ކ. މާލެ
|
18 ފެބްރުއަރީ 2023 | ހޮނިހިރު 12:48
ބަރްބަރް
180 އެތައް ގަޑިއިރެއް ފަހުން ސަލާމަތްކުރި ބަރްބަރް
"ފެންފުޅި ހުސްވީމަ އޭގެ ތެރެއަށް ކުޑަކަމުގޮސްގެން އެ ބުއީ": 180 އެތައް ގަޑިއިރެއް ފަހުން ސަލާމަތްކުރި ބަރްބަރް
 
އޭނާ ސަލާމަތްވެދާނެ ކަމުގެ އުއްމީދު ފަނޑުވި
 
ބިންހެލުން އައިތާ 187 ގަޑިއިރު ފަހުން ސަލާމަތް ކުރެވުނު، އުމުރުން 62 އަހަރުގެ ބަރްބަރްއަކީ ހަކުރު ބަލީގެ ޕޭޝަންޓެއް

ހުސައިން ބަރްބަރްގެ އަޑުގައި ހުރީ ކުރަކި ކަމެކެވެ. ފެބުރުއަރީ 6 ވަނަ ދުވަހުގެ ބިންހެލުމުގައި ސުންނާފަތިވި އޭނާގެ ގޭގެ ބައިތަކުގެ ދަށުގައި ތާށިވެފައި އޮތް އިރު، އެތަނުން އޭނާ ސަލާމަތްކޮށްދޭތޯ އެހީއަށް އެދި ގޮވަގޮވައެވެ. އިމާރާތުގެ ބައިތަކުގެ ދަށުން ބަރްބަރް ސަލާމަތް ކުރެވުނީ ބިންހެލުމުގެ ކާރިސާއަށް ހަފުތާއެއްވީ ފަހުންނެވެ. ބަރްބަރް ސަލާމަތްވި ގޮތުގެ ވާހަކައަކީ، ކިޔާލަން ނުވަތަ އަޑުއަހާލާން މާ ފަސޭހަ ވާހަކައަކަށް ނުވެދާނެއެވެ.  

ފެނާ ނުލައި ދުވަސްތަކެއް ވަންދެން އުޅުމުގެ ގާބިލުކަން އިންސާނުންނަށްވެސް ލިބިފައިވެއެވެ. ނަމަވެސް އެކަން ބަރޯސާވާ ހާލަތްތަކެއް ހުރެއެވެ. ޑޮކްޓަރުން ވިދާޅުވާގޮތުގައި ބިންހެލުމުގެ ކާރިސާގައިވެސް ދުވަސްކޮޅެއް ވަންދެން ފެނާ ނުލައި ދިރިއުޅެވިދާނެއެވެ. ނަމަވެސް އެމީހަކަށް ލިބިފައި ހުރި ޒަޚަމްތަކާއި، ތަނުގެ ފިނިހޫނުމިނުގެ ދައުރެއް އޮވެއެވެ. އެ ހާލަތްތަކަށް ރިއާޔަތްކުރާއިރު 5 ދުވަސް ފަހުން މީހަކު ދިރިހުއްޓައި ފެނުމަކީ އަޖައިބު ކުރުވަނިވި ކަމެކެވެ.

ހަނދާން ހުރި ހަމައެކަނި ކަމަކީ ގާކުނޑިތަކުގެ ތެރޭގަ ވަޅުލެވުނުކަން. ހުރިހާތަނެއްގަ އޮތީ ކަނު އަނދިރިކަން. ވަރަށް އަނދިރި. އަމިއްލަ މީހާގެ ހަށިގަނޑުވެސް ނުފެނޭ. އަހަރެން ހަޅޭއްލެވިން. އެކަމަކު، އެއްވެސް މީހަކު އެތާކު ނެތް. އަހަރެން އުޅުނީ 15 ބުރީގެ އިމާރާތެއްގަ. އަހަރެން އޮތް ދިމާ މަތިން އަޑުތައް އިވެން ފެށީމަ ކުޑަކޮށް ހަމަޖެހިލެވުނު. އެކަމަކު، ހަޅޭއްލަވާލަވާ އަހަރެންގެ ކަރުތެރެ މިއޮތީ ދުޅަވެފަ.
ހުސައިން ބަރްބަރް؛ ތުރުކީ ރައްޔިތެއް

ބިންހެލުން އައިތާ 187 ގަޑިއިރު ފަހުން ސަލާމަތް ކުރެވުނު، އުމުރުން 62 އަހަރުގެ ބަރްބަރްއަކީ ހަކުރު ބަލީގެ ޕޭޝަންޓެކެވެ. އިމާރާތުގެ ބައިތަކުގެ ދަށުގައި ބަރްބަރް ތާށިވީއިރު، އޭނާ އަތުގައި އޮތީ ހަމަ އެންމެ ފެންފުޅިއެކެވެ. އެ ފެންފޮދު ހުސްވުމުން، ދިރިހުރުމަށްޓަކައި އޭނާ ބުއީ އަމިއްލަ މީހާގެ ކުޑަކަމުދާތަކެއްޗެވެ.

މަށަކީ ހަކުރިބަލީގެ މީހެއް ވީމަ، ކާއެއްޗިހީގެ ބަދަލުގަ، ކަބަޑުގަ ހުންނާނީ ބޭސް. ފެން ފުޅިއެއްވެސް އޮތް. އެ ހުރިހާ އެއްޗެއްވެސް ވެއްޓިގެން އައީ އަހަރެން ހުރި ދިމާއަށް. ފެން ބޮއެ ހުސްކުރިން. މާފު ކުރާތި. ފެން ފުޅި ހުސްވީމަ، އެ ފުޅިތެރެއަށް އަހަރެން ހީސްލީ. ދެން އެ ބަހައްޓަނީ. ފިނިވީމަ، އެ ބޮނީ. އެގޮތަށް އަހަރެންގެ ފުރާނަ ސަލާމަތްވީ.
ހުސައިން ބަރްބަރް؛ ތުރުކީ ރައްޔިތެއް

ބަރްބަރް މިހާރު އޮތީ ހަތޭ ޕްރޮވިންސްގެ އަންތާކްޔާ ސިޓީގައި ވެއްޓިފައިވާ 15 ބުރީގެ އިމާރާތާ 250 ކިލޯމީޓަރު ދުރުގައި ހުންނަ މަރސިން ސިޓީ ހޮސްޕިޓަލްގައެވެ. ހޮސްޕިޓަލުގައި އޭނާ އެޑްމިޓްކުރީ ފެބުރުއަރީ 14 ވަނަ ދުވަހުއެވެ.

އޭނާ ދިރިއުޅެމުން ދިޔަ ފްލެޓްގެ އެކި ހިސާބުތަކުގައި ދިރިއުޅެމުން ދިޔައީވެސް އޭނާގެ ތިމާގެ މީހުން ކަމަށާއި، އެ ހުރިހާ އެންމެންވެސް ސަލާމަތްވިކަމަށް ގަބޫލުކުރެވޭ ކަމަށް ބަރްބަރް ބުނެއެވެ.

ހަކުރު ކޮންޓްރޯލް ކުރަން ކާ ބޭހާއި ފެން ފުޅިއެއް ފެނުނީ ބިންމަތިން ކަމަށް ބަރްބަރް ބުންޏެވެ.

ދެވަނަ ހެލިގަތުމާއެކީ ސީލިންގް ވެއްޓުނީ. އެކަމަކު އަހަރެން ގައިގަ ޖެހިވެސްނުލާ. އަހަރެން ވަގުތުން، ގުދުއަޅާފަ އިށީނީ. ފާރުވެއްޓުނީ ފުރިޖާ ކަބަޑުސެޓް މައްޗަށް. ކުޑަ ދޫލަގަނޑެއްވެސް އެތާ އޮތް. އަހަރެން އެ ނަގާ، ގައިމަތީ އެޅީ ރަޖައެއްހެން. ކޮންމެވެސް ތާކުން ފެންވެސް ފައިބަމުން ދިޔައީ. ސޯފާވެސް ހުރި އެތަނުގަ. ދެން އެ ސޯފާ މައްޗަށް އަރާ، ރަޖާ އަޅައިގެން، އިށީނދެލައިގެން އިނީ.
ހުސައިން ބަރްބަރް؛ ތުރުކީ ރައްޔިތެއް

މަރސިން ސިޓީ ހޮސްޕިޓަލުގެ އެތެރެހަށީގެ ބަލިތަކުގެ ޚާއްސަ ސްޕެޝަލިސްޓް، ޑރ ޑެނީޒް ގަރޒަރ ވިދާޅުވީ، ފުރާނަ ސަލާމަތް ކުރުމަށް އެންމެ ގިނަ ބަޔަކަށް ކުރިމަތިލާން ޖެހޭ ގޮންޖެހުމަކީ ގަދަ ފިނީގެ ތަކުލީފުތަކެވެ.

އަދި ކުޑަކަމުދާތަކެތި ބުއިމަކީ އެދެވިގެންވާ ކަމެއް ނޫންކަމަށެވެ. އިންސާނުންގެ ކުޑަކަމުދާތަކެއްޗަކީ ގިނަ ޢަދަދަކަށް ވިހަ މާއްދާތައް އޭގައި އެކުލެވޭ އެއްޗަކަށް ވާއިރު، ކުޑަކަމުދާ ތަކެއްޗަކީ އިންސާނަކަށް ބޭނުންވާ ފެނުގެ މާއްދާ ފުރިހަމަކޮށްދޭ އެއްޗެއް ނޫންކަންވެސް އޭނާ ވަނީ ހަނދާންކޮށްދެއްވާފައެވެ.

ތަފާތު އެކި މެޝިންތައް ގުޅާފައި އޮތް ބަރްބަރް ބުނިގޮތުގައި، އޭނާ ސަލާމަތްވެދާނެ ކަމުގެ އުއްމީދު ފަނޑުވިއެވެ. ރެސްކިއު މިޝަންގެ އަޑުއިވުނުއިރު، އެއްވެސް މީހަކު ދެން އޭނާ ސަލާމަތްކުރަން ނާންނާނެ ކަމަށް އޮތީ ނިންމައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
33%
0%
0%
0%
0%
67%
ކޮމެންޓް