އޮސްޓްރޭލިޔާގައި ގެވެށި އަނިޔާއާބެހޭ ސީރިއަސް މައްސަލަތައް ބެލުމަށް ފުލުހުން ހިންގި ހަތަރު ދުވަހުގެ ޚާއްސަ އޮޕަރޭޝަނެއްގައި 650އްހާ މީހުންގެ މައްޗަށް ދައުވާކޮށްފިއެވެ. ނިއުސައުތުވޭލްގައި ނިމުނު ހަފްތާގައި ހިންގި މި އޮޕަރޭޝަނުގެ ތެރޭން; ގެވެށި އަނިޔާ، ޑްރަގްސް އަދި ހަތިޔާރު ގެންގުޅުމުގެ 1153 މައްސަލަ ފެންމަތިވެފައިވާ ކަމަށް ވެއެވެ. މި އޮޕަރޭޝަންގެ ތެރޭން ފުލުހުން ވަނީ، (ޑްރަގްސް ހިމެނޭހެން) ގެންގުޅުން މަނާ އެތައް އައިޓަމްތަކެއް ހިފަހައްޓާފައެވެ. މީގެތެރޭގައި ބަޑި ނުވަތަ ފިސްތޯލައާއި ކަނޑި އަދި އެފަދަ ތޫނު ހަތިޔާރު ހިމެނެއެވެ.
އޮސްޓްރޭލިޔާއަކީ ގެވެށިއަނިޔާގެ މައްސަލަ ވަރަށް ބޮޑަށް އޮންނަ ގައުމެއްކަމަށް ޚަބަރުތައް ބުނެއެވެ. އަދި ފުލުހުންނަށްވެސް އެހެން ހުރިހާ މައްސަލަތަކަށްވުރެ ގިނައިން ބަލަންޖެހެނީ ގެވެށިއަނިޔާގެ މައްސަލަ ކަމަށް ވެއެވެ.
މިޚާއްސަ އޮޕަރޭޝަންގެ ތެރެއިން ދައުވާ އުފުލުނު 648 މީހުންގެ ތެރޭގައި، ގެވެށިއަނިޔާގެ އެންމެ ބޮޑެތި ޖަރީމާތައް ހިންގައިގެން ފުލުހުން ހޯދަން ބޭނުންވާ 164 މީހުންވެސް ހިމެނޭ ކަމަށް ވެއެވެ. މީގެ ތެރެއިން ބައެއް މީހުން ހޯދުމަށް ވޮރަންޓްތައްވެސް ނެރެފައިވާއިރު، އަނެއްބައި މީހުންނަކީ ކޯޓު އޯޑަރުތަކާ ޚިލާފްވެ ބަންދުން ވީއްލިގެން އުޅެމުން ދާމީހުންނެވެ. އަދި މި އެންމެންނަކީވެސް ފުލުހުންނަށް ފިލައިގެން އުޅޭ މީހުންކަމަށާއި، ޚާއްސަ އޮޕަރޭޝަނެއް ހިންގަން ޖެހުނީވެސް އެހެންވެގެން ކަމަށް ޕޮލިސް ކޮމިޝަނަރ ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވިގޮތުގައި މިފަދަ އޮޕަރޭޝަން އެއްގެ އަނެއް ބޭނުމަކީ ކަންތައްތައް މާ ގޯސްވެގެން ނުދަނީސް ހުއްޓުވުން ކަމުގައެވެ.
އެގައުމުގެ ގައުމީ ތަފާސް ހިސާބުތައް ދައްކާގޮތުން، އޮސްޓްރޭލިޔާގެ ކޮންމެ ފަސް މީހުންގެ ތެރެއިން އެކަކީ އުމުރުން 15 އަހަރުން ފެށިގެން ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ގެވެށި އަނިޔާ ނުވަތަ ޖިންސީ އަނިޔާ ތަހައްމަލްކުރަން ޖެހުނު މީހެކެވެ. އާންމު ގޮތެއްގައި މިފަދަ އަނިޔާ ކުރަނީ ފިރިހެނުން، އަންހެނުންނަށެވެ.
ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރ ވިދާޅުވީ މިދިޔަ އަހަރު އެކަނިވެސް ގެވެށި އަނިޔާގެ ތެރެއިން ހިނގި 17 މަރުގެ ހާދިސާ ފުލުހުން ބަލާފައި ވާކަމަށެވެ.