާވާކަން އަންގައިދިނުން. ފަރުވާ ލިބި، ރަނގަޅުވުމާ ހިސާބަށް ދިއުމަށް އޮތް ފުރަތަމަ ފިޔަވަޅަކީ އެއީ.
ޞާޙާބިއްދީން ޖަތީން؛ ވޮލަންޓިއަރ ސައިކޭޓްރިސްޓެއް

ހިލޭ ސާބަހަށް މަސައްކަތް ކުރާ އެކި ފަރާތްތަކުން ދަނީ، ވީ ކޮންމެ ގޮތަކުން ވިއަސް އެކުދިންގެ ކެކުޅުންތަކަށް ލުޔެއް ހޯދާ ދެވޭތޯ މަސައްކަތް ކުރަމުންނެވެ. ގަނެފައި ވާ ބިރާއި ވެރިވެފައި ވާ ނުތަނަވަސްކަން ކުޑަ ކުރުމަށް، ކޮންމެ ދުވަހަކުވެސް އެކިއެކި ހަރަކާތްތައް ހިންގައެވެ.

އަހަރެންގެ ޓީމު އެންމެ ފުރަތަމަ އުޅުނީ ސާޗް އެންޑް ރެސްކިއު ޓީމާއެކީ. ގިނަ ޒަޚަމްތަކަކަށް އަހަރަމެން ފަރުވާ ދިނިން. އެކަމަކު މިހާރު ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ހުއްޓާލާފަ. ގާކުނޑިތައްވެސް ނަގާ ސާފުކޮށްފި. އެހެންވެ، އަހަރަމެންގެ ޓީމުން މިހާރު ޚިދުމަތް ކުރަމުން މިދަނީ ތުއްތު ކުދިންނަށްޓަކާ. އަހަރަމެން މިކަން ކުރާތާ އަހަރުތަކެއްވެއްޖެ. މި މަސައްކަތުގެ އެންމެ ހިތްގައިމު ކަމަކީ، ބޮޑެތި ހިތާމަތަކާ ކުރިމަތިލާން ޖެހިފައި ތިބި ކުދިންނަށް، އެކަމުން އަރައިގަންނާނެ ގޮތްތައް ދަސްކޮށްދެވުން. އަހަރަމެން މިތާ މިތިބީ އެހެންވެ. އަހަރަމެން ތިބެނީވެސް މި ޓެންޓުތަކުގަ. އެކުދިންނާ އެކީގަ. އެކުދިން އުފާވެފަ ތިބޭތަން ފެނުނީމަ، އަހަރަމެންގެ ހިތުގަވާ ޒަޚަމަށްވެސް ފަރުވާ ލިބޭ ގޮތަކަށް.
ނިކިތާ؛ ވޮލަންޓިއަރެއް

ބިންހެލުމުގެ ކާރިޘާގައި އެތައް ކުދިންނެއް ޔަޠީމުވެ، ބިކަވިއެވެ. އެތައް ކުދިންނެއްގެ ގެދޮރު ގެއްލި، ރެފިއުޖީންނަށްވެއްޖެއެވެ. ސީދާ ޢަދަދުތަކެއް ދަންނަވަން އަދިވެސް ދައްޗެވެ. ނަމަވެސް އެކުދިންވެސް ދަނީ، ވީ ވަރަކުން އާންމު ދިރިއުޅުމައިގެން ކުރިއަށް ދެވޭތޯ މަސައްކަތް ކުރަމުންނެވެ. ވެދިޔަ ކަންތައް ޤަބޫލުކޮށް، ހާސްކަމާއި ނުތަނަވަސްކަމުން އަރައިގަންނާނެ ގޮތްތައް ދަސްކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
50%
0%
0%
50%
0%
0%
ކޮމެންޓް