އއ. މަތިވެރި ހަސަން އަލީ(ހަސަންފުޅު) ހޯދުމަށް ކުރި މަސައްކަތުން އަދިވެސް އެމީހާ ފެނިފައިނުވާކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ އުމުރުން 73 އަހަރުގެ އއ މަތިވެރި ރިވެލި ހަސަން އަލީ ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ފެބުރުވަރީ 1 ވަނަ ދުވަހުގެ 09:37 އެހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ. ޙަސަން ޢަލީ އެންމެ ފަހުން ފެނިފައިވަނީ ޖަނަވަރީ 31 ވަނަ ދުވަހުގެ 10:30 އެހާއިރުކަމަށް އާއިލާއިން މައުލޫމާތުދީފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ހަސަން އަލީ ހޯދުމުގެ ގޮތުން ޑައިވްކޮށްގެން ވެސް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ރަށުގެ ހުރިހާ ސަރަހައްދުތަކާއި ގޭބިސީތަކާއި ފަޅު ގޯތިތައް ބަލާފައިވާކަމަށާއި އަދިވެސް އިތުރަށް ބަލަމުން އަންނަކަމަށެވެ.
ޙަސަން ޢަލީއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ މަތިވެރި ޕޮލިސް ސްޓޭޝަން ނަންބަރު 9994875 ގުޅާ އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހަސަންފުޅަކީ ދާ އަޅައިގެން މަސް ހިފަންދާ މީހެކެވެ. އޭނާ ގެއްލިގެން ހޯދުމުގެ މަސައްކަތް ރަށުގެ ރައްޔިތުންވެސް އަންނަނީ ކުރަމުންނެވެ.