ޖަނަވާރުތަކާއި އެހެންވެސް ދިރޭ ތަކެތި ހިމާޔަތްކޮށް އަދި ވިއްސައި، ދުނިޔޭން ހުސްވިޔަނުދީ އާލާކުރުމަކީ ވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ވަރަށް ވިސްނުންތެރިކަމާއެކު ކުރަންޖެހޭ ކަމެކެވެ. ޒޫތައް ހިންގާ ބެލެހެއްޓުމަކީ މިފަދަ އެއް މަސައްކަތެވެ.
ޒޫ ހުންނަ ގައުމު ތަކުގައި، އެތަނަށްދާ ކުޑަކުދިންނާއި އަދި ޒުވާނުންގެ ހިތުގައި ޒުލުގައިތިބޭ ބައެއް ޖަނަވާރުންނާމެދު ވަރަށް ބޮޑަށް ކުލުނު އުފެދިފައިވެއެވެ.
މިއީ އެފަދަ ޖަނަވާރެއްގެ ވާހަކައެކެވެ. ޖަޕާނުގެ ޒުލެއްގައި އިން ބޮޑު ޕެންޑާއެކެވެ. ޒިއަންގ ޒިއަންގގެ ނަމުން ނަންދީފައިވާ ޕެންޑާ ޖަޕާނުގައި ދައްކާލާ އެންމެ ފަހު ދުވަހު، ޕެންޑާ ދެކިލުމަށް އެތައްހާސްބަޔަކު ޓިކެޓް ގަންނަން އުޅުނު ކަމަށް ވެއެވެ. ނަމަވެސް ވަގުތުގެ ދަތިކަމާއެކު ފުރުސަތު ދެވުނީ 2،600 މީހުންނަށް ކަމަށް ވެއެވެ. އެވެސް ލޮޓަރީއަކުންނެވެ. ބައެއް ޒުވާނުން ޒިއަންގ ޒިއަންގއަށް އަލްވަދާއު ކިޔަމުން ދިޔައިރު ލޮލުން ދިޔައީ ކަރުނަ ފޮހެނުންނެވެ. އަދި ޗައިނާއަށް ގޮސްވެސް ޒިއަންގ ޒިއަންގ ދެކިލަން ބޭނުންކަމަށް އެކަކު ބުނެފައިވެއެވެ. އެހާވެސް އެސޮރުގެ މައްޗަށް ވަނީ ލޯބި އުފެދިފައެވެ.
ޒިއަންގ ޒިއަންގއަކީ ދުނިޔޭގައި ޕެންޑާ އާލާ ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ޗައިނާއިން ޖަޕާނަށް "ކުއްޔަށް" ދީފައިވާ ޕެންޑާ ޖޯޑަކަށް ލިބުނު ދަރިއެވެ. 2017 ވަނަ އަހަރު ޖަޕާނުގެ ޒުލަކަށް ޒިއަންގ ޒިއަންގ އުފަންވީ ދުވަހުން ފެށިގެން ޖަޕާނު ރައްޔިތުންގެ ހިތްތަކުގައި އެސޮރަށް ވަނީ ޚާއްސަ ލޯތްބެއް އުފެދިފައެވެ. އަދި އޭގެ ކިބާގައި ހުންނަ، މީހުން ހެއްވާލާ ހިތްއުފާ ކޮށްދޭފަދަ ލޯބި ގޮތްތަކެއްގެ ސަބަބުން ގިނަގިނައިން ޕެންޑާ ދެކިލުމަށް ދާން ބޭނުންވެއެވެ.
ޕެންޑާ ކުއްޔަށް ދޭ އުސޫލުގެ ދަށުން، އަލަށް ވިހާ ދަރި އުމުރުން ވަކި ވަރެއް ވުމުން (ވިހާ އުމުރަށް އެޅުމުން) އަނބުރާ ގެންދަން ޖެހެއެވެ. އެއީ އެފަދަ އެހެން ޕެންޑާއިންނާ ބައްދަލުކުރުވައި، ދަރިމައިކޮށް، ދަރިފަސްކޮޅު އިތުރު ކުރުމަށްޓަކައެވެ. އެގޮތުން އާދީއްތަ ދުވަހަކީ ޒިއަންގ ޒިއަންގ ޖަޕާނުގައި ހޭދަކުރި އެންމެ ފަހު ދުވަހެވެ. އެއަށްފަހު ޒުލުގެ ދެ އެހީތެރިންނާއެކު މަތިންދާ ބޯޓަކަށްލައި ޗައިނާއަށް ފޮނުވާލެވޭނެއެވެ.
ޕެންޑާއަކީ ދުނިޔެއިން ނެތި ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ އެއް ޖަނަވާރެވެ. ޖަންގަލިތަކުގައި އުޅެނީ 1800 އެއްހާ ޕެންޑާކަމަށް އަންދާޒާ ކުރެވޭއިރު، ޒޫތަކާއި ރިޒަރވްތަކުގައި ތިބީ 500 ޕެންޑާއެވެ. ޕެންޑާގެ އެންމެ ބޮޑު އާބާދީއެއް އޮންނަނީ ޗައިނާގެ ސިޗުއާންގައެވެ.