ކ. މާލެ
|
18 ޖެނުއަރީ 2023 | ބުދަ 13:31
ޖެނުއަރީ 15 ވީ އާދީއްތަ ދުވަހަކީވެސް ޔެކޫސްތުކްއަށް އާދަޔާ ޚިލާފު ދުވަހަކަށް، އާދަޔާ ޚިލާފަށް ފިނި ގަދަވި ދުވަހަކަށް
ޔެކޫސްތުކްގެ މޫސުން
"ސިއްރަކީ ކެބެޖެއްހެން ހެދުން އެޅުން"
އެންމެ ފިނިގަދަ ސިޓީގެ ރެކޯޑް އޮންނަނީ، 350000 އެއްހާ މީހުންގެ އާބާދީއެއް އޮތް ޔެކޫސްތުކްގައި
އެ ފިނި ސިޓީގައިވެސް ގަނޑުކުރި މަސް ވިއްކުމުގެ މަސައްކަތް ކުރިއަށް ދޭ، އެ މަސައްކަތަށް، ފުރިޖެއް ނުވަތަ ފްރީޒަރެއްވެސް ބޭނުމެއް ނުވޭ

މޫސުމުގެ ވާހަކަދައްކާނަމަ އެތަނެއްގެ ވާހަކަ ކޮންމެހެންވެސް ދައްކަންޖެހޭ އެއް މަންޒިލަކީ ރަޝިއާގެ ސައްޚާ ރިޕަބްލިކްގެ ވެރިކަން ކުރާ ޔެކޫސްތުކްއެވެ. މައިންކުރުމުގެ ސިނާޢަތަށް ބަރޯސާވެފައިވާ ޔެކޫސްތުކްއަކީ ރަޝިއާގެ ސަރަޙައްދީ ސިޓީތަކުގެ ތެރެއިން އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސިޓީއެވެ. ޖިއޮގްރަފީ ގޮތުން ބަލާއިރު ޔެކޫސްތުކް އޮންނަނީ، ދުނިޔޭގެ އުތުރު ތަނޑީގެ ދެކުނުން އެންމެ 450 ކިލޯމީޓަރު ދުރުގައެވެ. ނަތީޖާއެއްގެ ގޮތުން، ޔެކޫސްތުކްގެ މޫސުމަކީ އާދަޔާ ޚިލާފު މޫސުމެކެވެ. ދުނިޔޭގެ ނިސްބަތުން ބަލާލި ކަމުގައި ވީ ނަމަވެސް، އެންމެ ފިނިގަދަ ސިޓީގެ ރެކޯޑް އޮންނަނީ، 350000 އެއްހާ މީހުންގެ އާބާދީއެއް އޮތް ޔެކޫސްތުކްގައެވެ.

ޖެނުއަރީ 15 ވީ އާދީއްތަ ދުވަހަކީވެސް ޔެކޫސްތުކްއަށް އާދަޔާ ޚިލާފު ދުވަހަކަށެވެ. އާދަޔާ ޚިލާފަށް ފިނި ގަދަވި ދުވަހަކަށެވެ. ރެކޯޑްތަކުން ދައްކާ ގޮތުގައި އާދީއްތަ ދުވަހު، ޔެކޫސްތުކްގެ ފިނިހޫނުމިން ވަނީ މައިނަސް 50 ޑިގްރީ ސެލްސިއަސްއަށް ދަށަށް ގޮސްފައެވެ. މިއީ ތާ އަބަދު އިންތިހާ ފިނިކަން ތަހައްމަލު ކުރަމުންދާ ޔެކޫސްތުކްއަށްވެސް އާދަޔާ ޚިލާފު މިންވަރެކެވެ. ފިނިހޫނުމިން، 40 ޑިގްރީ ސެލްސިއަށްވުރެ ދަށަށް ވެއްޓޭ މަންޒަރަކީ، ޔެކޫސްތުކްގެ ރަށްވެހިންނަށް އާންމު މަންޒަރެކެވެ.

ޔެކޫސްތުކްގެ ވަޒަންވެރިން ވަނީ، އެމީހުންނަށް އެންމެ ފުރިހަމައަކަށް ތައްޔާރުވެފައެވެ. އެނެސްތޭޝިއާ ގްރޫޒްދޭވާ ބުނާ ގޮތުގައި، ގަދަ ފިންޏާ ދެކޮޅަށް ހަނގުރާމަ ކުރެވޭކަށް ނެތެވެ. ކުރެވެން އޮތްހާވެސް ކަމަކީ، އެކަމަށް ހަށިގަނޑު ހޭނުވުމެވެ. އަދި އެކަށީގެންވާ ގޮތަށް ހެދުން އެޅުމެވެ. ނުތަވަ، އިންތިހާ ވޭނުގައި، ތަކުލީފު އުފުލުމެވެ.

އާދަޔާ ޚިލާފު ގަދަ ފިންޏާ ދެކޮޅަށް ހަނގުރާމައެއް ނުކުރެވޭނެ. މިކަމަށް ހޭނެން ޖެހޭނީ. އެކަށީގެންވާ ގޮތަށް ހެދުން އަޅަން ޖެހޭނީ. އެހެން ނޫނީ ހަމަ ވޭނުގަ އުޅެން ޖެހޭނީ. މީ އަސްލު ވަރަށް ފަސޭހަ ކަމެއް. އަހަރެން މި އުޅެނީ ފިނިއިރު ލާ ކަހަލަ 2 އަންގި ލައްވައިގެން. 2 ސްކާފް އަޅައިގެން. ހޫނު ހިފަހައްޓާ ބޫޓު ކޮންމެހެންވެސް ބޭނުންވާނެ. ކޮންމެ ގޮތެއް ހަދާފަވެސް ބޯ ނިވާ ކުރަން ޖެހޭޏެ. މި ހުރިހާ ކަމަކީވެސް ވަރަށް މުހިންމު ކަންކަން. ހޫނު ހިފަހައްޓާ ހަރުވާޅުވެސް މުހިންމު. އެއީ އެންމެ ބޮޑަށް ހޫނު ބޭރު، ހަށިގަނޑުން ހޫނު ގެއްލިގެން ދާނީ ފަޔާ ހިސާބުން ކަމަށް ވާތީ. ފައި ފިނިވެއްޖިއްޔާ މީހާއަށް ފިނި ވާނޭ. އެހެންވީމަ، ހޫނު ހިފަހައްޓާ ގޮތަށް ހެދުން އަޅަންވާނީ.
އެނެސްތޭޝިއާ ގްރޫޒްދޭވާ؛ ޔެކޫސްތުކްގެ ރަށްވެއްސެއް

އެނެސްތޭޝިއާ ގްރޫޒްދޭވާ ބުނި ގޮތުގައި، އެ ސިޓީގައި އޭނާއަށް އިންތިހާ ފިނިކަމެއް ތަޖުރިބާއެއް ނުކުރެވެއެވެ. އެ ސަބަބުތައްވެސް އޭނާ ހިއްސާކުރިއެވެ.

މަށަށް ހީވަނީ ހަމަ ހުރިހާ ކަމެއްވެސް ރަނގަޅުހެން. މަށަކަށް ވަކި ތަފާތެއް ނޫން. މަށަށް ފިނިކަން އިޙްސާސް ކުރެވުނީ ޔެކޫސްތުކްގެ ހުޅަނގު އުތުރުގަ އޮންނަ ޓިޔޮޕްލީ ކްލިޔުޗް އަވަށުގަ. އެތަނުގަ ވަރަށް ފިނިވި. ގަނޑުވެދާ ކަހަލަ އިޙްސާސްއެއް ނުކުރެވޭ. ނޫނީ ވެދާނެ، އަހަރަމެންގެ ސިކުނޑި އެކަމަށް ތައްޔާރު ވަނީ ކަމަށްވެސް. ހުރިހާ ކަމެއް ހަމަ ނޯމަލް ކަމަށް ވިސްނައިދެނީ ކަމަށްވެސް.
އެނެސްތޭޝިއާ ގްރޫޒްދޭވާ؛ ޔެކޫސްތުކްގެ ރަށްވެއްސެއް

އެ ފިނި ސިޓީގައިވެސް ގަނޑުކުރި މަސް ވިއްކުމުގެ މަސައްކަތް ކުރިއަށް ދެއެވެ. އެ މަސައްކަތަށް، ފުރިޖެއް ނުވަތަ ފްރީޒަރެއްވެސް ބޭނުމެއް ނުވެއެވެ. ގަނޑުކުރި މަސް ވިއްކުމުގެ މަސައްކަތުގައި އުޅޭ ނުރްގުސުން ސްޓަރޮސްޓީނާ ބުނާ ގޮތުގައި، އިންތިހާ ގަދަ ފިނީގައި ދިރިއުޅުން ހޭދަ ކުރުމުގެ ފަހަތުގައި މާ ބޮޑު ސިއްރެއް ނެތެވެ. ހުރިހާ ކަމެއްވެސް ގުޅެނީ ކެބެޖަކާއެވެ.

އަހަރަމެން ހެދުން އަޅައިގެން މި ތިބެނީ އެންމެ އެކަށީގެންވާ ގޮތަށް. އަހަރަމެންގެ ހާލު ހަމަ ރަނގަޅު. މި ގޮތް ރަނގަޅު. އަހަރަމެން އުޅެނީ މަސައްކަތްވެސް ކޮށްގެން. ނޫނޭ... އިތުރު ސިއްރެއް މިކަމަކަށް ނެތް. ހަމަ ހޫނު ހިފަހައްޓާ ގޮތަށް ހެދުން އަޅަން ވީ. ވިހާވެސް ގިނަ ލޭޔަރު ހުންނާނެހެން. ކެބެޖެއް ގޮތަށް.
ނުރްގުސުން ސްޓަރޮސްޓީނާ؛ މަސްވިއްކާ މީހެއް

ޔެކޫސްތުކް ސިޓީއަކީ ވަކިން ހާއްސަކޮށް ބޯޓުދެއްޔާއި، ރަން އަދި ޖަވާހިރު މައިންކޮށް، އެކްސްޕޯޓް ކުރުމުގެ މަސައްކަތަށް ހާއްސަވެފައި ވާ ސިޓީއެއް ކަމުން، އަމަލީ ގޮތުން މަސައްކަތުގައި ޝާމިލުވެ އުޅޭ މީހުން ފުދޭ ވަރަކަށް ގިނަ ސިޓީއެކެވެ. މައިން ކުރުމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކެއްގެ ހެޑްކުއާޓަރުވެސް އަޅާފައި ހުންނަނީ ޔެކޫސްތުކްގައެވެ.

- ކޮމެންޓް