ޑިޒައިން އެންޑް ބިލްޑް އުސޫލުން ޏ. ފުވައްމުލަކުގައި 400 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތްކުރާނެ ބަޔަކު ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު މިމަހުގެ 21ގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ކުރިން މުއްދަތު ހަމަވާން އޮތީ ފެބްރުއަރީ 6 އަށެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ވަނީ މުއްދަތު އިތުރުކޮށްފައިވާކަން ހާމަކޮށް, އިއުލާން ކޮށްފައެވެ. މި އިއުލާންގައި ވާގޮތުން މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށްގެންދެވޭނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިންނެވެ. މި ބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ)ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 21 ފެބުރުވަރީއާ ހަމައަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00ން 14:00ށް، މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް (ބަނޑޭރި ޕޭ) މެދުވެރިކޮށެވެ.
މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި -/2,100,000ރ(ދެމިލިއަން އެއްލައްކަ ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
ބިޑުތައް ހުޅުވުން އޮންނާނީ 23 ފެބްރުވަރީ 2023ވާ ބުރާސްފަތި ދުވަހުގެ 10:00:00ގައި، މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.
ފުވައްމުލަކުގައި 800 ހައުސިންގ ޔުނިޓް އެޅުމަށް ސަރުކާރުން އިއުލާންކޮށްފައިވެއެވެ. އެ މަޝްރޫއުގެ ދަށުން 400 ހައުސިންގ ޔުނިޓް އެޅުމަށް މިވަނީ ބިޑް ހުޅުވާލާފައެވެ.