ދެމެހެއްޓެނިވި ވެއްޓެއް ޤާއިމު ކުރުމަށްޓަކާ، ތިމާއަކީ ކޮންމެހެން ތިމާވެށީގެ ދާއިރާގައި މަސައްކަތް ކުރާ މީހަކަށް ވާކަށް ނުޖެހެއެވެ. ތިމާވެއްޓަކީ، ތިމާގެ ވަށައިގެންވާ މާޙައުލު ކަމުގައި ވާ ހިނދު، ހަމަ ކޮންމެ މީހަކަށްވެސް ވެށީގެ ދިފާޢުގައި މަސައްކަތްތަކެއް ކުރެވިދާނެއެވެ. ތިމާވެށި ރައްކާތެރި ކުރުމަށްޓަކާ، ދެމެހެއްޓެނިވި އުސޫލުތައް ޚިޔާރުކޮށް، ވެއްޓާ ރައްޓެހި، އިޔާދަ ކުރަނިވި އާދަތައް އަށަގެންނެވޭތޯ މަސައްކަތް ކުރެވިދާނެއެވެ.
އެންމެ ސާބިތު ކަމާއެކީ އެކަން ދައްކައިދެމުންދާ އެއް ތަނަކީ ބޮސްނިއާގެ ދަނޑެކެވެ. ޒަމާނީ ފެންވަރުގެ ޓެކްނޮލޮޖީގެ ވަސީލަތްތަކުން މުއްސަނދި ކޮށްފައި ވާ އެ ދަނޑަކީ ކިރުގެ އުފެއްދުންތަކަށް ހާއްސަ ދަނޑަކަށް ވީ ނަމަވެސް، އެ ދަނޑު ހާއްސަވާ އެންމެ މުހިންމު އެއް ސަބަބަކީ، ހަކަތައިގެ އަގުތައް އިންތިހާއަށް އުފުލި، ދައުލަތުން ދޭ ސަބްސިޑީއަށް ބަރޯސާވާން ޖެހިފައި ވަނިކޮށް، އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކާ، އިޔާދަ ކުރަނިވި ހަކަތައިގެ ރާސްތާއިން ކުރިއަށް ދިއުމަށް މަސައްކަތް ކުރުމެވެ.
"ސްޕްރެކާ"އޭ ކިއާ މި ދަނޑަކީ، ނާމްސޫފީގެ ބޮޑުކަމުދާ ތަކެއްޗާއި، ދަނޑުން ބޭކާރުވާ އެނޫންވެސް އެކި ކަހަލަ އޯގޭނިކް މާއްދާތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް، ބުރަ މަސައްކަތްތަކެއް ކުރަމުން ދާ ދަނޑެކެވެ. ނާމްސޫފީގެ ބޮޑުކަމުދާ ތަކެއްޗާއި، ދަނޑުން ބޭކާރުވާ އެނޫންވެސް އެކި ކަހަލަ އޯގޭނިކް މާއްދާތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް، ހިންގާ މި މަޝްރޫއަކީ، އިޔާދަ ކުރަނިވި މަސްދަރުތަކުން ހަކަތަ ހޯދުމަށް ބޮސްނިއާގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ އެއް ރޫޙެއްގައި ހިންގާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން "ސްޕްރެކާ" ދަނޑުގައި އިޔާދަ ކުރަނިވި ހަކަތަ އުފައްދަމުން ދާ ގޮތަށް ބަލާއިރު، އާންމު ގެއެއްގައި މަހެއްގަ މައްޗަށް ބޭނުންވާ ކުރާ ވަރަށް ވުރެވެސް އިތުރަށް، އެންމެ 1 ގަޑިއިރުގެ ތެރޭގައި ކަރަންޓު އުފައްދައެވެ. "ސްޕްރެކާ" ދަނޑުގައި ހަކަތަ އުފެއްދުމުގެ މަސައްކަތް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިވަގުތު އޮޕަރޭޓް ކުރަމުންދަނީ ހަކަތަ އުފައްދާ ޕްލާންޓްގެ ކެޕޭސިޓީއަށް ބަލާއިރު އެންމެ 50 ޕަސެންޓާއި 60 ޕަސެންޓާ ދެމެދު މިންވަރަކަށެވެ. އެއީ ކަމާ ބެހޭ ރެގިއުލޭޓަރުން އެކަން ހަމަޖައްސާފައިވާ މިންގަނޑެވެ. ޕްލާންޓްގެ ފުރިހަމަ ކެޕޭސިޓީގައި ހަކަތަ އުފައްދަން ފަށަ ހިސާބުން، ގަޑިއަކު 600 ކިލޯވޮޓްގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ލިބިގެންދާނެކަމަށް މަޢުލޫމާތު ލިބެއެވެ.
މި ދަނޑިވަޅަކީ، މީގެ އަހަރެއްހާ ދުވަސް ކުރިން، ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ، ހަނގުރާމަ ފެށި ފަހުން ބައިނަލްއަޤުވާމީ ބާޒާރުގައި ގަސްކަނާއާއި ކާބޯތަކެތި އަދި ހަކަތައިގެ އަގުތައް އިންތިހާއަށް އުފުލިފައި ވާ ދަނޑިވަޅެކެވެ.
"ސްޕްރެކާ" ދަނޑުގައި ޑައިރެކްޓަރެއްގެ މަޤާމުގައި ހުރި ސައީދު ކަރިޗް ބުނި ގޮތުގައި، ގެރިއާއި ކުކުޅުގެ ބޮޑުކަމުދާ ތަކެއްޗާއި ޒުވާރި ގަސްތަކުން ބޭކާރުވާ ބައިގެ އިތުރުން، ދަނޑުން ބޭކާރުވާ އެނޫންވެސް އެކި ކަހަލަ އޯގޭނިކް މާއްދާތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ ޚިޔާލު އެންމެ ފުރަތަމަ އުފަންވީ، މީގެ 10 ވަރަކަށް އަހަރު ކުރިން ކަމަށެވެ.
މިހާރު ފެންނަމުން މިދަނީ ފަރމެންޓަރޒް. ބައޮގޭސް ޕްލާންޓް އަމާޒުކޮށްފަ މި ވަނީ އިޔާދަ ކުރަނިވި މަސްދަރުތަކުން ކަރަންޓުގެ ހަކަތަ އުފައްދަން. މިއީ ގިނަ މަރުހަލާތަކެއް އެކުލެވޭ ކަމެއް. ބާވަތްތައް އެއްކުރަން ހާއްސަ ތަނަކާއި، މިކްސްޗަރު އެކުލެވޭ ފަރމެންޓަރޒްއަށް ހާއްސަ ތަނަކާ، ބައޮގޭސް ރައްކާ ކުރާނެ ޔުނިޓް، އަދި ހަކަތަ އުފައްދާނެ އިންޖީނުތައްވެސް ހިމެނޭ.ސާއިދު ކަރިޗް؛ ފަރމް ޑައިރެކްޓަރ
ޕްރޮޖެކްޓް ލީޑަރެއްގެ ގޮތުގައި ހުރި މިރްޞާދު ތުރްސުނޮވިޗްއާއި ކަރިޗް ފާހަގަ ކުރާ ގޮތުގައި، މިއީ ބޮސްނިއާގެ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބޮސްނިއާކް-ކްރޮއޭޓް ފެޑަރޭޝަންގައި ހިންގާ މިފަދަ ފުރަތަމަ މަޝްރޫއުވެސްމެއެވެ.
"ސްޕްރެކާ" ދަނޑަކީ އިހުގެ ދަނޑުތަކާ ޚިލާފަށް، އޮޓޮމޭޝަންއާއި ޒަމާނީ ޓެކްނޮލޮޖީގެ ކުރިއެރުންތައް ލިބިފައިވާ މެޝިނަރީތައް ބޭނުން ކުރަމުން ދާ ދަނޑެކެވެ. މި މަޝްރޫއަށް ސަރުކާރުން އެއްބާރުލުން ލިބޭ އިރު، ފަންޑް ކުރަނީ ސަރެއޭވޯ މިލްކޯޒްއިންނެވެ.
ބޮސްނިއާގެ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީގެ 20 ޕަސެންޓް ހިއްސާ ކުރަނީ ހަކަތައިގެ އުފެއްދުންތެރިކަމެވެ. ބޯލްކަން ސަރަޙައްދަށް ބަލާއިރު، ކަރަންޓް އެކްސްޕޯޓް ކުރާ ހަމައެކަނި ޤައުމަކީވެސް ބޮސްނިއާއެވެ. އޭގެ 60 ޕަސެންޓަކީ، ބޯޓުދެލި އަންދާ ޕްލާންޓްތަކުން އުފައްދާ ހަކަތައަށް ވާ އިރު، ބާކީ އޮތް ބައިގެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ ފެނުން އުފައްދާ ހަކަތަ ކަން ފާހަގަ ކުރަން ޖެހެއެވެ.
މީ ވިލާތުގެ މިންގަނޑުތަކަށް ފެތުމާ ގާތަށް ޖެހިލަން އެޅި ފިޔަވަޅެއް. ވަކިން ހާއްސަކޮށް، އަސާސީ ދަނޑުވެރިކަމުގެ ސިނާޢަތަކީ އޭގެ ޒާތުގައި، މާ ބޮޑު މާލީ ފައިދާއެއް ނުލިބޭ ދާއިރާއަކަށް ވާ އިރު، މީ، ފައިދާ އިތުރު ކުރަނިވި އިޤްތިޞާދީ މޮޑެލްގެ ރަމްޒެއް.ސާއިދު ކަރިޗް؛ ފަރމް ޑައިރެކްޓަރ
ބޮސްނިއާގެ 2 ސަރަޙައްދު ކަމަށް ވާ ބޮސްނިއާކް-ކްރޮއޭޓް ފެޑަރޭޝަންއާއި ސަރބް ރިޕަބްލިކްއިން ވަނީ، އިޔާދަ ކުރަނިވި މަސްދަރުތަކުން ހަކަތަ އުފައްދާ މިންވަރު، 2030 ވަނަ އަހަރު އަންނައިރު އިތުރު ކުރުމަށް ވަޢުދުވެފައެވެ. ނަމަވެސް ޔޫކްރައިންގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ ގޮންޖެހުންތަކާއި ހަލަބޮލިކަމާއެކު، އެ ވަޢުދުތައް ޙަޤީޤަތަކަށް ހެދުމަށް ހިސާބެއްގެ ގޮންޖެހުންތަކަކާ ވަނީ ކުރިމަތި ކުރުވާފައެވެ.
ދަނޑުގައި ހުރި ބައެއް އިމާރާތްތަކުގެ ހޫނު ހިފެހެއްޓުމަށް މިހާރުވެސް ބޭނުން ކުރަމުން ދަނީ، ދަނޑުގައި އުފެދޭ ބައޮގޭސް ފަރމެންޓް ކުރުމުގެ މަރުހަލާގައި އުފެދޭ ހަކަތައެވެ.