ބޮޑު ތަފާތަކުން ލިވަޕޫލް ބަލިކޮށް, އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގައި ލިވަޕޫލަށްވުރެ ކުރިއަށް ބްރައިޓަން ޖެހިލައިފިއެވެ.
ބްރައިޓަންގެ ދަނޑުގައި އެޓީމުން ލިވަޕޫލް ބަލިކުރީ 3-0ންނެވެ. މިމޮޅާއެކު ބްރައިޓަން ވަނީ 18 މެޗުން 30 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައަށް ޖެހިލާފައެވެ. ލިވަޕޫލް އޮތީ 28 ޕޮއިންޓާއެކު އަށްވަނާގައެވެ. މެޗުން ބްރައިޓަން މޮޅުވީ ދެވަނަ ހާފްގައި ޖެހި ތިން ލަނޑުންނެވެ. ފުރަތަމަ ލަނޑު ދެވަނަ ހާފް ފަށައިގެން ފުރަތަމަ މިނިޓްގައި ޖެހީ ސޮލީ މާޗްއެވެ. ދެވަނަ ލަނޑު އޭނާ ޖެހީ 53 ވަނަ މިނިޓްގައެވެ. ތިންވަނަ ލަނޑު ޖެހީ 81 ވަނަ މިނިޓްގައި ވެލްބެކްއެވެ. ވެލްބެކް ކުޅެން ނުކުތީ ދެވަނަ ހާފްގައި 66 ވަނަ މިނިޓްގައެވެ. ވެލްބެކް ލަނޑުޖަހަން ފުރުސަތު ފަހިކޮށްދިނީވެސް މާޗްއެވެ. މެޗުގެ ފުރަތަމަ ހާފްގައިވެސް ޑޮމިނޭޓްކޮށް ކުޅުނީ ރޮބާޓޯ ޑި ޒާބީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބްރައިޓަންއެވެ. މެޗުން ބަލިވުމުން ލިވަޕޫލާ ގަދަ ހަތަރަކާ ދެމެދު ހަތް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
ލީގުގައި ނޮޓިންގހަމް ފޮރެސްޓް ވަނީ 2-0ން ލެސްޓަ ސިޓީ ބަލިކޮށް 19 މެޗުން 20 ޕޮއިންޓް ހޯދާފައެވެ. 1-0ން ވެސްޓްހޭމް ބަލިކޮށް ވުލްވްސް އޮތީ 17 ޕޮއިންޓާއެކު 16 ވަނާގައެވެ.