ކ. މާލެ
|
15 ޖެނުއަރީ 2023 | އާދީއްތަ 17:03
ވައިރަހުގެ ދިރާސާތައްކޮށް، ޖެނޯމް ސީކުއަންސިންގ ނަތީޖާތައްވެސް ހިއްސާކޮށްފައި ވާނެކަމަށް ވޭންގް ވަނީ ވިދާޅުވެފައި
ކޮވިޑް-19
ޗައިނާގެ ކޮވިޑް އިޖާބައާމެދު ދެކެންވީ ގޮތް އެ ގައުމުން ކިޔައިދީފި
ވޭންގް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނީއްސުރެ، ބައިނަލްއަގުވާމީ މުޖުތަމައާ ޗައިނާއިން މައުލޫމާތު ހިއްސާ ކުރަމުން ގޮސްފައި ވާނީ ދެފުށް ފެންނަ ގޮތަށް ކަމަށް
ޑރ. ޓެޑްރޯޒް ވަނީ، ކޮވިޑް-19އާ ގުޅިގެން ގައުމުތަކުން ރިޕޯޓްކުރަމުންދާ މައުލޫމާތަކީ އިންތިހާ ތަފްސީލީ އަދި އިތުބާރުހިފޭ ތަފާސް ހިސާބުތަކަކަށް ހެދުމަށް ގޮވާލައްވާފައި

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ގުޅިގެން ޗައިނާއިން ދިން އިޖާބައާމެދު، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ)އިން ދެކެންވާނީ ސައިންސްގެ އަލީގައި، މައުގޫލް ނަޒަރަކުން ކަމަށާއި، އެކަމާގުޅޭ ބަޔާންތައް ވާންޖެހޭނީ ސީދާ އެކަމަށް ރިއާޔަތްކުރާ، އަދި ވަކި ފަރާތަކަށް ނުޖެހޭ ބަޔާންތަކަކަށް ކަމަށް، ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވޭންގެ ވެންބިން ވިދާޅުވެއްޖެއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ގަވައިދުން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވޭންގެ މިފަދައިން ވިދާޅުވެފައިވާއިރު، ޑަބްލިއުއެޗްއޯގެ ޑައިރެކްޓަރ ޖެނެރަލް، ޑރ. ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވަނީ، ކޮވިޑް-19އާ ގުޅިގެން ގައުމުތަކުން ރިޕޯޓްކުރަމުންދާ މައުލޫމާތަކީ އިންތިހާ ތަފްސީލީ އަދި އިތުބާރު ހިފޭ ތަފާސް ހިސާބުތަކަކަށް ހެދުމަށް ގޮވާލައްވާފައެވެ.

ޗައިނާ ދިފާއުކުރައްވައި ވާހަކަ ކުރިއަށް ގެންދަވަމުން ވޭންގް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނީއްސުރެ، ބައިނަލްއަގުވާމީ މުޖުތަމައާ ޗައިނާއިން މައުލޫމާތު ހިއްސާ ކުރަމުން ގޮސްފައި ވާނީ ދެފުށް ފެންނަ މޭރުމަކުން ކަމަށެވެ.

ލިބުނު އެންމެ އަވަސް ފުރުސަތެއްގައި، ކޮވިޑް ފެތުރެމުންދާ ކަމުގެ މައުލޫމާތު ޑަބްލިއުއެޗްއޯއާ ހިއްސާކޮށްފައި ވާނެކަމަށާއި، ވައިރަހުގެ ދިރާސާތައްކޮށް، ޖެނޯމް ސީކުއަންސިންގ ނަތީޖާތައްވެސް ހިއްސާކޮށްފައި ވާނެކަމަށް ވޭންގް ވިދާޅުވިއެވެ. ވެކްސިނާއި ބޭސް އުފެއްދުމަށް ދުނިޔޭގެ ފެންވަރުގައި ކުރި މަސައްކަތްތަކަށް، އެކަމުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިފައި ވާނެކަމަށްވެސް ވޭންގް ވަނީ ފާހަގަކުރައްވާފައެވެ.

އަހަރުމެން މި ދަނީ ޑަބްލިއުއެޗްއޯއާ ވަރަށް ގާތުން މަޝްވަރާ ކުރަމުން. މިދިޔަ މަސް ދުވަހުގެ ތެރޭގައި އެކަނިވެސް، ފަންނީ ފެންވަރުގަ 5 ފަހަރެއްގެ މަތިން ވާނީ މުއާމަލާތު ކޮށްފަ. މިދިޔަ ދުވަސްތަކުގަ، ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ވިލާތުގެ އިއްތިހާދާ އޮސްޓްރޭލިއާގެ ކަމުވޮށިގެންވާ ފަރާތްތަކާއެކުވެސް ކޮވިޑް-19އާ ގުޅޭ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ. ވައިރަހުގެ ޖެނޯމިކް ސީކުއަންސިންގ ތަފާސް ހިސާބުތައްވެސް އަހަރުމެން މިދަނީ ކަމާބެހޭ ފަރާތްތަކާ ހިއްސާކުރަމުން. ޑަބްލިއުއެޗްއޯއާ، ބައިނަލްއަގުވާމީ މުޖުތަމައުންވެސް އެކަން ފާހަގަކުރޭ.
ވޭންގް ވެންބިން؛ ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ޗައިނާއިން އެންމެ އެކަށީގެންވާ ގޮތުގައި މައުލޫމާތު ހިއްސާ ކުރަމުން ނުދާކަމުގެ ޝަކުވާއަކީ ބައިނަލްއަގުވާމީ ފެންވަރުގައި އެ ޝަކުވާއެއްގެ އަޑު ގަދަވެފައިވާ ޝަކުވާއެކެވެ. މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ގައުމަކީ ދުނިޔޭގެ 2 ވަނަ އިގްތިސާދުގެ މަގާމުގައި އޮތް ޗައިނާ ކަމީ ދެބަސް ވެވެން އޮތް ހަގީގަތެއް ނޫނެވެ. 2019 ވަނަ އަހަރު ނިމެން ދަނިކޮށް، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ)ގެ ސަމާލުކަމަށް ޗައިނާއިން އެކަން ހުށަހެޅި ނަމަވެސް، ޗައިނާގައި އެ ބަލިމަޑުކަން ފެތުރެމުންދާތާ އޭރުވެސް ދުވަސްތަކެއް ވެފައިވާކަމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ދިޔައީ ތުހުމަތު ކުރަމުންނެވެ. މުޅި ދުނިޔެއަށް ކޮވިޑް-19 ފެތުރިގެން ދިއުމުގެ އެންމެ ބޮޑު އެއް އަސްލަކީވެސް ޗައިނާއިން ސައްހަ މައުލޫމާތު ފޯރުކޮށްދީފައި ނުވުންކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. 

ޑަބްލިއުއެޗްއޯއިން މިހާރުވެސް ދަނީ ދުނިޔޭގެ ކޮވިޑް ހާލަތު ވަޒަން ކުރުމަށް، މެންބަރު ގައުމުތަކާއެކު މަސައްކަތް ކުރަމުންނެވެ. އެގޮތުން ޗައިނާގެ ސައިންސްވެރިންނާ ބައްދަލުކޮށް މަޝްވަރާކުރުމާގުޅޭ މަސައްކަތްތަކެއްވެސް ޑަބްލިއުއެޗްއޯއިން ދަނީ ކުރަމުންނެވެ. 

ޑަބްލިއުއެޗްއޯއިން މިހާރުވެސް ދަނީ ދުނިޔޭގެ ކޮވިޑް ހާލަތު ވަޒަން ކުރުމަށް، މެންބަރު ގައުމުތަކާއެކު މަސައްކަތް ކުރަމުންނެވެ. އެގޮތުން ޗައިނާގެ ސައިންސްވެރިންނާ ބައްދަލުކޮށް މަޝްވަރާކުރުމާގުޅޭ މަސައްކަތްތަކެއްވެސް ޑަބްލިއުއެޗްއޯއިން ދަނީ ކުރަމުންނެވެ.

ކޮވިޑް-19ގެ އަސްލާ ގުޅޭގޮތުން ދުނިޔޭގެސިއްހަތު ޖަމްއިއްޔާއިން ހިންގި ތަހުގީގުތަކުންވެސް، ވައިރަހުގެ އަސްލާމެދު ގޮތެއް ނިންމާފައެއް ނުވެއެވެ. އަދި ދިރާސާގެ ދެވަނަ މަރުހަލާ ކުރިއަށްގެންދަން ޗައިނާއިން ހުރަސް އަޅާފައި ވާ ކަންވެސް ފާހަގަކުރަން ޖެހެއެވެ. ކޮވިޑް-19 ޖައްސާ، ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2)އަކީ ޗައިނާގެ ލެބަކުން ލީކުވީ ވައިރަހެއް ކަމަށް ބުނެ އެ ގައުމަށް އަމާޒު ކުރަމުން ދާ ތުހުމަތުތަކަށް، ޗައިނާއިން އިންކާރުކުރެއެވެ. އަދި ބަލީގެ އަސްލު އޮތީ ޗައިނާގައި ނޫން ކަމުގައިވެސް ވެދާނެކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.

- ކޮމެންޓް