ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަވަހާރަކޮށްލުމަށް ދިން ހަމަލާގައި ޕާކިސްތާނު ތާލިބާން ޖަމާއަތުގެ ބައިވެރިވުމެއް ނެތް ކަމަށް އެޖަމާއަތުން ބުނެފައިވަނިކޮށް ޕާކިސްތާނުގެ އަސްކަރިއްޔާ އާއި އިންޓަރ ސަރވިސް އިންޓެލިޖެންސު(އައިއެސްއައި)އިން އެމަނިކުފާނު އަވާހަރަކޮށްލަން މަސައްކަތްކުރަމުންދާކަމަށް އިމްރާން ޚާން ތުހުމަތުކުރައްވައިފިއެވެ.
ލީކުވެފައިވާ ވީޑިއޯއެއްގައި ޕާކިސްތާނު ތަހުރީކް އީ އިންސާފު (ޕީޓީއައި)ޕާޓީގެ ލީޑަރ އިމްރާން ޚާން ވިދާޅުވާ ގޮތުގައި އައިއެސްއައި އާއި ޕާކިސްތާނު އަސްކަރިއްޔާއިން ބޭނުންވަނީ ޕާކިސްތާނުގެ އެންމެ މަގްބޫލު ލީޑަރ އަވަހާރަކޮށްލަން ކަމަށެވެ. އިމްރާން ޚާން ތުހުމަތުކުރައްވާ ގޮތުގައި ކުރީގެ ރައީސް އާސިފް އަލީ ޒަރްދާރީ ވަނީ އުތުރު ވަޒީރިސްތާނުން ތަހްރީކް އީ ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިންނަށް އަގުދީގެން އެމީހުން ލައްވާ އިމްރާން ޚާން އަވަހާރަކޮށްލުމަށް ރާވާފައެވެ.
ލީކުވެފައިވާ ވީޑިއޯގައި އިމްރާން ޚާން ވިދާޅުވީ ޕާކިސްތާނުގައި ހުރި އެންމެ މަގުބޫލު އަދި ހުރިހާ ރައްޔިތުން އެއްބައި ކުރެވޭނެ ހަމައެކަނި ލީޑަރު އަވަހާރަކޮށްލަން އައިއެސްއައި އާއި އަސްކަރިއްޔާއިން ބޭނުންވާކަމަށެވެ. އަދި ޒަރްދާރީ ވަނީ މިކަން ކުރުމަށް ޝޫޓްކުރާ މީހުންނަށް އަގުދީފައި ކަމަށާއި މިދިޔަ އަހަރު ބޮޑުވަޒީރު ކަމުގެ މަގާމުން ވަކިކުރެ ވުމުން އިމްރާން ޚާން އަސްކަރިއްޔާގެ ކުރީގެ ޗީފް ޖެނެރަލް ގަމަރް ޖާވިދު އާ ބައްދަލުކުރެއްވިކަމަށެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރ މަހު އިމްރާން ޚާން އަވަހާރަކޮށްލަން ދިން ހަމަލާގައި ސެކިޔުރިޓީ އޮފިސަރުންވެސް ބައިވެރިވެފައިވާކަމަށް އިމްރާން ޚާން ތުހުމަތު ކުރެއްވިއެވެ. އިމްރާން ޚާން ވަނީ ޕާކިސްތާނުގެ އައު އަސްކަރީ ސްޓާފް ޖެނެރަލް އާސިމް މުނީރު އާއި އެއްވެސް ގުޅުމެއް ނޯންނަކަމަށް ދާދިފަހުން ވިދާޅުވެފައެވެ.
އިމްރާން ޚާން މިމޭރުމުން ސެކިޔުރިޓީ އާއި އަސްކަރިއްޔާ އަށް ތުހުމަތުކުރައްވާފައިވާއިރު އިމްރާން ޚާން އަވަހާރަކޮށްލަން ދިން ހަމަލާގައި އެއިން އެއްވެސް ފަރާތެއްގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.