ޔޫރޮޕާ ލީގުގެ ގަދަ 16އިން ޖާގަ ހޯދުމަށް ސްޕޭނުގެ ބާސެލޯނާއާ ދެކޮޅަށް މިރޭ އާދަޔާ ހިލާފު މޮޅަށް ކުޅެންޖެހޭ ކަމަށް މެންޗެސްޓާ ޔުނައިޓުން ބުނެފި އެވެ.
ކޯޗު އެރިކް ޓެން ހާގް މިހެން ބުނީ ބާސެލޯނާގެ ނޯ ކޭމްޕްގައި ކުޅުނު މެޗު 2-2އިން އެއްވަރުވެފައިވާތީ މިރޭގެ މެޗަކީ ކޮންމެހެން ނަތީޖާ ނެރެންޖެހޭ މެޗަކަށްވެސް ވެފައިވަނިކޮށެވެ. އަމިއްލަ ދަނޑުގައި މިރޭ ކުޅޭ މެޗުގެ ކުރިން ޓެން ހާގް ބުނީ ބާސެލޯނާ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ޓީމު ކަމަށާއި މޮޅު ޓީމުތައް އަތުން ކާމިޔާބު ލިބޭނީ އެހާމެ މޮޅަށް ކުޅެގެން ކަމަށެވެ.
މި ސީޒަނުގައި އަހަރުމެން ކުޅޭ އެންމެ މޮޅު ކުޅެގެން މޮޅުވެވޭނީ. ބާސެލޯނާ އަކީ ވަރަށް މޮޅު ޓީމެއް. މޮޅު ޓީމުތަކާ ދެކޮޅަށް ކުޅޭއިރު އަހަރުމެންގެ ތަފާތެއް ދައްކަންވާނެމެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް
އާދީއްތަ ދުވަހުގެ ރޭ ކާލިންކަޕް ފައިނަލުގައި ނިއުކާސަލްއާ ދެކޮޅަށް ކުޅޭ މެޗު ކުރިއަށް އޮތް ނަމަވެސް ޓެން ހާގް ބުނީ ފޯކަސަ ބަހައްޓަންވީ ބާސެލޯނާ މެޗަށް ކަމަށެވެ.
އަހަރުމެންނަށް މި މެޗުން ޔޫރޮޕާ ލީގުގެ ތައްޓެއް ނުލިބޭނެ. އެކަމަކު އަހަރުމެން ފޯކަސް ބަހައްޓަންވީ މި މެޗަށް. މެޗަށް ފަހު މެޗަކަށް ވިސްނައިގެން ކުރިއަށްދާންވީމެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް
2017 ވަނަ އަހަރުގެ ފަހުން ޔުނައިޓެޑަށް ތައްޓެއް ނުލިބެ އެވެ. ނަމަވެސް މި ސީޒަނުގެ ކުރިން ޓީމާ ގުޅުނު ކޯޗު ވަނީ މި މެޗުގެ ކުރިން ޔުނައިޓެޑްގެ އެންމެ ކާމިޔާބު ކޯޗު ސާ އެލެކްސް ފާގަސަންއާ ވެސް ބައްދަލުކޮށްފަ އެވެ. ޓެން ހާގް ބުނީ ފާގަސަންގެ ލަފަ އާއި އިރުޝާދު ހިއްސާކުރުމުން އުފާވާ ކަމަށާއި އޭނާއާއެކު ދެ ވަނަ ބައްދަލުވުމަކަށް ވެސް އުއްމީދު ކުރާ ކަމަށެވެ.
މި މެޗަށް ނުކުންނައިރު ބާސެލޯނާގެ ކޯޗު ޒަވީ ވަނީ ޔުނައިޓެޑަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ. އޭނާ ބުނީ ޔުނައިޓެޑްގެ މުހިންމު ކުޅުންތެރިންނަކީ މިފަދަ ބޮޑެތި މެޗުތަކުގައި ނަތީޖާ ނެރެން ދަންނަ ކުޅުންތެރިން ކަމަށެވެ.
މި މެޗަށް ބާސެލޯނާ ނުކުންނައިރު މުހިންމު ދެ މިޑްފީލްޑަރުން ކަމަށްވާ ޕެޑްރީ އާއި ގަވީ އަކަށް ނުކުޅެވޭނެ އެވެ. ނަމަވެސް ކެޕްޓަން ސާޖިއޯ ބުސްކެޓްސް ވަނީ އަނިޔާ އަށް ފަހު ފަރިތަކުރަން ފަށައިފަ އެވެ.
މި މެޗު ފަށާނީ މާލޭ ގަޑިން މިރޭ 1 ޖަހާއިރު އެވެ.