ކުޑަކުދިންނަށް ދޭ ދިޔާ ބޭހެއްގައި ސިއްހީ ނުރައްކަލަށް ހުށަހެޅިދާނެ މާއްދާއެއް ހިމެނޭތީ ސަމާލުވުމަށް, މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ)ން އިލްތިމާސްކޮށްފިއެވެ
އެ އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ޔޫރަޕިއަން ރީޖަންގައި ދައުރުވަމުންދާ ކުޑަކުދިންނަށް ދޭ ސިރަޕްތަކުގައި، ސިއްޚީ ނުރައްކަލަށް ހުށަހެޅިދާނެ މާއްދާއެއް ކަމަށްވާ، "ޑައިތްލީން ގްލައިކޯލް" އާއި "އެތްލީން ގްލައިކޯލް" ހިމެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާކަމަށެވެ.
އެ މާއްދާތައް ހިމެނެނީ އިންޑިއާގެ މެރިއަން ބައޮޓެކް ކުންފުނިން އުފައްދާފައިވާ އެމްބްރޮނޯލް ކޯފް ސިރަޕް (Amboronol cough syrup) އަދި ޑޮކް- މެކްސް ސިރަޕް (DOK-MAX syrup) ކިޔާ ދިޔާ ބޭހެއްގައެެވެ.
މިބޭސްތަކަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ ބޭސްތަކެއް ނޫނެވެ. ނަމަވެސް ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސްތައް އިމްޕޯޓް ވުމުގެ ފުރުސަތު އޮތްކަމަށް ވާތީ އެކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.
ފުންޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކުރާއިރު ޙާއްސަ ސަމާލުކަމެއްދީގެން ޕޯޓްތަކުގައި ބަލައި ފާސްކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
މީގެއިތުރުން، މިބޭސްތަކާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އޮތޯރިޓީގެ ހޮޓްލައިން ނަމްބަރު 7200321 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.