ކިތަންމެ އަގުހުރި ބިޑެއް ލިބުނު ނަމަވެސް ޓޮޓެންހަމް ވިއްކާލަން ބޭނުންނުވާ ކަމަށް އެކުލަބުގެ ވެރިން ބުނެފި އެވެ.
އިނގިރޭސިވިލާތުގެ ލަންޑަނަށް ނިސްބަތްވާ ޓީމު މިވަގުތު ހިންގުމުގައި އިސްކޮށްތިބީ ކުލަބުގެ ވެރިޔާ ޖޯ ލެވިސް އާއި ޗެއާމަން ޑެނިއަލް ލެވީ އެވެ. މި ދެ މީހުން ވަނީ ޓޮޓެންހަމުން މިހާރު މެޗުތައް ކުޅޭ 60000 މީހުންގެ އައު ސްޓޭޑިއަމް ބިނާ ކުރުމަށް 1 ބިލިއަން ޕައުންޑްގެ އިންވެސްޓްކޮށްފަ އެވެ. މިއާއެކު ބޭނުންވަނީ ކުލަބުގެ ދުރު ރާސްތާ ޕްލޭނާއެކު ކުރިއަށްދާން ކަމަށް ޑެނިއަލް ލެވީ ވަނީ ބުނެފަ އެވެ.
ނަމަވެސް ވާދަވެރި ކުލަބުތައް މުއްސަދި މަހުޖަނުންގަނެ، މޮޅު ކުޅުންތެރިން ހޯދައި، އިނގިރޭސިވިލާތާއި ޔޫރަޕުގައި ހޯދަމުން އަންނަ ކާމިޔާބީތަކުގެ ސަބަބުން ޓޮޓެންހަމުގެ ސަޕޯޓަރުން ތިބީ ކުލަބުގެ ވެރިންނާމެދު ނުރުހިފަ އެވެ. އަދި ކުލަބުގެ ވެރިންނާ ދެކޮޅަށް އަޑުއުފުލައި ޓޮޓެންހަމް ވިއްކާލަން ބާރުއެޅުމުގެ ގޮތުން ދަނޑުތެރޭގައި ސަޕޯޓަރުން ވަނީ ސުލްހަވެރިކަމާއެކު އަޑުގަދަކުރަން ފަށައިފަ އެވެ. މި ގޮތުން ޗެމްޕިއަންސް ލީގުގައި އިއްޔެރޭ އޭސީ މިލާން އަތުން 1-0އިން ޓޮޓެންހަމް ބަލިވި މެޗުގެ 60 ވަނަ މިނިޓްގައި ސަޕޯޓަރުން ކުލަބުގެ ވެރިންނާ ދެކޮޅަށް އަޑުއުފުލައިފަ އެވެ.
ޓޮޓެންހަމް ގަތުމަށް މިވަގުތު ޝައުގުވެރިވަނީ އިރާނާއި އެމެރިކާގެ މަހުޖަނު ޖާމް ނަޖާފީ އެވެ. ކުލަބު ގަތުމަށް 3.1 ބިލިއަން ޕައުންޑް އޭނާ ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް ޓޮޓެންހަމުގެ ވެރިން ބުނަނީ ނަޖާފީގެ ރަސްމީ ހުށަހެޅުމެއް ލިބިފައިނުވާ ކަމަށެވެ.ޓޮޓެންހަމުގެ ވެރިން
އިނގިރޭސި ކުލަބުތަކުގެ ތެރެއިން މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ވެސް ވިއްކާލަން ދަނީ މަޝްވަރާކުރަމުންނެވެ. މިވަގުތު މި ދެ ކުލަބު ހިންގަނީ އެމެރިކާގެ ކުންފުނިތަކުންނެވެ. މި ދެ ކުލަބަށް އިންވެސްޓް ކުރަން ޝައުގުވެރިކަން ފާޅު ކުރަމުންދަނީ އަރަބި މަހުޖަނުންނެވެ. އަދި ޗެލްސީ ހިންގަނީ ވެސް އެމެރިކާގެ މަހުޖަނެކެވެ. މެންޗެސްޓާ ސިޓީ ހިންގަނީ އަބޫދާބީގެ މަހުޖަނުންނެވެ. މި ކުލަބުތަކުގެ ތެރެއިން ޗެލްސީ އާއި ސިޓި ދަނީ ޓްރާންސްފާ މާކެޓުގައި އިމެއްނެތި ހަރަދުކުރަމުންނެވެ. ޔުނައިޓެޑާއި ލިވަޕޫލްގައި ވަރުގަދަ ސްކޮޑެއް އެބައޮތެވެ. މިއާ ހިލާފަށް ޓޮޓެންހަމުގައި އޮތީ އާދައިގެ ސްކޮޑެކެވެ.