ޕާކިސްތާނުގެ ހުޅަނގު އުތުރު ޕްރޮވިންސެއް ކަމަށްވާ ޚައިބަރ ޕަޚްތުންޚުވާގެ އެސެމްބްލީ ނުވަތަ ގާނޫނު ހަދާ މަޖިލީސް އުވާލައިފިއެވެ. އޭގެ ކުރިން މިހަފުތާގެ ހޮނިހިރު ދުވަހު ވަނީ، އެންމެ އާބާދީ ބޮޑު ޕްރޮވިންސް ކަމަށްވާ ޕަންޖާބްގެ އެސެމްބްލީވެސް އުވާލާފައެވެ. މިއާއެކު ޕާކިސްތާނުގެ ހަތަރު ޕްރޮވިންޝަލް އެސެމްބްލީގެ ތެރެއިން ދެ އެސެމްބްލީ މިވަނީ އުވާލާފައެވެ. މި ދެ އެސެމްބްލީގައިވެސް އޮންނަނީ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީ ތަހްރީކޭ އިންސާފްގެ އަޣުލަބިއްޔަތެވެ. އަދި ދެ އެސެމްބްލީ އުވާލާފައިވަނީ އާންމު އިންތިޚާބު އަވަސްކުރުމަށް ބާރުއަޅުއްވައި އިމްރާން ޚާން އެޅުއްވި ފިޔަވަޅެއްގެ ގޮތުގައެވެ.
ޕާކިސްތާނުގައި ފެޑަރަލް އަދި ޕްރޮވިންޝަލް އިލެކްޝަން ބާއްވަނީ އާންމުކޮށް އެކުއެކީގައެވެ. ޕްރޮވިންޝަލް އެސެމްބްލީއެއް އުވާލާތާ ތިން މަސް ދުވަހުގެ ތެރޭގައި އަލުން އިންތިޚާބު ބާއްވަން ޖެހެއެވެ. ޕާކިސްތާނުގެ މުޅި އާބާދީގެ 70 އިންސައްތަ ނިސްބަތްވަނީ ޕަންޖާބް އަދި ޚައިބަރ ޕަޚްތުންޚުވާއަށެވެ. ވީމާ އުވާލެވުނު ދެއެސެމްބްލީ އަލުން ހޮވުމަށް، ޕާކިސްތާނުގެ މުޅި އާބާދީގެ 70 އިންސައްތަ ވޯޓުލާނެއެވެ. އެހެންކަމުން އެސެމްބްލީ އިންތިޚާބާއެކުއެކީ އާންމު އިންތިޚާބުވެސް ބޭއްވުމަށް، ޕީޓީ އައިގެ ލީޑަރ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ދަނީ ގޮވާލައްވަމުންނެވެ.
މިހާރު އޮތްގޮތުން އާންމު އިންތިޚާބު ބާއްވާނީ މިއަހަރުގެ އޮކްޓޯބަރު މަހުއެވެ.
ގާނޫނު ހަދާ މަޖިލީހުގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، މިދިޔަ އަހަރުގެ އޭޕްރިލް މަހު މަގާމުން ވަކިކުރެވުނު ފަހުން އިމްރާން ޚާން ގެންދަވަނީ އަވަސް އިންތިޚާބަކަށް ގޮވާލައްވަމުންނެވެ.
މިހާރުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީޕްގެ ކޯލިޝަން ސަރުކާރަކީވެސް މާބޮޑަށް އާންމުންގެ ތާއީދު ލިބެމުންދާ ސަރުކާރެއް ނޫނެވެ.
އަނެއް ކޮޅުން ސަރުކާރުންވެސް ގެންދަނީ އިމްރާން ޚާނަށް އެކިއެކި ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.