ކ. މާލެ
|
16 ޖެނުއަރީ 2023 | ހޯމަ 11:55
ތުރުކީވިލާތަކީ، އަސަދުއާ ދެކޮޅަށް ހިންގާ ހަރަކާތްތަކަށް ސިޔާސީ ފެންވަރުގައްޔާއި އަސްކަރީ ފެންވަރުގައި އެންމެ ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދެމުންދާ އެއް ޤައުމު
ސޫރިޔާއާއި ތުރުކީވިލާތުގެ ގުޅުން
ސޫރިޔާއާއި ތުރުކީވިލާތުގެ ގުޅުން އިޔާދަވާނީ ކިހިނެއް؟
ތުރުކީވިލާތުގެ އަސްކަރީ އިޙްތިލާލީ އަޅުވެތިކަމަށް ނިމުން ގެނެސްގެން މެނުވީ، އިހު އޮތް ގުޅުން އިޔާދަ ކުރުމުގެ ވާހަކަތައް ދެއްކެން ނެތް ކަމަށް ސޫރިޔާގެ ފޮރިން މިނިސްޓަރ ވިދާޅުވި
ތުރުކީވިލާތުން ދަނީ، އެ ޤައުމުގެ އަސްކަރިއްޔާގެ ފައުޖުތަކެއް، ސޫރިޔާގެ އުތުރުގެ ސަރަޙައްދުތަކުގައިވެސް ހަރަކާތްތެރި ކުރުވަމުން

ހީނަރުވެފައިވާ ދޭދޭ ގުޅުންތައް އަލުން ބަދަހިކޮށް އިޔާދަ ކުރެވެން އޮތީ، ތުރުކީވިލާތުން ހިންގަމުންދާ އަސްކަރީ އިޙްތިލާލީ އަޅުވެތިކަމަށް ނުވަތަ މިލިޓަރީ ޕްރެސެންސްއަށް ނިމުން ގެނެސްގެން ކަމަށް، ސޫރިޔާގެ ފޮރިން މިނިސްޓަރ ފައިސަލް މިޤްދާދު ވިދާޅުވެއްޖެއެވެ.

އީރާނުގެ ފޮރިން މިނިސްޓަރާއެކު ސޫރިޔާގެ ވެރިރަށް ދިމިޝްކުގައި ކުރިއަށް ގެންދެވި މަޝްވަރާތަކަކަށް ފަހު ވާހަކަދައްކަވަމުން މިޤްދާޑު ވިދާޅުވީ، ތުރުކީވިލާތުގެ އަސްކަރީ އިޙްތިލާލީ އަޅުވެތިކަމަށް ނިމުން ގެނެސްގެން މެނުވީ، އިހު އޮތް ގުޅުން އިޔާދަ ކުރުމުގެ ވާހަކަތައް ދެއްކެން ނެތް ކަމަށެވެ.

ތުރުކީވިލާތުން ހިންގަމުންދާ އަސްކަރީ އިޙްތިލާލީ އަޅުވެތިކަމަށް ނިމުން ނުގެނެސް، އިހު އޮތް ދޭދޭ ގުޅުން އިޔާދަ ކުރުމުގެ ވާހަކަ ދެއްކޭކަށް ނެތް. ޓެރަރިޒަމަށް ނިމުން ނުގެނެސް އެ ވާހަކައެއް ނުދެއްކޭނެ. ތުރުކީވިލާތާ ގުޅުން އިޔާދަ ކުރުން ބިނާވާންޖެހޭ ފުރަތަމަ ކަމަކީ އެއީ.
ފައިސަލް މިޤްދާދު؛ ސޫރިޔާގެ ފޮރިން މިނިސްޓަރ

ސޫރިޔާގެ ރައީސް ބައްޝާރު އަލް-އަސަދުއާ ދެކޮޅަށް އެ ޤައުމުގައި ކުރިއަށް ގެންދާ ހަމަނުޖެހުންތައް 12 އަހަރަށް ވުރެ ދިގުލާ ގޮސްފައި ވާ އިރު، ތުރުކީވިލާތަކީ، އަސަދުއާ ދެކޮޅަށް ހިންގާ ހަރަކާތްތަކަށް ސިޔާސީ ފެންވަރުގައްޔާއި އަސްކަރީ ފެންވަރުގައި އެންމެ ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދެމުންދާ އެއް ޤައުމެވެ. ތުރުކީވިލާތުން ދަނީ، އެ ޤައުމުގެ އަސްކަރިއްޔާގެ ފައުޖުތަކެއް، ސޫރިޔާގެ އުތުރުގެ ސަރަޙައްދުތަކުގައިވެސް ހަރަކާތްތެރި ކުރުވަމުންނެވެ.

އަސަދުގެ ސަރުކާރަށް އެންމެ ފާޅުގައި އެއްބާރުލުން ދެމުންދާ ރަޝިއާގެ ސަރުކާރުން ދަނީ، ސޫރިޔާއާއި ތުރުކީވިލާތާ ދެމެދު ހީނަރުވެފައިވާ ދޭދޭ ގުޅުންތައް އިޔާދަ ކުރުމަށް ބާރު އަޅާ، އެކަމަށް އެއްބާރުލުން ދެމުންނެވެ. އެގޮތުން ދޭދޭ ދިފާޢީ ވަޒީރުންގެ މެދުގައި ހުސްވި ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުމުގެ ފަހަތުގައިވެސް އޮތީ ރަޝިއާކަން ފާހަގަ ކުރަން ޖެހެއެވެ. އެ މަޝްވަރާތަކުގެ އަމާޒަކަށްވީ ދޭދޭ ޚާރިޖީ ވަޒީރުން އެއް މޭޒުދޮށަށް ޚާޒިރުކޮށް އެންމެ ފަހުން ދެ ޤައުމުގެ ރައީސުންގެ މެދުގައިވެސް މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ.

ބައްޝާރު އަލް-އަސަދުއާއި ތުރުކީވިލާތުގެ ލީޑަރޝިޕާ ދެމެދު މަޝްވަރާތަކެއް ކުރިއަށް ގެންދިއުން ބަރޯސާވެފައި އޮތީ، މީގެ ކުރިން ތުރުކީވިލާތާއި ސޫރިޔާއާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ރޫޙާ ޚިލާފަށް ދެބަސްވުންތައް އުފެދޭ ގޮތަށް ހުރި ޚިލާފުތައް ނައްތާލުމުގެ މައްޗަށް.
ފައިސަލް މިޤްދާދު؛ ސޫރިޔާގެ ފޮރިން މިނިސްޓަރ

ސޫރިޔާއަށް އެންމެފާޅުގައި އެއްބާރުލުން ދެމުންދާ އަނެއް ޤައުމަކީ އީރާން ކަމަށް ވާއިރު، އީރާނު ސަރުކާރުގެ ފޮރިން މިނިސްޓަރ ޙުސައިން އާމިރުޢަބްދުއްލާހިއަންއާއެކު މިޤްދާދް ވަނީ މަޝްވަރާތަކެއް ކުރިއަށް ގެންދަވާފައެވެ. އާމިރުޢަބްދުއްލާހިއަން ވަނީ އަސަދުއާއެކުވެސް މަޝްވަރާތަކެއް ކުރިއަށް ގެންދަވާފައެވެ.

ޖެނުރުއަރީ 13 ވަނަ ދުވަހު އަސަދު ވިދާޅުވީ، ނަތީޖާ ބިނާ ކުރަން ވާނީ، އަސްކަރީ އިޙްތިލާލީ އަޅުވެތިކަމަށް ނިމުން ގެނެސް، ޓެރަރިޒަމަށް އެއްބާރުލުން ދެމުންދާ ދިއުން ހުއްޓާލުމުގެ މައްޗަށް ކަމަށެވެ. ހަތިޔާރާއެކު ހަރަކާތްތެރިވާ އިދިކޮޅު ގުރޫޕުތަކުން ހިންގާ އަމަލުތަކަށް ސޫރިޔާގެ ސަރުކާރުން ރިޢާޔަތް ކުރަނީ ޓެރަރިޒަމްގެ އަމަލުތަކެއްގެ ގޮތުގައެވެ.

ކަން މިހެން އޮތް އިރު، ތުރުކީވިލާތުގެ ފޮރިން މިނިސްޓަރ، މެވްލޫތު ކާވުސޮގްލޫ ވަނީ ފެބުރުއަރީ މަހުގެ ކުރީކޮޅު، މިޤްދާދުއާ ބައްދަލު ކުރެއްވުން އެކަށީގެންވާކަމަށް ވިދާޅުވެފައެވެ.

ނަމަވެސް، މިފަދަ އެއްވެސް މަޝްވަރާތަކެއްގެ ވަގުތާ ބެހޭ ގޮތުން، ސޫރިޔާއިން ރަސްމީ ސިފައެއްގައި އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. އެފަދަ މަޝްވަރާތަކެއް ވެގެންދާނީ 2011 ވަނަ އަހަރު ސޫރިޔާގައި ހަނގުރާމަ ފެށި ފަހުން، ތުރުކީވިލާތާއި ސޫރިޔާއާ ދެމެދު ކުރިއަށް ގެންދާ އެންމެ މަތީ ފަންތީގެ މަޝްވަރާތަކަށެވެ.

- ކޮމެންޓް