ތުރުކީ އާއި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 20،000ން މައްޗަށް އަރާފައިވާއިރު ދިރިހުއްޓާ މީހުން ސަލާމަތްކުރެވިދާނެކަމުގެ އުންމީދު ކުޑަވާން ފަށައިފިއެވެ.
ތުރުކީގެ ހެލްތު މިނިސްޓަރު ވިދާޅުވާ ގޮތުގައި ބިން ހެލުމުގައި މިހާތަނަށް އެގައުމުން 17،406 މީހުން ވަނީ މަރުވެފައެވެ. އަދި ސީރިޔާއިން މިހާތަނަށް 3،317 މީހުން ވަނީ މަރުވެފައެވެ.
ތުރުކީގައި ބިން ހެލުމާއި ގުޅިގެން އެކި ކަހަލަ އަނިޔާތައް ލިބިފައިވާ މީހުންގެ އަދަދު ވަނީ 72،879ށް އަރާފައެވެ.
ހޯމަ ދުވަހު އައި ބާރުގަދަ ބިންހެލުމަށް ހުކުރު ދުވަހު ފަސް ވަނަ ދުވަސް ގުނަމުންދާއިރު ގަދަ ފިނީގައި އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތްކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އަދި އެހީ ލިބުމުގައި ލަސްތަކެއް ހުރިކަމުގެ ކަންބޮޑުވުން އަންނަނީ ވަރަށް ބޮޑަށް ފާޅުކުރަމުންނެވެ.
އަނެއްކޮޅުން އެމެރިކާއިން ވަނީ ބިން ހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް 85 މިލިއަން އެމެރިކާ ޑޮލަރު ދޭނެކަމަށް ބުނެފައެވެ. ވޯރލްޑް ބޭންކުން ވަނީ 1.78 ބިލިއަން އެމެރިކާ ޑޮލަރު ތުރުކީގެ ހާލުގައި ޖެހިފައިވާ މީހުންނަށް ދޭނެކަމަށް އިއުލާންކޮށްފައެވެ.
ބިން ހެލުމާއި ގުޅިގެން އެންމެ ބޮޑު ކަންބޮޑުވުމެއް ބައިނަލްއަގްވާމީ މަސްރަހުގައި ފާޅުކުރަމުންދަނީ މިހާރުވެސް ދާޚިލީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ސީރިއާ އާ މެދުއެވެ. ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ވަނީ ސީރިއާއަށް ވަޑައިގަންނަވާކަން ހާމަކޮށް ޓްވީޓްކުރައްވާފައެވެ. ޑަބްލިޔުއެޗްއޯއިން އަންނަނީ ސީރިޔާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ބިން ހެލުމުގެ އަސަރު އެންމެ ބޮޑަށްކޮށްފައިވާ ސީރިޔާގެ ޖިންޑިއާރްސްގެ ރައްޔިތުން އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތްކުރުމަށް ބޭނުންކުރަނީ އެމީހުންގެ އަމިއްލަ އަތެވެ. ބައިނަލްއަގްވާމީ އެހީ އަށް އެދި އެސަރަހައްދުގެ ރައްޔިތުން އާދޭސްކުރަމުންދާއިރު އެހީވެދޭ މީހުން އެސަރަހައްދަށް އައުން ލަސްވަމުންދާތީ އެމީހުން އަމިއްލައަށް އަންނަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރަމުންނެވެ.
ސީރިޔާގައި ހާލުގައިޖެހިފައިވާ މީހުންނަށް އެހީތެރިވުމުގެ ގޮތުން ޖަރުމަނުން 28 މިލިއަން ޑޮލަރު ފޯރުކޮށްދޭނެކަމަށް ވަނީ ބުނެފައެވެ. މީގެއިތުރުން އިނގިރޭސިވިލާތުން ވެސް ވަނީ ސީރިޔާގައި ހާލުގައި ޖެހިފައިވާ މީހުންނަށް މީހުން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީވުމަށް 3.6 މިލިއަން ޑޮލަރު ކަނޑައަޅާފައިވާކަން ހާމަކޮށްފައެވެ.