ކ. މާލެ
|
5 ފެބްރުއަރީ 2023 | އާދީއްތަ 12:58
ޗައިނާގެ "ޖާސޫސީ" ފުއްޕާހަން ފޮޓޯ ނަގަނީ
ޗައިނާގެ "ޖާސޫސީ" ފުއްޕާހަން ފޮޓޯ ނަގަނީ
ރޮއިޓާރސް
ސްޕައި ބެލޫން ގޮއްވާލުން
"ސްޕައި ބެލޫން" ގޮއްވާލި މަންޒަރު ދުށް ފޮޓޯގްރާފަރުގެ ތަޖުރިބާ!
 
ހަމަލާ ދިން އެތި ފެނުނުއިރު، ބޮޑު އަލިފާންގަނޑެއް ގޮތަށް ދުންގުޅައެއްވެސް ނުއުފުދޭ
 
މަތިންދާބޯޓުން އެ ފޮނުވާލި އެތި ދިޔަ މަގު ފެންނަން އޮތ އިރު، ދެން ފެނުނީ ފުއްޕާހަން ފެޅި، ކުނޑިތަކަކަށް ވެގެން ފޭބި މަންޒަރު

އާ އަހަރުގެ ފުރަތަމަ މަސް ނިމެން ދަނިކޮށް ދުނިޔޭގެ ސަމާލުކަން ހޯދި އެއް ޚަބަރަކީ ދުނިޔޭގެ އެންމެ ވަރުގަދަ ޤައުމުގެ މަޤާމަށް ފައި ވިއްދައިގެން އޮތް ޗައިނާއިން ދޫކޮށްފައިވާ "ގޮތް ނޭނގޭ" ފުއްޕާހަމެއް، އެމެރިކާގެ ވައިގެ ސަރަޙައްދުން ދަތުރު ކުރަމުންދާ ޚަބަރެވެ. އެމެރިކާއިން ފުރަތަމަވެސް އަމާޒު ކުރި ތުހުމަތަކީ އެއީ ޗައިނާގެ "ޖާސޫސީ" އުޅަނދެއް ކަމުގެ ތުހުމަތެވެ. ނަމަވެސް، ޗައިނާއިން ވަނީ އެއީ މިޞްރާބުން ކަސިޔާރުވި މަދަނީ އުޅަނދެއް ކަމަށް ބުނެ، ދިފާޢު ހޯދާފައެވެ. ޙަޤީޤަތް ކޮންމެ ގޮތަކަށް އޮތް ކަމުގައި ވީ ނަމަވެސް، ފެބުރިއަރީ 5 ދުވަހު އެމެރިކާއިން ވަނީ "ސްޕައި ބެލޫން"ގެ ނަމުން މީޑިއާގައި މުޚާޠަބް ކުރަމުން ދިޔަ ފުއްޕާހަން ގޮއްވާލިކަން ހާމަކޮށްފައެވެ.

އެމެރިކާގެ އަސްކަރީ ވައިގެ އުޅަނދަކުން އެ ފުއްޕާހަން ގޮއްވާލީ ސައުތު ކެރޮލައިނާގެ ކަނޑުގެ ސަރަޙައްދާ ދިމާއިންނެވެ. ޒަމާންވީ ހަތުރުންގެ ގޮތް އެމެރިކާއާއި ޗައިނާގެ ސިލްސިލާ ކޯޅުންތަކަށް އަނެއްކާވެސް އާދަޔާ ޚިލާފު ބޮޅެއް އިތުރުވީއެވެ. އެމެރިކާއިން ޗައިނާގެ ސްޕައި ބެލޫން ގޮއްވާލާ މަންޒަރަށް ފާރަވެރިވެ ހުރި އެކަކީ މަޝްހޫރު ފޮޓޯގްރަފަރ ޓްރެވީސް ހަފްސްޓެލަރއެވެ.

ހުރިހާ ކަމެއްވީ ހަމަ ކުއްލިއަކަށް. އެމީހުން އެއަށް ހަމަލާ ދިނީ. މަ ހީކުރީ މިނެޓްތަކަކަށް ދެމިގެންދާނެކަމަށް އެ ގޮއްވާލުމުގެ ކަންކަން. އެކަމަކު ހަމަ ބަލަހައްޓައިގެން ހުއްޓަ އެވީ ކަމެއްވީ. ދެން ފެނުނުއިރު އެނގޭ ކޮންމެވެސް ކަމެއްވެއްޖެކަން. ހަމަލާ ދިން އެތި ފެނުނު. ބޮޑު އަލިފާންގަނޑެއް ގޮތަށް ދުންގުޅައެއްވެސް ނުއުފުދޭ. މަތިންދާބޯޓުން އެ ފޮނުވާލި އެތި ދިޔަ މަގުވެސް އޮތް ފެންނަން. ދެން ފެނުނީ ފުއްޕާހަން ފެޅި، ކުނޑިތަކަކަށް ވެގެން ފޭބި މަންޒަރު. ޕެރަޝޫޓެއް ކަހަލައެއްޗެއް ވެއްޓޭހެންވެސް ހީވި
ޓްރެވީސް ހަފްސްޓެލަރ؛ ފޮޓޯގްރަފަރ

ސްޕައި ބެލޫން ވައިގެ ތެރޭގައި އޮއްވާ ގޮއްވާލުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ޢަމުރު ކުރެއްވި ނަމަވެސް، އެމެރިކާގެ ދިފާޢީ ވުޒާރާއިން އެކަމަށް ޢަމަލު ނުކޮށް މަޑު ކުރީ، އާންމުން ދިރިއުޅޭ ސަރަޙައްދުތަކާ ދުރަށް އެ ފުއްޕާހަން ދަތުރު ކުރަން ދެނެވެ. އެ ފުއްޕާހަން ދަތުރު ކުރަމުން ދިޔައީ އާންމުކޮށް ވައިގެ އުޅަނދުތައް އުދުހޭ އުސްމިނަށްވުރެވެސް އެތައް ހާސް ފޫޓެއް މަތިން ކަމަށްވެއެވެ.

ސްޕައި ބެލޫން ގޮއްވާލުމުގެ އޮޕަރޭޝަންގައި އެމެރިކާ އަސްކަރިއްޔާގެ ގިނަ އުޅަނދުތަކެއް ހަރަކާތްތެރިވި ނަމަވެސް، ސީދާ ހަމަލާ ދީފައި ވަނީ އެފް-22 މޮޑެލްގެ އެންމެ ބޯޓަކުންނެވެ. ހަމަލާ ދިނީ ލޭންގްލީ އެއަރފޯސް ބޭސްއިންނެވެ. ވާޖީނިއާއިން އެ ހަމަލާ ފޮނުވާލީ، ފެބުރުއަރީ 4 ވަނަ ދުވަހުގެ ރޭ ޖީއެމްޓީ ގަޑިން 1939ގައެވެ. ހަމަލާ ދޭން ބޭނުން ކުރީ އޭއައިމް ނައިން އެކްސް ސުޕަރސޮނިކް މިސައިލެއް ކަމަށް އެމެރިކާގެ އަސްކަރީ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

ޗައިނާގެ ސްޕައި ބެލޫން ވައްޓާލާފައި ވަނީ އެމެރިކާގެ ކަނޑުގެ ސަރަޙައްދުގެ 6 ނޯޓިކަލް މޭލު ބޭރަށެވެ. އެ ސަރަޙައްދަކީ ފެންތިލި ހިސާބެއް ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. ގޮއްވާލި ހަމުން ފޭބި ކުނޑިތައް ނެގުމުގެ މަސައްކަތް ފަސޭހަ ވާނެ ކަމަށްވެސް ބެލެވެއެވެ.

ސްޕައި ބެލޫން ވައްޓާލުމުގެ ކުރިން އެމެރިކާގެ ސަރުކާރުން ވަނީ އެޤައުމުގެ ވަކި ސަރަޙައްދެއްގެ ވައިގެ ތެރެއިން ދަތުރު ނުކުރުމަށް އަންގާ އަމުރެއް ނެރެފައެވެ. ސަބަބެއް ކަމުގައި ބުނެފައި ވަނީ ޤައުމީ ސަލާމަތާ ބެހޭ އޮޕަރޭޝަނެއް ހިންގުމެވެ.

މި ފުއްޕާހަން އެމެރިކާގެ ވައިގެ ސަރަޙައްދަށް އެންމެ ފުރަތަމަ ވަނީ ޖެނުއަރީ 28 ވަނަ ދުވަހުއެވެ. އޭގެ ފަހުން ޖެނުއަރީ 30 ވަނަ ދުވަހު ކެނެޑާގެ ވައިގެ ސަރަޙައްދުން ދަތުރު ކުރުމަށްފަހު، އެމެރިކާގެ ވައިގެ ސަރަޙައްދަށް އަނެއްކާވެސް ވަނީ ޖެނުއަރީ 31 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
35%
29%
6%
12%
12%
6%
ކޮމެންޓް