ކ. މާލެ
|
24 ޖެނުއަރީ 2023 | އަންގާރަ 16:01
ޖޯސެފް ބޮރެލް؛ އީޔޫގެ ފޮރިން ޕޮލިސީ ޗީފް
އީރާނާ ދެކޮޅަށް ފިޔަވަޅުއެޅުން
ސްވީޑްންއިން ރިޔާސަތު ބަލަހައްޓަމުންދާ ވިލާތުގެ އިއްތިހާދުން، އީރާނާ ދެކޮޅަށް އަނެއްކާވެސް ފިޔަވަޅު އަޅަން ނިންމައިފި
 
ވިލާތަށް ދަތުރުކުރުން މަނާ، އަދި އެސެޓް ފްރީޒް ކުރުމުގެ ލިސްޓަށް 37 ނަމެއް އިތުރުކުރުމަށް އެ އިއްތިހާދުން ވަނީ ތައްޔާރުވެފައި
 
އީރާނުގައި މުޒާހަރާކުރާ ފަރާތްތަކާމެދު އަމަލުކުރަމުން ދަނީ އަނިޔާވެރި ގޮތަކަށް

އިންސާނީ ހައްގުތަކުގެ ނަމުގައި ހުޅަނގުގެ ބާރުތަކުން، އެ ނޫން ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަކީ ސިލްސިލާ ގޮތެއްގައި ކުރަމުންދާ ކަމެކެވެ. ޖެނުއަރީ 23 ވަނަ ދުވަހަކީވެސް އެ ސިލްސިލާއަށް އާ ބާބެއް އިތުރުކުރި ދުވަހެކެވެ. އީރާނުގައި ކުރިއަށްގެންދިޔަ މުޒާހަރާތަކާ ދެކޮޅަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ރަހުމެއް ނެތް ބާރުގެ ބޭނުންކޮށްފައި ވާކަމަށް ބުނެ، ވިލާތުގެ އިއްތިހާދުން ވަނީ އީރާނާ ދެކޮޅަށް، ދަތި ކުރުމުގެ އާ ފިޔަވަޅުތަކެއް އަޅާނެކަން އިއުލާންކޮށްފައެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކުގެ އާ ބާބެއް ވިލާތުގެ އިއްތިހާދުން ހުޅުވާލިކަމުގައި ވީނަމަވެސް، އީރާން އަސްކަރިއްޔާގެ އެންމެ ނުފޫޒުގަދަ އަދި ބާރުގަދަ ގޮފީގެ ގޮތުގައި އޮތް ރިވަލޫޝަނަރީ ގާޑް (އައިއާރްޖީސީ)އަކީ ޓެރަރިސްޓް ޖަމާއަތެއްކަމުގައި ކަނޑައެޅެން އޮތް ހަމަ އެކަނި ގޮތަކީ ކޯޓުގެ ނިންމުމެއް ކަމަށްވެސް، ވިލާތުގެ އިއްތިހާދުގެ އެންމެ އިސް ޑިޕްލޮމެޓް ވަނީ ވިދާޅުވެފައެވެ.

އީރާނުގެ މައްސަލާގަ އަހަރުމެން މިއުޅެނީ އިންސާނީ ހައްގުތަކުގެ ގާނޫނީ އޮނިގަނޑާ އެއްގޮތަށް، ފަރުދީ ފެންވަރުގައި ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އެޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރަން. އެކަމަކު، ރިވަލޫޝަނަރީ ގާޑުންނަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ކަނޑައެޅުމާމެދު ތަކުރާރުކޮށް ބުނަން އޮތް ވާހަކައަކީ، އެކަން އެންމެ ފުރަތަމަ ކުރަން ޖެހޭނީ މެންބަރު ގައުމެއްގެ ކޯޓަކުންނޭ.
ޖޯސެފް ބޮރެލް؛ އީޔޫގެ ފޮރިން ޕޮލިސީ ޗީފް

27 މެންބަރު ގައުމު އެކުލެވޭ ވިލާތުގެ އިއްތިހާދާއި އީރާން ސަރުކާރާ ދެމެދު ގުޅުން ހީނަރުވާން ފެށީ، އީރާނުގެ ނިއުކްލިއަރ މަޝްރޫއަށް ސުލްހަވެރި ހައްލެއް ހޯދުމުގެ ނަމުގައި ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމުތަކުން ކުރިއަށްގެންދާ މަޝްވަރާތައް މަޑުޖެހިފައި އޮތް އޮތުން ބަދަލު ނުކުރެވި، ދިގުލައި ދާންފެށި ހިސާބުންނެވެ. އަދި އެ ގުޅުން އޭގެ އެންމެ އިންތިހާއަށް ހީނަރުވާންފެށީ، ވިލާތަށް ނިސްބަތްވާ ބައެއް މީހުން ހައްޔަރު ކުރުމުގެ މަސައްކަތް އީރާނުން ކުރަން ފެށި ހިސާބުންނެވެ.

އީރާނުގައި މުޒާހަރާކުރާ ފަރާތްތަކާމެދު އަމަލުކުރަމުން ދަނީ އަނިޔާވެރި ގޮތަކަށް ކަމަށާއި، އޭގެތެރޭގައި ބައެއް މީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުންފަދަ ކަންކަން ހިމެނޭކަން ފާހަގަކޮށް، ވިލާތުގެ އިއްތިހާދުން އީރާނަށް އަމާޒުކުރަމުންދާ ފާޑުކިއުންތަކުގެ އަޑުފަށްގަނޑު ގަދަކުރަމުންދާތާ ދުވަސްކޮޅެއް ވަނީ ވެފައެވެ. އަދި ޔޫކްރެއިންއަށް އަރައި، ވަރުގަދަ ހަނގުރާމައެއް ކުރަމުންދާ ރަޝިއާއަށް، އީރާނުން ޑްރޯން ފޯރުކޮށްދޭ ކަންވެސް ވިލާތުގެ އިއްތިހާދުން ފާޑުވެރި ރޫހެއްގައި ފާހަގަކުރެއެވެ.

ވިލާތުގެ އިއްތިހާދުގެ މިވަގުތު ރިޔާސަތު ބަލަހައްޓަމުން ދަނީ، އިސްލާމް ދީނާ ދެކޮޅަށް ވަރުގަދަ ކެމްޕޭންތަކެއް ކުރަމުންދާ ސްވީޑްންއިންނެވެ. ސްވީޑްންގެ ރިޔާސަތުގެ ދަށުން ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބަލައިގަތް ދަތިކުރުމުގެ އާ ފިޔަވަޅުތަކުގެ ޕެކޭޖް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އީރާނުގައި ކުރަމުންދާ މުޒާހަރާތައް ކޮންޓްރޯލްކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށެވެ.

ވިލާތުގެ އިއްތިހާދުގެ ފަރާތުން ރޮއިޓަރޒްއާ ވާހަކަދެއްކެވި ބައެއް ޑިޕްލޮމެޓުން ވިދާޅުވިގޮތުގައި، ވިލާތަށް ދަތުރުކުރުން މަނާ، އަދި އެސެޓް ފްރީޒް ކުރުމުގެ ލިސްޓަށް 37 ނަމެއް އިތުރުކުރުމަށް އެ އިއްތިހާދުން ވަނީ ތައްޔާރުވެފައެވެ. އޭގެ ތެރޭގައި ވަކިވަކި ފަރުދުންނާއި އިދާރާތަކެއްވެސް ހިމެނެއެވެ.

ކަން މިހެން އޮތްއިރު، ޔޫރަޕިއަން ޕާލަމެންޓުންވަނީ އައިއާރްޖީސީއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމުގައި ކަނޑައެޅުމަށް، ވިލާތުގެ އިއްތިހާދަށް ގޮވާލާފައެވެ. ސަބަބެއްކަމުގައި ބުނަނީ، އީރާނުގައި 4 މަސްދުވަހަށް ދިގުލައި ގޮސްފައިވާ މުޒާހަރާތައް ހުއްޓުވަން މަސައްކަތްކުރުމާއި ރަޝިއާއަށް ޑްރޯން ސަޕްލައި ކޮށްދިނުމެވެ.

އައިއާރްޖީސީއަކީ، 1979 ވަނަ އަހަރު އީރާނަށް ގެނައި އިސްލާމީ އިންގިލާބަށްފަހު، އެ ގައުމުގައި އޮތް ޝީއީ އިމާމުންގެ ވެރިކަމުގެ ނިޒާމުގެ ހިމާޔަތަށް އުފެއްދި ވަރުގަދަ އަސްކަރީ ފައުޖެކެވެ. އެއްގަމާއި ކަނޑާއި ވައިގެ އަސްކަރީ ލަޝްކަރާއެކު އައިއާރްޖީސީގެ ފައުޖުގައި ހިމެނޭ މެންބަރުންގެ އަދަދު، 125000ށް އަރައެވެ. މުޒާހަރާތައް ކޮންޓްރޯލްކުރުމުގެ ނަމުގައި ނެރޭ ބަސީޖު ފައުޖަށް ކޮމާންޑްކުރަނީވެސް އައިއާރްޖީސީއިންނެވެ.

ކަން މިހެން އޮތްއިރު، ޓެރަރިސްޓް ޖަމާއަތެއްގެ ދަރަޖަ ދެވެން އޮތީ ވިލާތުގެ އިއްތިހާދުގެ މެންބަރު ގައުމެއްގެ ކޯޓަކުން، ރަސްމީ ލިޔެކިއުންތަކާއެކު އެފަދަ ކަމެއް ނިންމުމުން އެކަނި ކަމަށްވެސް ވިލާތުގެ އިއްތިހާދުގެ ފޮރިން ޕޮލިސީ ޗީފް، ޖޯސެފް ބޮރެލް ވަނީ ވިދާޅުވެފައެވެ.

އީރާނުން ވަނީ، އައިއާރްޖީސީއަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ކަނޑައެޅުމާ ދެކޮޅަށް ވިލާތުގެ އިއްތިހާދަށް އިންޒާރު ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް