އުތުރު ކޮރެއާއިން ކުރިއަށް ގެންދާ ބެލިސްޓިކް މިސައިލް ލޯންޗް ކުރުމުގެ ހަރަކާތްތައް ކުށްވެރިކޮށް، ޑިޕްލޮމެޓިކް މަޝްވަރާގެ ތެރެއިން ކަންކަން ހައްލު ކުރުމަށް އުތުރު ކޮރެއާގެ ސަރުކާރަށް ހިތްވަރު ދިނުމަށް އދގެ ސަލާމަތީ މަޖިލީހުން ގޮވާލުމަށް އެމެރިކާއިން ވަނީ ފެބުރުއަރީ 20 ވަނަ ދުވަހު، އެ މަޖިލީހަށް ގޮވާލާފައެވެ. އުތުރު ކޮރެއާގެ މައްސަލާގައި އދގެ ސަލާމަތީ މަޖިލީހުން ހިމޭނުން އޮތުމަކީ ނުރައްކާ ކަމެއް ކަމަށް އެމެރިކާއިން ބުނެއެވެ.
އުތުރު ކޮރެއާގެ ނިއުކްލިއަރ މަޝްރޫއާ ގުޅިގެން ސަލާމަތީ މަޖިލީހުން އިތުރު ފިޔަވަޅުތަކެއް އެޅުމާ ދެކޮޅަށް ވަކާލާތު ކުރަމުން ދަނީ އދގައި ވީޓޯ ބާރު ލިބިފައިވާ ޗައިނާއާއި ރަޝިއާއިންނެވެ. ޗައިނާއާއި ރަޝިއާއިން ބުނާ ގޮތުގައި އުތުރު ކޮރެއާ ދެކޮޅަށް އިތުރަށް އަޅާ ފިޔަވަޅެއްގެ ސަބަބުން ބިނާ ކުރަނިވި ނަތީޖާއެއް ނުނިކުންނާނެއެވެ. އުތުރު ކޮރެއާއާ ދެކޮޅަށް، އދ މެދުވެރިކޮށް، ދަތި ކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާއިން ކުރި މަސައްކަތަށް، މިދިޔަ އަހަރުގެ މެއި މަހު ހުރަސް އެޅި 2 ޤައުމަކީވެސް ޗައިނާއާއި ރަޝިއާއެވެ.
އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ލިންޑާ ޓޮމަސް-ގްރީންފެލްޑް ވިދާޅުވީ، އުތުރު ކޮރެއާގެ ޢަމަލުތަކުގެ ސަބަބުން އޭޝިއާ ސަރަޙައްދު ނުރައްކަލުގެ ތެރެއަށް ވައްޓާލާފައި ވާ ކަމަށާ، މުޅި ދުނިޔެއަށްވެސް ބިރު އެބަ އޮތް ކަމަށެވެ.
ސަލާމަތީ މަޖިލީހުން ހިމޭނުން އޮތުމަކީ ލަދުގަތުމަށްވުރެ ބޮޑު ކަމެއް. އެއީ ނުރައްކާ ކަމެއް. މީ ސަލާމަތީ މަޖިލީހުން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު. ވަގުތު ފާއިތުވުމުގެ ކުރިން، ކޮރެއާ ޕެނިންސިއުލާގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދަންވީ ވަގުތު. ސަލާމަތީ މަޖިލީހުން ވާހަކަދައްކަންވީ އެއް އަޑަކުން. 2017 ވަނަ އަހަރު ދެއްކި ގޮތަށް. ބޭނުމެއް ނެތް ގޮތަށް އުތުރު ކޮރެއާއިން ގަންނަވަމުންދާ ބިރުތަކާ ދެކޮޅަށް.ލިންޑާ ޓޮމަސް-ގްރީންފެލްޑް؛ އެމެރިކާ ސަފީރު
މިފަދަ ނިންމުންތަކަކީ 15 މެންބަރުންގެ މައްޗަށް އެކުލެވޭ ސަލާމަތީ މަޖިލީހުގެ އިއްތިފާޤުން ފާސްވާންޖެހޭ ނިންމުންތަކެކެވެ. އުތުރު ކޮރެއާއާ ދެކޮޅަށް އެންމެ ފަހުން މިފަދަ ނިންމުމެއް ސަލާމަތީ މަޖިލީހުން ނިންމީ ޑިސެމްބަރު 2017 ގައެވެ. އެއީ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން ބާރުދިން ނިންމުމެކެވެ.
ކަން މިހެން އޮތް އިރު، އުތުރު ކޮރެއާއާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އެޅުމުގެ ބޭނުމެއް ނެތް ކަމަށް ޗައިނާއިން ބުނެއެވެ. ޗައިނާއިންގެ ޑެޕިއުޓީ އެމްބެސެޑަރ ޑާއި ބިންގް ވިދާޅުވީ، އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބިނާ ކުރަނިވި ބޭނުމެއް ނެތް ކަމަށެވެ. އިތުރު ފިޔަވަޅުތަކެއްގެ ސަބަބުން މަސްރަހަށް ހަމަޖެހުން ނާންނާނެ ކަމަށާ، މައްސަލަ ހައްލު ކުރުމަށްވެސް ހިތްވަރު ނުދޭނެ ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
އުތުރު ކޮރެއާގެ ނިއުކްލިއަރ މަޝްރޫއާ ގުޅިގެން އދގެ ސަލާމަތީ މަޖިލީހުން ބައްދަލުކޮށްފައި ވާ އިރު، ދާދި ފަހުންވެސް އެ ޤައުމުން ވަނީ ބެލިސްޓިކް 2 މިސައިލެއް ޓެސްޓުކޮށްފައެވެ. އަދި ޕެސިފިކް ކަނޑުގެ ސަރަޙައްދުގައިވެސް މިސައިލް ޓެސްޓު ކުރުން އެކަށީގެންވާ ކަމަށާ، އެކަން ބަރޯސާ ވަނީ އެމެރިކާ ފައުޖުތަކުގެ ހަރަކާތްތަކުގެ މައްޗަށް ކަމަށް، އުތުރު ކޮރެއާގެ ނުފޫޒުގަދަ ލީޑަރު ކިމް ޖޮންގް އުންގެ ޢާއިލާ މެންބަރަކު ވަނީ ވިދާޅުވެފައެވެ.
ހޯމަ ދުވަހާއި އާދީއްތަ ދުވަހުވެސް އުތުރު ކޮރެއާއިން މިސައިލް ޓެސްޓު ކޮށްފައި ވާއިރު، އެމެރިކާއިންވެސް ދަނީ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ބައިވެރިންނާއެކު ތަމްރީނުތަކުގެ ނަމުގައި އަސްކަރީ ހަރަކާތްތައް ހިންގަމުންނެވެ.