ސައޫދީ އަރަބިއާ ލީގުގައި އަލް ނަސްރާއި އަލްތާވުން ބައްދަލުކުރި މެޗު ފެށުމުގެ ކުރިން ސަޕޯޓަރަކު ކުރި ޓެކަލްއަކުން މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ ސަލާމަތްވެއްޖެ އެވެ.
ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ރޮނާލްޑޯއާ ބައްދަލުކުރަން އެރި ސަޕޯޓަރަކު ރޮނާލްޑޯގެ ގައިގައި ބައްދަން އުޅުމުގެ ތެރޭގައި ވެއްޓިގަތީ ކުޅުންތެރިޔާގެ ފައިބުޑަށެވެ. ނަމަވެސް ރޮނާލްޑޯ ދުރަށް ޖެހިލުމުން އެ ޓެކަލްއިން އޭނާ ސަލާމަތްވި އެވެ. މި ހާދިސާއާއެކު ދަނޑަށް އެރި ސަޕޯޓަރު ހިފަހައްޓައި ސެކިއުރިޓީން ވަގުތުން އޭނާ ދަނޑުން ބޭލި އެވެ.
ސައޫދީ ލީގަށް ރޮނާލްޑޯ ބަދަލުވުމާއެކު އޭނާއާ ބައްދަލުކުރުމަށް އެދޭ ސައޫދީ ސަޕޯޓަރުން ވަރަށް ގިނައެވެ. އަދި އޭނާ ސައޫދީ އަށް ބަދަލުވި ފަހުން ރޮނާލްޑޯގެ ޖާޒީ ހޯދުމަށާއި ބައްދަލުކުރަން ދަނޑަށް އަރާ ސަޕޯޓަރުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.
އޭނާ ވަނީ މިހާތަނަށް ސައޫދީ ލީގުގައި ކުޅުނު ފަސް މެޗުގައި ހަތަރު ގޯލު ޖަހާފަ އެވެ.