ރާއްޖޭގެ ކުރީގެ އެއްވަނަ އަންހެން ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ނާޒިމާ ކޯޗެއްގެ ގޮތުގައި ކްލަބް ވެމްކޯގެ އަންހެން ޓީމަށް ޤައުމީ ވޮލީބޯޅަ ތަށި ހޯދައިދީފިއެވެ.
ކްލަބް ވެމްކޯއިން ޤައުމީ ތަށި ހޯދީ ފައިނަލްގައި ކްލަބް ވޮލީބޯލް ބަލިކޮށްގެންނެވެ. ލީގު ބުރުގައި ކްލަބް ވޮލީބޯލް އަތުން ބަލިވެފައި ވަނިކޮށް, ފައިނަލް މެޗު ވެމްކޯއިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަނަ ސެޓް 25-11 ން ވެމްކޯ ހޯދާފައިވަނިކޮށް, ޖެހިގެން އައި ދެވަނަ ސެޓް 25-22 ން ކްލަބް ވޮލީބޯލް ހޯދުމުން މެޗު ވަރަށްބޮޑަށް ވާދަވެރިވެދާނެކަމަށް ބެލެވުނެވެ. އެކަމަކު ޖެހިގެން އައި ދެސެޓް 25-19 އަދި 25-14 ން ހޯދާ ވެމްކޯއިން ތަށި ޔަޤީންކުރިއެވެ. މުބާރާތުގައި ވެމްކޯ ބަލިވީ ލީގުބުރުގައި ކްލަބް ވޮލީބޯލް އަތުން އެކަންޏެވެ. ފައިނަލްގައި އެޓީމްގެ މައްޗަށް ކުރިހޯދުމުން މުބާރާތުގައި ވާދަކުރި ތިން ޓީމްވެސް ވެމްކޯއިން ބަލިކުރީއެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ވެމްކޯގެ ކޯޗު ނާޒިމާއެވެ. އޭނާއަށް އެހީވެދޭން ވެމްކޯ ބެންޗުގައި އިނީ ކުރީގެ އެއްވަނަ ފިރިހެން ކުޅުންތެރިޔާ ނިޒާރު އިބްރާހީމްއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ ޕްރަތީބާއެވެ. މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީވެސް އޭނާއެވެ. މުބާރާތުގެ ޑްރީމް ޓީމްގައި ވެމްކޯގެ ސެޓަރު ޖޫޒާން ޒަރީރާއި, އައިޝަތު މާޖިދާ, ރިޔާޝާ އަދި އަރީޝާ ހިމެނުނެވެ. ޑްރީމް ޓީމްގައި ދެން ހިމެނުނީ ކްލަބް ވޮލީބޯލްގެ ނަރީމާ އިދުރީސްއާއި, ފައިހާއާއި, ޝާނިޔާއެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ ކްލަބް ވޮލީބޯލްގެ ފާތިމަތު ލިވާ ހުސެއިންއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ މާޖިދާއެވެ.