ކ. މާލެ
|
11 ފެބްރުއަރީ 2023 | ހޮނިހިރު 11:16
"ގަމާޝެފް"ގެ ނަން ދީފައިވާ ރޮބޮޓް ކައްކާއަށް، ކައްކަން ދަސްކޮށްދީފައި ވަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި
ގާމާ ޝެފް
ގޯޑަން ރެމްޒީއާއި ޖޭމީ އޮލިވަރ ފަދަ ކައްކާއިންގެ ޑިޝްތައް ވަގުތުން ވަގުތަށް ސުފުރާ މައްޗަށް ގެނެސްދޭ "ގާމާޝެފް"!
ރޮބޮޓް ޝެފްގެ އުނދުންތައް ފަރުމާކޮށްފައި ވަނީ، އިންސާނީ ޝެފަކު ތައްޔާރު ކޮށްފައިވާ ރެސިޕީއާއި އެއްގޮތަށް، ޑިޝްއަށް ބޭނުންވާ ބާވަތްތައް އޭގެ ޒާތުގައި އަމިއްލައަށް ތެއްޔަށް އެޅޭ ގޮތަށް
އިންސާނުން ކުރާހާވެސް ކަމަކީ، ރޮބޮޓް ޝެފްގެ އުނދުންތަކަށް، އެ ކޭމަކަށް ބޭނުންވާ ސާމާނުތައް ލޯޑު ކުރުން
މި ރެސްޓޯރަންޓްގައި ރޮބޮޓް އޮޕަރޭޝަން ހިނގަނީ އިންސާނެއްގެ އެއްވެސް ވަރެއްގެ ބައިވެރިވުމަކާ ނުލާ

ރެސްޓޯރަންޓަކަށް ވަދެ ބަކަރި މަހު ޏޯކީއާއި، ބްލެކް ރިޒޯތޯ ނޫނީ ޒުކީނީ ޕާސްތާއެއް ވަރަށް އަވަހަށް ކާލަން ބޭނުން ހެއްޔެވެ؟ މިއީ އާންމު ބަދިގެއެއްގައި މާ ފަސޭހައިން، އެހާމެ އަވަހަށް ތައްޔާރުކޮށް ނުލެވިދާނެ ބާވަތްތަކެއް ނަމަވެސް، ކްރޮއޭޝިއާގެ ރެސްޓޯރަންޓެއްގައި އެކަން ވާން އެބަ އޮތެވެ. ރޮބޮޓް ޝެފެއްގެ އެހީގައެވެ. މި ޝެފަކީ، އެއް ފަހަރާ 70 ބާވަތެއްގެ ކޭން ތައްޔާރު ކޮށްލުމުގެ ޤާބިލުކަން ލިބިފައިވާ ކައްކާއެކެވެ.

ޒަގްރީބްގައި ހުންނަ "ބޮޓްސް އެންޑް ޕޮޓްސް ސައި-ފައި ފޫޑް ބީސްޓްރޯ"ގެ ވެރިން ޤަބޫލު ކުރާ ގޮތުގައި، އެ ރެސްޓޯރަންޓަކީ، މި ވަޤުތު މުޅި ދުނިޔޭގައިވެސް، ރޮބޮޓް ޝެފެއް ތައްޔާރުކޮށް، ވަޤުތުން ކާލެވޭ ގޮތަށް ވަންޕޮޓް މީލްސް ލިބެން ހުރި ހަމައެކަނި ރެސްޓޯރަންޓްއެވެ. މި ރެސްޓޯރަންޓްގައި ރޮބޮޓް އޮޕަރޭޝަން ހިނގަނީ އިންސާނެއްގެ އެއްވެސް ވަރެއްގެ ބައިވެރިވުމަކާ ނުލައެވެ. އިންސާނުން ކުރާހާވެސް ކަމަކީ، ރޮބޮޓް ޝެފްގެ އުނދުންތަކަށް، އެ ކޭމަކަށް ބޭނުންވާ ސާމާނުތައް ލޯޑު ކުރުމެވެ.

ރޮބޮޓް ޝެފްގެ އުނދުންތައް ފަރުމާކޮށްފައި ވަނީ، އިންސާނީ ޝެފަކު ތައްޔާރު ކޮށްފައިވާ ރެސިޕީއާއި އެއްގޮތަށް، ޑިޝްއަށް ބޭނުންވާ ބާވަތްތައް އޭގެ ޒާތުގައި އަމިއްލައަށް ތެއްޔަށް އެޅޭ ގޮތަށެވެ.

ރެސްޓޯރަންޓްގެ ވެރިޔާ، ހަރްވޯޔޭ ބޫޔާސް ބުނި ގޮތުގައި ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ގޮންޖެހުމަކީ، ރޮލާ ހުރި ބާވަތްތަކެއް ބޭނުންކޮށްގެން، ވީހާވެސް މަދު މިނެޓްކޮޅެއްގެ ތެރޭގައި، އަނގަޔަށް މީރު ޑިޝްތަކެއް ތައްޔާރުކޮށް ނިންމާލުން ކަމަށެވެ.

އެންމެ ބޮޑު ގޮންޖެހުމަކީ، ރޮލާ ހުރި ބާވަތްތަކެއް ބޭނުންކޮށްގެން، ވީހާވެސް މަދު މިނެޓްކޮޅެއްގެ ތެރޭގައި، އަނގަޔަށް މީރު ޑިޝްތަކެއް ތައްޔާރު ކުރުން. އެވާން އެބަޖެހޭ، އަނގަޔަށް މީރު ޑިޝްތަކަކަށްވެސް. މިކަމަށް ވަރަށް ގިނަ ވަޤުތު ހޭދަވި. އެހާ ބޮޑު އިންވެސްޓެއްވެސް ކުރަން ޖެހުނު. މި ދައްކަނީ މިލިއަނަކަށް ވުރެ ގިނަ ޔޫރޯގެ ވާހަކަ. ވަރަށް ބުރަ މަސައްކަތް މީ. ވަރަށް ބޮޑަށް، މިކަމާ ގަޔާވެ އުޅެގެން މިކަން މި ވީ.
ހަރްވޯޔޭ ބޫޔާސް؛ ބޮޓްސް އެންޑް ޕޮޓްސްގެ ކޯ އޯނަރެއް

އޭނާގެ 18 ވަނަ އުފަން ދުވަސް ފާހަގަ ކުރުމަށް ރައްޓެއްސަކު ގޮވައިގެން "ބޮޓްސް އެންޑް ޕޮޓްސް" ރެސްޓޯރަންޓަށް ގޮސް އިން ލޮވްރޯ ޕެޓާ އަންދްރިޗެކް ބުނި ގޮތުގައި، އެ ރެސްޓޯރަންޓުން ލިބުނީ އެންމެ މަތީ ކޮލިޓީގެ ޑިޝްތަކެކެވެ.

މިތަނަށް އައި ފުރަތަމަ ފަހަރު މީ، ރައްޓެއްސަކާއެކީ އުފަން ދުވަސް ފާހަގަ ކުރަން މިތަނަށް މިއައީ. ކާއެއްޗިއްސާ މެދު އެއްޗެއް ބުނަންނަޏާ ބުނެވެނީ، އިންސާނީ ޝެފަކު ތައްޔާރު ކުރާ އެއްޗިއްސާ މިއާ ތަފާތެއް ނެތޭ. ވަރަށް ރަނގަޅު ކެއުން ހަމަ. ތަށީގަ ބާކީ އެންމެ އެތިކޮޅެއްވެސް ނުބަހައްޓަން.
ލޮވްރޯ ޕެޓާ އަންދްރިޗެކް؛ ބޮޓްސް އެންޑް ޕޮޓްސްގެ ކަސްޓަމަރެއް

"ގަމާޝެފް"ގެ ނަން ދީފައިވާ ރޮބޮޓް ކައްކާއަށް، ކައްކަން ދަސްކޮށްދީފައި ވަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައެވެ. ކައްކަން ދަސްކޮށްދިނީ ރެސްޓޯރަންޓްގެ ބޮޑު ކައްކާއެވެ. ދަސްކުރާ ކޮންމެ ރެސިޕީއެއް، ގާމާޝެފް ހަނދާން ހުރެއެވެ. އަދި އެ ޑިޝްތައް ތައްޔާރު ކުރުމުގެ މަސައްކަތް، ތަކުރާރު ކުރެއެވެ.

މި ރޮބޮޓަށް ކައްކަން ދަސްކޮށްދެނީ އަހަރަމެންގެ ބޮޑު ކައްކާ. ރޮބޮޓަށް ޑިޝްއެއް ދަސްކޮށްދޭ ހިސާބުން، ދެން އެ ހަނދާން ހުންނާނެ. އެތައް ބިލިއަން ފަހަރަކުވެސް ހަމަ އެ ޑިޝް، އެގޮތަށް ތަކުރާރުކޮށް ހަދާފާނެ. މި ވަޤުތުވެސް އަހަރަމެން އަތުގަ އެގޮތަށް އެބަހުރި 70 ވަރަކަށް ޑިޝް. ހަމަ ތައްޔާރަށް.
ހަރްވޯޔޭ ބޫޔާސް؛ ބޮޓްސް އެންޑް ޕޮޓްސްގެ ކޯ އޯނަރެއް

ބޫޔާސް ބުނި ގޮތުގައި ރޮބޮޓް ކައްކާގެ 5 އުނދުން ބޭނުން ކޮށްގެން ގަޑިއެއްގެ އިރުގެ ތެރޭގައި 100 ޑިޝް ތައްޔާރު ކުރެވެއެވެ. އޭނާގެ ރެސްޓޯރަންޓުގައި ރޮބޮޓް ޓެކްނޮލޮޖީ ބޭނުން ކުރާ ގޮތް، އެހެން ރެސްޓޯރަންޓްތަކާ ތަފާތު ވާނެކަމަށް ބޫޔާސް ކަށަވަރު ކުރެއެވެ.

ނިކަން ޚިޔާލަށް ގެނެސްބަލަ، ގޯޑަން ރެމްޒީ ނޫނީ ޖޭމީ އޮލިވަރ ކޮންމެވެސް މޮޅު ޑިޝްއެއް ތައްޔާރު ކުރަމުންދާ މަންޒަރު. މިހާރު ތި މީހުންނަށްވެސް ހަމަ ވަޤުތުން އެ ޑިޝް ކާލެވޭނެ. ވަޤުތުން ވަޤުތަށް. ޝެފަކު އެ ކުރާ މަސައްކަތް، މި ރޮބޮޓަށް ކޮއްލެވޭނެ ހަމަ ހިނދުން ހިނދަށް.
ހަރްވޯޔޭ ބޫޔާސް؛ ބޮޓްސް އެންޑް ޕޮޓްސްގެ ކޯ އޯނަރެއް

"ބޮޓްސް އެންޑް ޕޮޓްސް ސައި-ފައި ފޫޑް ބީސްޓްރޯ" އަކީ މިދިޔަ އަހަރު ހުޅުވި ރެސްޓޯރަންޓެއް ނަމަވެސް، ޚިޔާލު އުފެދުނު ހިސާބުން ފެށިގެން އެކަން ޙަގީގަތަކަށް ހެދުމަށް ބޫޔާސްއާއި އޭނާގެ ބައިވެރިން ވަނީ 7 އަހަރު ދުވަސް ހޭދަ ކޮށްފައެވެ. އަދި އެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށް 1 މިލިއަން ޔޫރޯ ނުވަތަ 1.07 މިލިއަން ޑޮލަރު، އެ ކަމަށް އިންވެސްޓް ކުރިއެވެ.

ބޫޔާސް ހުރީ އޭނާގެ މި މޮޑެލް، ފްރެންޗައިޒް އުސޫލުން އަދިވެސް އިތުރަށް ފުޅާ ކުރުމުގެ ވިސްނުމުގައެވެ. މުވައްޒަފުން ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، މިފަދަ ގޮތަކަށް ރެސްޓޯރަންޓް ހިންގުމުން، ވަޤުތާއި ފައިސާވެސް ސަލާމަތްވާ ކަމަށް ބޫޔާސް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް