ފޯމް ދަށްވެފައި އޮތް މެންޗެސްޓަރ ސިޓީން ފަހަތުން އަރާ ޓޮޓެންހަމް ބަލިކޮށް, ތަފާތު ފޯމެއް ދައްކައިފިއެވެ.
އަމިއްލަ ދަނޑުގައި ސިޓީން މެޗު ކާމިޔާބުކުރީ ފުރަތަމަ ހާފްގައި 2-0 ގެ ލީޑެއް ޓޮޓެންހަމްއިން ހޯދާފައިވަނިކޮށް, ދެވަނަ ހާފްގައި ހަތަރު ލަނޑު ޖަހައިގެންނެވެ. މެޗު މެންޗެސްޓަރ ސިޓީން ކާމިޔާބުކުރީ 4-2 ނެވެ. ފުރަތަމަ ހާފްގައި ޓޮޓެންހަމްއިން ދެ ލަނޑު ޖެހީ ހާފްގެ ފަހު މިނިޓާއި, އިތުރު ވަގުތުގައެވެ. ފުރަތަމަ ގޯލް ޖެހީ ކުލުސެވުސްކީއެވެ. ދެވަނަ ގޯލް ޖެހީ އެމާސަން ރޯޔަލްއެވެ. ދެވަނަ ހާފް ފަށައިގެން ހަވަނަ މިނިޓްގައި ސިޓީއަށް ފުރަތަމަ ގޯލް ޖަހައިދިނީ އަލްވާރޭޒްއެވެ. އޭގެ މިނިޓެއް ފަހުން ނަތީޖާ ހަމަހަމަކޮށްދިނީ ހާލާންޑެވެ. މެޗުން މޮޅުކޮށްދިން ލަނޑާއި, ލީޑް ފުޅާކޮށްދިން ލަނޑު ޖެހީ ރިޔާދު މާރޭޒްއެވެ. އޭނާ ލަނޑުޖެހީ63 ވަނަ މިނިޓާއި, 90 ވަނަ މިނިޓްގައެވެ. މެޗުގައި ހާލާނަޑް ލަނޑުޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީވެސް މެޗުގެ މޮޅު ކުޅުންތެރިޔާ މާރޭޒްއެވެ.
މިމޮޅާއެކު ސިޓީން ވަނީ އެއްވަނާގައި އާސެނަލްއާ ދެމެދު އޮތް ފަރަގު މިވަގުތަށް ފަސް ޕޮއިންޓަށް ކުޑަކޮށްފައެވެ. އަދި ތިންވަނާގައި އޮތް މެންޗެސްޓަރ ޔުނައިޓެޑްގެ މައްޗަށް ތިން ޕޮއިންޓްގެ ލީޑެއް ނަގާފައެވެ.