މެންޗެސްޓަރ ސިޓީ ދޫކޮށް, ބަޔާން މިއުނިކަށް ބަދަލުވެ ބަޔާން މިއުނިކަށް ކުޅެދިން ފުރަތަމަ މެޗުގައިވެސް ކަންސޭލޯ ތަފާތު ދައްކާ ޓީމާއެކު ޖަރމަން ކަޕް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ޖަރމަން ކަޕް ކުއާޓާ ފައިނަލަށް ބަޔާން މިއުނިކް ދަތުރުކުރީ 4-0 ން މައިންޒް ބަލިކޮށްގެންނެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން ބަޔާންއަށް ބަދަލުވެ, އެއް ދުވަސް ފަހުން ބަޔާން ކުޅުނު ފުރަތަމަ މެޗުގައިވެސް ފުރަތަމަ އެގާރައިން ޖާގަ ދިނުމުން ނުކުމެ, ފުރަތަމަ ލަނޑު ޖަހަން އެހީވީވެސް ކަންސޭލޯއެވެ. އޭނާގެ އެހީގައި ފުރަތަމަ ގޯލް ޖެހީ ޗޯޕޯ މޯޓިންގއެވެ. ޕޯޗްގަލްގެ ފުލް ބެކް މުޅި މެޗުގައިވެސް މޮޅަށް ކުޅުނެވެ.
ބަޔާންގެ ދެވަނަ ލަނޑު ޖެހީ މުސިއާލާއެވެ. ތިންވަނަ ލަނޑު ފުރަތަމަ ހާފްގެ ފަހު މިނެޓުގައި ޖެހީ ސާނޭއެވެ. މެޗުގެ ފަހު ހަތް މިނެޓުގެ ތެރޭގައި ފަހު ލަނޑު ޖެހީ އަލްފަންސޯ ޑޭވިސްއެވެ. ކަންސޭލޯ ލޯނު އެއްބަސްވުމެއްގެ ދަށުން ބަޔާންއަށް ބަދަލުވީ ސީޒަން ނިމުމުން އެއްބަސްވުން ދާއިމީ ކުރުމުގެ ފުރުޞަތު ލިބޭ ގޮތަށެވެ. އޭނާއަކީ މިދިޔަ ދެސީޒަންގައި މެންޗެސްޓަރ ސިޓީން ޕްރިމިއަރ ލީގު ހޯދިއިރު ޓީމްގެ މުހިއްމު ކުޅުންތެރިއެކެވެ. އެކަމަކު މިސީޒަންގައި ފުރުޞަތު ލިބޭވަރު މަދުވުމުން ޓީމް ދޫކޮށްލީއެވެ.