އާ ކޯޗާއެކު, އާ ސީޒަނަށް މާޒިޔާއިން ޕްރެކްޓިސް ފަށައިފިއެވެ.
މާޒިޔާއިން މިއަދު ޕްރެކްޓިސް ފެށީ ބަލްގޭރިޔާގެ ކޯޗު އިވާން ވެންކޯވް ކޮލޭވްގެ އިރުޝާދުގެ ދަށުންނެވެ. އޭނާއަކީ ކުރިން އިންޑޮނޭޝިޔާއާއި, މިޔަންމާގެ ގައުމީ ޓީމަށް އިރުޝާދު ދީފައިވާ ތަޖުރިބާ ބޮޑު ކޯޗެކެވެ. ކޯޗާއެކު ސޮއިކުރުމުގެ ކުރިން މާޒިޔާއިން ވަނީ މިދިޔަ ސީޒަންގައި ޓީމަށް ކުޅުނު މުހިއްމު ކުޅުންތެރިންގެ އެއްބަސްވުން އާކޮށް, މިދިޔަ އަހަރުތަކުގައި އެހެން ޓީމްތަކުގައި މޮޅަށް ކުޅުނު ކުޅުންތެރިންގެ ސޮއިވެސް ހޯދާފައެވެ. މާޒިޔާއާ އަލަށް ގުޅުނު ކުޅުންތެރިންގެ ތެރޭގައި ތަޖުރިބާކާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ)އާއި, ޒުވާން ފޯވާޑް ހަސަން ރާއިފް އަހުމަދު (ހަންނަ)އާއި, ހަސަން ނަޒީމް (ޗޯޓް)އާއި, ޑިފެންޑަރ އަހުމަދު ނުއުމާން (ހެލްމެޓް)އާއި, ހުސައިން ސިފާއު ޔޫސުފް (ކްރޯ)އާއި, މިދިޔަ އަހަރު ދެވަނަ ޑިވިޝަންގައި ނިއުރޭޑިއަންޓަށް ކުޅުނު ޑިފެންޑަރ ޝަމްވީލް މުހައްމަދު (ބޮންޑާ) ހިމެނެއެވެ. މީގެތެރެއިން ބޮންޑާ ފިޔަވައި އެހެން ކުޅުންތެރިންނަކީ ގައުމީ ޓީމްގެ ކުޅުންތެރިންނެވެ. މީގެއިތުރުން ރާއްޖޭގައި ކުޅެމުން އައި މިސްރުގެ މިޑްފީލްޑަރ ހަލިލް ޖަމާލްވެސް ވަނީ މާޒިޔާއަށް ސޮއިކޮށްފައެވެ. އޭނާ މިދިޔަ ސީޒަންގައި ކުޅުނީ ވެލެންސިޔާއަށެވެ.
މާޒިޔާއަށް މިދިޔަ ސީޒަންގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމްގައި ހިމެނޭ މަދު ކުޅުންތެރިއަކު ފިޔަވައި ވަނީ އެއްބަސްވުން އާކޮށްފައެވެ. އެއްބަސްވުން އާނުކުރަން މިޑްފީލްޑަރ އިބްރާހީމް ވަހީދު (އިއްބެ)އާއި, ފޯވާޑް އިބްރާހީމް މަހުދީ (ފޭދޫއިއްބެ)އާއި، ފޯވާޑް އަސަދުﷲ އަބްދުﷲއެވެ. މީގެތެރެއިން ފޭދޫ އިއްބެ ފެންނާނެކަމަށް ބެލެވެނީ އީގަލްސްއިންނެވެ. އިބްރާހީމް ވަހީދާއި އަސަދުﷲ މަޑުކޮށްގެން ތިބީ ވެލެންސިޔާއަށް ކަމަށް މައުލޫމާތުލިބެއެވެ.
މާޒިޔާއިން މިއަދު ޕްރެކްޓިސް ފެށިއިރު، އާސީޒަނަށް އެހެން ކްލަބްތަކުން ތައްޔާރުމުގެ ކަންކަން މީޑިޔާއަށް ތިލައެއް ނުވެއެވެ. އަދި ސީޒަން ފަށާނެ ސީދާ ދުވަހެއްވެސް އެފްއޭއެމްއިން އާއްމުކޮށްފައެއް ނުވެއެވެ. ނަމަވެސް ކްލަބްތަކުން މައުލޫމާތުދޭގޮތުގައި އަންނަ މަހުގެ 29 ވަނަ ދުވަހު ސީޒަން ފަށާނެއެވެ.